ރައްޔިތުން މަޖިލީހުގެ މިއަހަރުގެ ޖަލްސާ ފެށުމުގެ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން ދެއްވަމުން ގެންދެވި ވަގުތު ޕީޕީއެމް/ޕީއެންސީގެ ޕާލިމެންޓްރީ މެމްބަރުން ރިޔާސީ ބަޔާން އިއްވުމަށް ހުރަސް އެޅުއްވުމުން މަޖިލީހުގެ އަންހެން ސެކިއުރެޓީ އޮފިސަރުން އެ މެމްބަރުން ތަޅުމުން ބޭރުކުރުމުން ފާޑު ކިޔުން އަމާޒުވެއްޖެއެވެ.

ރިޔާސީ ބަޔާން އިއްވުމަށް ހުރަސް އަޅުއްވަން އިދިކޮޅު މެމްބަރުން ފެއްޓެވުމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެކަން އެގޮތަށް ނުކުރެއްވުމަށް އެދިވަޑައިގެން ގޮޑީގައި އިށީދެވަޑައިގަތުމަށް އެދިވަޑައިގެންފައެވެ.

ނަމަވެސް އިދިކޮޅު މެމްބަރުން ރިޔާސީ ބަޔާން އިއްވުމަށް ހުރަސް އަޅުއްވަމުން ގެންދަވާތީ ނަޝީދު ވަނީ އެ މެމްބަރުންގެ ނަން އިއްވައި ތަޅުމުން ނުކުތުމަށް އަންގަވައިފައެވެ. އިދިކޮޅު މެމްބަރުން ތަޅުމުން ބޭރަށް ނުނިކުންނެވުމުން ސެކިއުރިޓީން އައިސްވަނީ އެ މެމްބަރުން މަޖިލީހުން ބޭރުކޮށްފައެވެ. މެމްބަރުން މަޖިލީހުން ބޭރުކުރުމުގައި ގިނައިން އުޅުނީ އަންހެން ސެކިއުރެޓީ އޮފިސަރުންނެވެ.

ތަޅުމުން ނުކުންނަވަން ދެކޮޅު ހެއްދެވި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ބޭރުކުރަން ދެ އަންހެން އޮފިސަރަކު މަސައްކަތްކުރި ނަމަވެސް އެކަން ކުރެވިފައެއް ނުވެއެވެ. އެ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފައެވެ. އެ ވީޑިއާއިން ފެންނަނީ ސައީދު ކުއްލިއަކަށް ތަޅުންގަނޑު މައްޗަށް ވެއްޓިގަތް ތަނެވެ. އެއިރު އޭނާ ކައިރީގައި ދެ އަންހެން އޮފިސަރުން ތިއްބެވެ. ސައީދު ވެއްޓިފައި ވަނިކޮށް އޭނާ ނަގައިދެއްވީ ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދުއެވެ. އެއިރުވެސް ދެ އަންހެން އޮފިސަރުން ސައީދު ކައިރީގައި ތިއްބެވެ.

އެހެން ވީޑީއޯއަކުން ފެންނަނީ ދެ އަންހެން އޮފިސަރުން ސައީދު ތަޅުމުން ބޭރުކުރުން މަސައްކަތް ކުރަނިކޮށް ސައީދުގެ ކޯޓު ވީދައިގެންދާ މަންޒަރެވެ. އެއިރު ސައީދުގެ ދެ އަތުގައި އަންހެން ސެކިއުރެޓީ އޮފިސަރުން ހިފައިގެން ތިބެ ދެކޮޅަށް ދަމާ ހަދައެވެ.

އަންހެން އޮފިސަރުން ފިރިހެން މެމްބަރުން ބޭރުކުރަން މަސައްކަތްކުރާ އެ ދެ ވީޑިއޯއަށް ގިނަ ބަޔަކުވަނީ ފާޑު ވިދާޅުވެފައެވެ. އެގޮތުން އިދިކޮޅުގެ ސެނެޓް މެމްބަރެއްކަމަށްވާ ޒާހިދު ރަމީޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "މަޖިލިސް ތެރޭގައި އަޅުގަނޑުމެންގެ އެމްޕީ މުހައްމަދު ސައީދުއާ ހިލޭ އަންހެނުންތަކެއް ބެހެން އުޅެފި" ކަމަށެވެ.

އަދާލަތު ޕާޓީގެ ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވީ މަޖިލިސް ސެކިއުރިޓީގައި އަންހެނުންނާއި ފިރިހެނުން ތިބޭއިރު، ފިރިހެން މެމްބަރުން ބޭރުކުރަން އަންހެން އޮފިސަރުން ފޮނުވުމަކީ ޖިންސީ ފުރައްސާރަ ކުރުމުގެ އަމަލެއް ކަމަށެވެ. އެ ޕާޓީގެ އިލްމުވެރިއެއްކަމަށްވާ އަލީ ޒައިދު ވިދާޅުވީ އަންހެނުންނަކީ އަގެއް ނެތް ބައެއްގެ ގޮތުގައި ނުދެއްކުމަށް ބޮޑެތި ފިރިހެނުން ހައްޔަރުކުރަން އަންހެން އޮފިސަރުން ފޮނުވި ފަރާތަކަށް ގޮވާލައްވާ ކަމަށެވެ.

ޕީޕީއެމް/ޕީއެންސީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމުވެސް ވަނީ އަންހެން އޮފިސަރުން، ފިރިހެން މެމްބަރުން ތަޅުމުން ބޭރުކުރަން ފޮނުވުމުން އެކަމާ ފާޑު ވިދާޅުވެފައެވެ.

ޝިޔާމު ވިދާޅުވީ އިދިކޮޅު ކޯލިޝަނަކީ އަންހެނުންނަށް ވަރަށް ބޮޑަށް އިހުތިރާމްކުރާ ޕާޓީއެއް ކަމަށެވެ. އަދި ވިދާޅުވީ އިދިކޮޅު މެމްބަރުން އެމްޑީޕީ މެމްބަރުން އުޅޭ ގޮތަށް ނޫޅޭނެ ކަމަށާއި އަންހެން އޮފިސަރުން އައުމުން ގައިގައި އަތްނުލަން އެދުނު ކަމަށެވެ.

ސާޖެންޓް އޮފް އާމަސްއަށް މެމްބަރުންގެ ގައިގައި އަތް ނުލެވޭނެ ކަމަށެވެ. އަންހެން އޮފިސަރުން ގައިގައި އަތްލައި ހެދުމުން ގަދަ ނުހަދައި ބޭރަށް ނުކުމެވަޑައިގެންނެވި ކަމަށް ޝިޔާމް ވިދާޅުވިއެވެ.