ތުރުކީގެ ދެކުނަށް ރޭ ފަތިހު އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އާއިލާތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން މިއަދު ވިދާޅުވީ ބިންހެލުމުގައި 1،600 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށެވެ. އަދި އިމާރާތްތަކުގެ ދަށުވެފައިވާ މީހުންގެ އަދަދު އަދިވެސް ސާފުނުވާ ކަމަށާއި އެހެންކަމުން މަރުވި މީހުންގެ އަދަދު އިތުރުވެގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ.
ރައީސް ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތުރުކީއަށް އައި ބިންހެލުމުގެ ސަބަބުން ގިނަބަޔަކު މަރުވެފައިވާތީ، އެކަމާ ހިތާމަކުރައްވާ ކަމަށެވެ.
"މަރުވި މީހުންގެ އާއިލާތަކަށް ހަމްދަރުދީވެ ތައުޒިޔާ ދަންނަވަން. މި އުނދަގޫ ދަތި ދަނޑިވަޅުގައި ރާއްޖެ ވަނީ ތުރުކީ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން އަދި ތުރުކީގެ ރައްޔިތުންނާއެކު،" ރައީސް ވިދާޅުވިއެވެ.
ތުރުކީއަށް ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އާއިލާތަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްވެސް ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.
ޖިއޮލޮޖިކަލް ސާވޭ އޮފް ޑެންމާކް އެންޑް ގްރީންލޭންޑުން ބުނީ ތުރުކީގެ ދެކުނަށް ބިންހެލުން އައިސްފައިވަނީ ރެކްޓާ މިންގަނޑުން 7.8 ގެ ބާރުމިނުގައި ކަމަށެވެ. އޭގެ ފަހުންވެސް ރެކްޓާ މިންގަނޑުން 7.8 ގެ ބާރުމިނުގެ އިތުރު ބިންހެލުމެއް ތުރުކީއަށް އައިސްފައިވާ ކަމަށާއި ފުރަތަމަ ބިންހެލުމަށްފަހު ތުރުކީގެ އެކި ސަރަހައްދުތަކަށް ބާރުގަދަ ލޮޅުންތައް އައިސްފައިވާ ކަމަށް ބުންޏެވެ.
ޔުނައިޓެޑް ސްޓޭޓްސް ޖިއޮލޮޖިލަކް ސާވޭއިން ބުނީ ތުރުކީއަށް މިއަދު އައި ބިން ހެލުމަކީ 1939 ވަނަ އަހަރު ތުރުކީއަށް އައި ބާރުގަދަ ބިންހެލުމެއްގައި 30،000 މީހުން މަރުވި ފަހުން އައި އެންމެ ބާރުގަދަ ބިންހެލުން ކަމަށެވެ. ތުރުކީއަށް އައި ބިންހެލުމަކީ ވަރަށް މަދުން އަންނަ ވައްތަރުގެ ބިން ހެލުމެއް ކަމަށާއި ފާއިތުވި 25 އަހަރުގެ ތެރޭގައި ތުރުކީއަށް 7.0 މެގްނިޓިއުޑް ނުވަތަ އެއަށްވުރެ ބާރުމިނުގައި ބިން ހެލުންތައް އައިސްފައިވާ ކަމަށް ވެސް ބުންޏެވެ.
ތުރުކީގެ ޑިސާސްޓާ އެންޑް މެނޭޖްމެންޓް އޮތޯރިޓީން މިހާރު ދަނީ އިމާރަތްތަކުގެ ދަށުވެފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ޒަހަމްވި މީހުން ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ކުރަމުންނެވެ. އެ އިދާރާއިން ބުނީ 3،000 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށާއި އިމާރާތްތަކުގެ ދަށުވި މީހުންގެ އަދަދު އަދި ސާފުވެފައިނުވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު