މި އަހަރަށް ލަފާކޮށް ސަރުކާރުން ފޮނުވި ބަޖެޓާ ގުޅިގެން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ނެރެފައިވާ ވިޕްލައިންތަކާ ހިލާފުވި ބައެއް މެމްބަރުންނަށް ފިޔަވަޅު އަޅައިފިއެވެ.
ބަޖެޓާ ގުޅިގެން އިދިކޮޅުން ހުށަހެޅި 8 އިސްލާހާއި މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް މުހައްމަދު ރަޝީދު ހުށަހެޅުއްވި ދެ އިސްލާހާ ދެކޮޅަށް ވަކިވަކިން އެމްޑީޕީގެ ޕީޖީ ގުރޫޕުން ވަނީ ތުރީ ލައިން ވިޕް ނެރެފަ އެވެ. ނަމަވެސް އެ ވޯޓުގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުގެ 8 މެންބަރަކު ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.
އެ މެންބަރުންނަށް، މިދިޔަ ދެ ދުވަހު، ފީޖީ ގްރޫޕްގެ ފަރާތުން ޕީޖީ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ސޮއިކުރައްވައި ވަނީ ފިޔަވަޅު އެޅިކަން އަންގަވައި ސިޓީތަކެއް ފޮނުއްވައިފައެވެ. އޭގެ ތެރެއިން ބައެއް މެންބަރުންނަށް ވަނީ ތިން ފިޔަވަޅެއް އެޅިކަން އަންގަވައިފައެވެ.
- މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް
- ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު
- މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ
- މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު
- އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު
- ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު
- ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު
- ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ
"ވަން" އަށް އެނގިފައިވާ ގޮތުގައި މެންބަރު ހަސަން ލަތީފާއި މެންބަރު ރަޝީދުގެ އިތުރަށް މެންބަރު މުހައްމަދު ވަހީދާއި މެންބަރު އިލްޔާސް ލަބީބާއި މަޖިލީހުގެ ނައިބު ރައީސް އީވާއަށްވެސް ތިން ފިޔަވަޅެއް އަޅާފައިވާކަމުގެ ސިޓީތައް ވަނީ ފޮނުވައިފައެވެ.
މެންބަރު ރަޝީދު ވަނީ އޭނާއަށް ތިން ފިޔަވަޅު އެޅިކަން "ވަން" އަށް ކަށަވަރުވެސް ކޮށްދެއްވައިފައެވެ.
މެންބަރު ރަޝީދު "ވަން" އަށް މިއަދު ވިދާޅުވީ ވިޕްލައިނާ ހިލާފުވުމުން އެކި މެންބަރުންނާ މެދު އަމަލުކުރާ ގޮތް ތަފާތުކަމަށާއި މީގެ ކުރިން ވިޕްލައިނާ ހިލާފުވި ބައެއް މެންބަރުންނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށެވެ.
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ހިންގާ ގަވައިދުގެ 39 ވަަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ ތުރީލައިން ވިޕެއް ކަނޑައަޅައިފިނަމަ ޕާލިމެންޓަރީ ގްރޫޕުގެ ކޮންމެ މެންބަރަކު މަޖިލީހަށް ހާޒިރުވުމަށާއި ކަނޑައެޅިފައިވާ ވިޕާއި އެއްގޮތަށް ވޯޓު ދިނުން ލާޒިމު ކަމަށެވެ. ލީޑަޝިޕަށް ގަބޫލުކުރެވޭ ފަދަ ސީރިއަސް ހާލަތެއް މެދުވެރިވެގެން ކުރިން ހުއްދައަށް އެދުމަކާ ނުލައި ތުރީލައިން ވިޕަށް އަމަލުކުރުމަށް މަޖިލީހަށް ހާޒިރު ނުވުމާއި ވޯޓުގައި ބައިވެރި ނުވުމަކީ ކުށެއްކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ހިންގާ ގަވާއިދުގައި އޮންނަ ގޮތުން ވިޕްލައިނާ ހިލާފުވުމުން ފުރަތަމަ ފަހަރު އޮންނަނީ ނަސޭހަތް ދިނުމެވެ. ދެވަނަ ފަހަރު އޮންނަނީ މައާފަށް އެދި އެ ކަން ލިޔުމުން އެންގުމެވެ. ތިންވަނަ ފިޔަވަޅަކީ ޕާޓީގެ ފަރާތުން އެއްވެސް އިނާޔަތެއް ދޭނަމަ، އެ އިނާޔަތްތައް ކަނޑައިލުމެވެ. ހަތަރުވަނަ ފިޔަވަޅަކީ ޕާޓީގެ މަގާމެއްގައި ހުރި ނަމަ އެ މަގާމުން ވަކިކުރުން އަދި ޕާޓީގެ އެތެރޭގެ އިންތިހާބެއްގައި އެއް އަހަރުގެ މުއްދަތަކަށް ކުރިމަތިލުން މަނާ ވުމެވެ. ފަހު ފިޔަވަޅަކަށް އޮންނަނީ ޕާޓީން ވަކިކުރުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު