ތިލަފުށިން ބިދޭސީންނަށް ބިން ވިއްކުން ހުއްޓާލުމަށް ސަރުކާރަށް ގޮވާލައި އިދިކޮޅު ޕީއެންސީގެ މެންބަރު މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރު އާދަމް ޝަރީފް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.
މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހަޅުއްވަމުން މެންބަރު ޝަރީފް ވިދާޅުވީ، ގްރޭޓާ މާލޭގެ ގޮތުގައި ބެލޭ ތިލަފުށްޓަކީ ދިވެހިންގެ ފިކުރާއި ހިޔާލާއި، ހިންމަތާއި، މިންނަތުން ދިވެހި ރައްޔިތުންގެ ބައިތުލްމާލުން ހަރަދު ކޮށްގެން އުފައްދައި، ތަރައްގީ ކުރަމުން އަން ރާއްޖޭގެ ސިނާއީ މަސައްކަތްތަކަށް ހާއްސަކޮށްފައިވާ ރަށެއް ކަމަށެވެ.
ދިވެހި ވިޔަފާރވެރިންނަށް މާލޭ ސަރަހައްދުން ބިމުގެ ދަތިކަން ނުލާހިކު ބޮޑަށް ކުރިމަތިވެފައިވާއިރު ބީލަމުގެ އުސޫލުން 99 އަހަރަށް ބިދޭސީންނަށް ނުއަގުގައި ބިން ވިއްކުމަކީ، އެކަމުގެ ނޭދެވޭ އަސަރު ދިވެހި ވިޔަފާރިވެރިންނަށާއި ރާއްޖޭގެ އިގްތިސޯދަށް ވަރަށް ބޮޑަށް ކުރާނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
ތިލަފުށިން ބިން ގަތުމުގެ ވާދަވެރިކަމުގެ ތެރޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިން ބިދޭސީންނާ ވާދަކުރަންޖެހޭ ފަދަ އުސޫލެއް އެކުލަވައިލައި ދިވެހިންނެކޭ އެއްފަދައިން ބިދޭސީންނަށް ބިން ގަނެވޭގޮތަށް ހެދުމަކީ، ވިޔަފާރީގެ ފުރުސަތުތައް ދިވެހިންނަށް ހަނިވެ ކުރިމަގުގައި ރާއްޖޭގެ ވިޔަފާރިތައް ކޮންޓްރޯލް ކުރުގެ ބާރު ބޭރުމީހުންގެ އަތްމައްޗަށް ދިއުމުގެ ދޮރު ހުޅުވިގެންދާނެ ކަމެއްކަމަށްވެސް ވިދާވެފައިވެއެވެ.
އެހެންކަމުން ވަގުތީ މަންފާއެއް ހޯދުމުގެ ބޭނުމުގައި، ނުވަތަ ރިޔާސީ އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ނިޔަތުގައި ނަމަވެސް ގްރޭޓާ މާލޭ ސަރަހައްދުން ބިދޭސީންނަށް 99 އަހަރަށް ނުއަގުގައި ބިން ވިއްކުމަކީ ކުރިމަގުގައި ރާއްޖޭގެ އިގްތިސޯދަށް އެކަމުގެ ނުރަނގަޅު އަސަރު ވަރަށްބޮޑަށް ކުރާނެ ކަމެއް ކަމަށްވެސް ޝަރީފް ވިދާޅުވެފައިވެއެވެ.
މި ކުއްލި މައްސަލަ ބަލައިގަނެ ބަހުސް ކުރުމަށް ނެގި ވޯޓުގައި، އެވަގުތު ޖަލްސާގައި ތިއްބެވި 49 މެންބަރުންގެ ތެރެއިން މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ އެންމެ ނުވަ މެންބަރުންނެވެ. މައްސަލަ ބަލައިނުގަތުމަށް 36 މެންބަރުން ވޯޓު ދެއްވިއެވެ.