ޚަބަރު

ސިޓީކައުންސިލުން މަގުކޮނުމުގެ ފީ ބޮޑޫކޮށްގެން ސްޓެލްކޯއިން ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައެއްނުގަތް

އިބްރާހިމް ޒަކީ

މަގު ކޮނުމާއި ޖަންކްޝަން ފަދަ ތަންތަނުގެ މަތި ނަގައިގެން ކުރާ މަސައްކަތާއި މަގު ބަންދުކޮށްގެން ކުރާ މަސައްކަތަށް ނަގާ ފީ 154 ޕަސެންޓު ބޮޑުކުރުމަށް މާލޭ ސިޓީ ކައުންސިލުން އެކުލަވާލައި އަމަލުކުރަން ފެށި އުސޫލު ބާތިލުކުރުމަށް ސްޓެލްކޯއިން ހައިކޯޓަށް ހުށަހެޅި މައްސަލަ އެކޯޓުން ބަލައެއްނުގަތެވެ.

މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ޖެއްސުންކޮށް ލިބޭ ހިދުމަތްތަކުގެ އަގު ބޮޑުކުރުމުގެ ނިޔަތުގައި މާލޭ ސިޓީ ކައުންސިލުން ގާނޫނާ ހިލާފަށް އަމަލުކުރަން ފަށާފައިވާ ކަމަށްބުނެ ދެ އުސޫލެއް ބާތިލުކުރުމަށް ސްޓެލްކޯއިން ހައިކޯޓަށް ދުސްތޫރީ ދެ މައްސަލައެއް ހުށަހެޅިއެވެ.

އޭގެ ތެރޭގައި ހިމެނެނީ މިދިޔަ މަހުގެ އެއްވަނަ ދުވަހު ސިޓީ ކައުންސިލުން އަމަލުކުރަން ފެށި، މާލޭ ސިޓީގެ މަގުމަތީގައި މަގުބަންދު ނުކޮށް އަދި މަގު ބަންދުކޮށްގެން މަސައްކަތްކުރުމާ ބެހޭ އުސޫލާއި، މަގު ކޮނުމާއި ޖަންކްޝަން ފަދަ ތަންތަނުގެ މަތި ނަގައިގެން އާއްމުކޮށް މަސައްކަތްކުރުމުގެ އުސޫލެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ، ސިޓީ ކައުންސިލުން، އަގުތަކަށް ބަދަލު ގެނެސްފައިވަނީ ކުރިން އެންގުމަކާ ނުލައި ކުއްލިއަކަށް ކަމަށާއި އެކަމުގެ ސަބަބުން ސްޓެލްކޯއަށް ދަތިތައް ކުރިމަތިވާ ކަމަށެވެ.

"މި އުސޫލުގެ ދަށުން، މިސާލަކަށް މަގުމަތީ ބަހައްޓާ ބޯޑެއްގެ އަގު ކުރީގައި 60 ރުފިޔާއަށް ނަގަމުން އައިސްފައި، ކުއްލިއަކަށް މި އުސޫލުގެ ދަށުން 200 ރުފިޔާއަށް ބަދަލު އެބަވޭ. ރޯޑްބްލޮކް ބަހައްޓާ ބޯޑުގެ އަގު، 150 ރުފިޔާ ނަގަމުން އައިސް މިހާރު 300 ރުފިޔާ،" ޝަރީފް ވިދާޅުވެފައިވެއެވެ.

ސްޓެލްކޯއިން ހުށަހެޅި މައްސަލައާ ބެހޭގޮތުން ހައިކޯޓުގެ ރަޖިސްޓްރާ މިއަދު ނިންމެވި ނިންމެވުމުގައި ވަނީ، ސްޓެލްކޯއިން ހުށަހަޅާފައިވާ ދެ އުސޫލަކީ، ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސުލުން ހިންގުމުގެ ގާނޫނުގެ 152 ވަނަ މާއްދާ އާއި ގާނޫނު އަސާސީގެ 271 ވަނަ މާއްދާ އާއި 274 ވަނަ މާއްދާގެ (ހ) އާ ހިލާފު ދެ އުސޫލު ކަމަށް ބުނެފައިވީނަމަވެސް، އެ ކަމުގެ ސަބަބުތައް ބަޔާންކޮށް ތަފްސީލު ކޮށްދީފައި ނުވާތީ ސްޓެލްކޯއިން ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ ބަލައިގަނެވެން ނެތް ކަަމަށް އަންގާ ކަމަށެވެ.