ޚަބަރު

"ޗެނަލް 13" ގެ ނޫސްވެރިޔާ އިތުރު ފަރުވާއަށް ލަންކާއަށް

މުހައްމަދު އިޝާން

ރައްޔިތުން މަޖިލީހުގެ މިއަހަރު ޖަލްސާ ފެށުމުގެ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން އިއްވަވަމުން ގެންދެވި ވަގުތު މަޖިލީހުގެ ބޭރުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކުރި މުޒާހަރާ ކަވަރުކުރުމުގެ ތެރެއިން އަނިޔާވި "ޗެނަލް 13" ގެ ނޫސްވެރިޔާ އިތުރު ފަރުވާއަށް ސްރީ ލަންކާއަށް ފޮނުވުމަށް ނިންމައިފިއެވެ.

އިދިކޮޅު އެ މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ބާރުގެ ބޭނުން ކޮށްފައެވެ. އެ މުޒާހަރާ ކަވަރުކުރަން އުޅުނު "ޗެނަލް 13" ނޫސްވެރިޔާ ހަސަން ޝަހީދަށް ވަނީ އަނިޔާވެފައެވެ. އޭނާއަށް އަނިޔާވީ ފުލުހުން ޝިލްޑު ބޭނުން ކޮށްގެން މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސަން މަސައްކަތް ކުރި ވަގުތު ޝީލްޑަކުން ޖެހި މަގުމައްޗަށް ވެއްޓުމުގެ ތެރޭގައެވެ.

އޭނާ ވެއްޓިފައިވަނިކޮށް ވެސް ފުލުހުން ޝީލްޑުތަކާއެކު ކުރިއަށްދާން މަސައްކަތް ކުރުމުން މުޒާހަރާގެ ބައިވެރިންވަނީ ޝީލްޑުތަކުގައި އަތްއަޅައި ފަހަތަށް ކޮށްޕައިފައެވެ. އަދި ވަގުތުން އޭނާ ފަރުވާ ދިނުމަށް ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ޕީޕީއެމް އިން މިއަދުކުރި ޓުވީޓެއްގައި ބުނީ އަނިޔާވި ނޫސްވެރިޔާ އިތުރު ފަރުވާއަށް ސްރީ ލަންކާއަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ޑޮކްޓަރުންނާ ހަވާލާދީ ޕީޕީއެމުން ބުނީ އެ ނޫސްވެރިޔާގެ ސިކުނޑި އާއި މައިބަދަ އަށް ގެއްލުންވެފައިވާ ކަމަށެވެ. އެހެންވެ، ވަގުތުން ލަންކާ އަށް ފުރުވާލުމުގެ މަސައްކަތް އާއިލާ އިން ފަށާފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.

މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނީ ޕީޕީއެމްގެ މުޒާހަރާ ކަވަރުކުރަން ދެ ނޫސްވެރިއަކަށް އަނިޔާވެފައިވާތީ ކަންބޮޑުވާ ކަމަށެވެ. އަދި އެ ދެ ނޫސްވެރިން ތިބީ ފާސް އަޅައިގެން ކަމަށާއި ފުލުހުންގެ ޝިލްޑުން ޖެހި ނޫސްވެރިންނަށް އަނިޔާވުމުގެ އިތުރުން އެ ދެ ނޫސްވެރިންނަށް ޕެޕާސްޕްރޭގެ އަސަރު ކޮށްފައިވާ ކަމަށް ވެސް އެމްޖޭއޭއިން ބުންޏެވެ.

"އޭގެ ތެރެއިން އެއް ނޫސްވެރިއަކަށް މި ވަގުތު ގެންދަނީ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ. އެހެންކަމުން, މުޒާހަރާތައް ރޫޅާލުމާއި ބާރުގެ ބޭނުން ކުރާއިރު ނޫސްވެރިންނަށް ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުންނަށް ގޮވާލަމެވެ" އެމްޖޭއޭއިން ބުންޏެވެ.

މުޒާހަރާގެ ބައިވެރިންގެ ފަރާތުން ވީޓީވީގެ ނޫސްވެރިއަކަށް ފުރައްސާރަ ކުރިމަތިވެފައިވާ ކަމުގެ ޝަކުވާވެސް ލިބިފައިވާ ކަމަށްވެސް އެމްޖޭއޭއިން ބުންޏެވެ.