ޗައިނާއިން ފޮނުވާލި ކަމަށް ބުނާ މާވަރުގަދަ ޖާސޫސީ ފުއްޕާހަމެއް އެމެރިކާގެ މަތިން ދަތުރުކުރި މައްސަލައެއް އެމެރިކާއިން މިވަގުތު އުޅެނީ ވަރަށް ބޮޑުކޮށްލައިގެންނެވެ. އެމެރިކާގެ ސިޔާދަތީ ހައްގަށް އިހުތިރާމް ކުރުމެއްނެތި އެމެރިކާގެ ޝަރަފާއި އިއްޒަތް ވެއްޔާއި މޮޑެލުމުގެ އަމަލެއްގެ ގޮތުގައި ސިފަކޮށް ޗައިނާގެ ކިބައިން ބަދަލު ހިފުމަށް އަވަސްވެގަތުމުގެ ގޮވެލިވެސް އެމެރިކާގައި މިވަގުތު ވަނީ ވަރަށް ގަދަވެފައެވެ. ޗައިނާގެ ޖާސޫސީ ފުއްޕާހަމެއް ކަމަށް ބުނާ އެއްޗެއް އެމެރިކާއިން މިސައިލް ފޮނުވައިގެން މިހާރުވަނީ ވައްޓައިލައިފައެވެ. އެކަމަކުވެސް މަސްރަހު ފިނިވާގޮތެއް ނުވެއެވެ. އެމެރިކާއިން ޗައިނާގެ މަތީގައި މިކަހަލަ ކިތަންމެ ފުއްޕާހަމަކާއި އަދި އަސްލު މަތިންދާބޯޓު އުދުއްސަ އުދުއްސައިފައި އުޅުނަސް ޗައިނާއިން މިކަހަލަ ކަމެއް ކޮށްގެންވާނޭ ކަމަށް އެމެރިކާއަށް ގަބޫލު ނުކުރެވެނީއެވެ. ކޮންމެވެސް ބަހަނާއެއް ދައްކައިފައި ޗައިނާއާ ޖެހިގަތުމަށް އެދެވެނީއެވެ.
މައްސަލަ ޖެހިގެން އުޅޭ ފުއްޕާހަމަކީ ހަގީގަތުގައިވެސް ޖާސޫސީ އެއްޗެއް ބާވައެވެ. މިޒަމާނުގައި ޖާސޫސް ކުރުމަށް ފުއްޕާހަން އުދުއްސައި އުޅޭ ބާވައެވެ. ޖާސޫސީ ފުއްޕާހަމަކީ މާކުރީގެ ކަމެކެވެ. މިޒަމާނުގައި ޖާސޫސްކުރަނީ ސެޓެލައިޓްގެ އެހީގައެވެ. ފުއްޕާހަން މިހާރު އުދުއްސަނީ މޫސުމާބެހޭ މައުލޫމާތު އެއްކުރުމަށެވެ. ޗައިނާގެ ފުއްޕާހަމަކީ އެގޮތުން މޫސުމާބެހޭ މައުލޫމާތު އެއްކުރުމަށް ޗައިނާގެ އަމިއްލަ ބަޔަކު އުދުއްސައިލި އެއްޗެކެވެ. މޫސުން ގޯސްވެ ވައި ނުބައިވެގެން އޭތި މިސްރާބުން ކަސިޔާރުވެގެންގޮސް އެމެރިކާގެ ސަރަހައްދަށް ވަނީއެވެ. ޗައިނާއިން ވަނީ މިކަމަށް މާފަށްވެސް އެދިފައެވެ. މޫސުމާބެހޭ މައުލޫމާތު އެއްކުރުމަށް ބޮޑެތި ފުއްޕާހަން އެރުވުމަކީ އެންމެންވެސް ކުރާ ކަމެކެވެ. އެމެރިކާއިންވެސް ކުރާ ކަމެކެވެ. އެމެރިކާގެ ކިތަންމެ އެއްޗެއް މިގޮތުގެ މަތިން ޗައިނާގެ ސަރަހައްދުވެސް ހުރަސްކޮށްފައިވެއެވެ. އެހެންވީމާ ޗައިނާގެ ފުއްޕާހަމެއް އެމެރިކާގެ ސަރަހައްދަށް ވަދެގެން އެކަން ގައުމީ ސަލާމަތުގެ ބޮޑު މައްސަލައަކަށް ހަދައި ބޮޑު އަރައިރުމެއް ފަށާކަށް ނުޖެހެއެވެ. މިއީ ޑިޕްލޮމެޓިކް ޗެނަލްތަކުން ހައްލުކުރެވެންއޮތް ކަމެކެވެ.
މިއަދުގެ ޗައިނާއަކީ އިހުގެ ޗައިނާއެއް ނޫނެވެ. މިއަދުގެ ޗައިނާއަކީ އިގްތިސާދީގޮތުންނާއި އަސްކަރީގޮތުން ދުނިޔޭގެ އެންމެ ބޮޑު އެއްބާރެވެ. ބައެއް ދާއިރާތަކުން އެންމެ ބޮޑުބާރެވެ. އެހެންނަމަވެސް އެމެރިކާ އާއި ހުޅަނގުގެ ގައުމުތައް ގުޅިގެން ޗައިނާ ސައިޒުކޮށް ހަމަބިމަށް ތިރިކުރުމަށް ގަދައަޅައި މަސައްކަތްކުރާތީ އެބަފެނެއެވެ. އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުންވިޔަސް ޗައިނާއަށް ގެއްލުންދީ، ނިކަމެތިކޮށް ޗައިނާ ލައްވައި ގޯސްތަކެއް ހައްދުވައި މައްސަލަ ފުންޏެއްގެ ތެރެއަށް ގަންބައިލުމަށް ކެތްމަދުވެގެންއުޅޭ މަންޒަރުވެސް އެބަފެނެއެވެ. މި މަސައްކަތްތަކުން ނަތީޖާއެއް ނެރެވިދާނެ ބާވައެވެ. ޗައިނާ ނިކަމެތިކޮށް އެއީ އާރެއް ބާރެއްނެތް ނިކަމެތި ގައުމަކަށް އަލުން ހެދިދާނެ ބާވައެވެ. އެމެރިކާ ހިތަކަށް އަލުން ދުނިޔެ ލިބިދާނެބާވައެވެ. މިއީ ވަރަށް ޝައުގުކުރުވަނިވި ސުވާލުތަކެކެވެ.
ޗައިނާއަކީ މިހާރު ދުނިޔޭގެ އެންމެ ބޮޑު ދެބާރުގެ ތެރެއިން އެއްބާރެވެ. އަނެއް ބާރަކީ އެމެރިކާއެވެ. ޗައިނާގެ އިގްތިސާދީ އަދި އަސްކަރީ ކެރިކުޅަދާނަ ކަމަކީ ޚިޔާލީ ކުރެހުމެއް ނޫނެވެ. އެއީ ހަގީގަތެކެވެ. އެހެންވީމާ އޭޝިއާ ޕެސިފިކުގައި އެމެރިކާ ބޭނުންހާ ކަމެއް ބޭނުން އިރަކު ކުރުމުގެ މިނިވަންކަމެއް މިހާރަކު ނެތެވެ. ޗައިނާގެ ބަދަލުވެފައިވާ ހައިސިއްޔަތަށް އެމެރިކާއިން އިއުތިރާފުވާން އެބަޖެހެއެވެ. ޗައިނާއާއެކު ކަންކަން ހިއްސާކުރުމަށް ރުހެވެން އެބަޖެހެއެވެ. އެކަން އެގޮތަށް ނުކުރާނަމަ ކަންކަން ގޯހުން ގޯހަށް ބަދަލުވަމުންގޮސް ނުރައްކާތެރި ހަނގުރާމައަކަށް ދޮރުހުޅުވިދާނެއެވެ. ޗައިނާއާއެކު ކުރެވޭ ހަނގުރާމަޔަކުން އެމެރިކާ އާއި އެމެރިކާގެ ބައިވެރިންނަށް ކާމިޔާބީ ހާސިލްކުރެވިދާނެ ކަމުގެ ޔަގީންކަމެއްވެސް ނެތެވެ. އެކަމަކުވެސް އެމެރިކާގެ މިސްރާބު ހުރީ ކުރިމަތިލުމަކަށް މައިދާން ސާފުކުރުމާ ދިމާލަށެވެ.
ދެވަނަ ބޮޑު ހަނގުރާމަ ނިމުނު ހިސާބުން ފެށިގެން 1990 ގެ އަހަރުތަކާ ހަމަޔަށް ދުނިޔޭގެ ކޮންޓްރޯލަށްޓަކައި އެމެރިކާޔާ ވާދަކުރީ ސޯވިއެޓް ޔުނިއަންއެވެ. އޭރުގެ ބޮޑު ދެބާރަކީ އެމެރިކާ އާއި ސޯވިއެޓް ޔުނިއަނެވެ. ސޯވިއެޓް ޔުނިއަންއަކީ އޭރު ދުނިޔޭގެ ސުޕަރ ޕަވަރަކަށް ވިޔަސް އެއީ އިގްތިސާދީ ސުޕަރ ޕަވަރެއް ނޫނެވެ. އަސްކަރީ ސުޕަރ ޕަވަރެކެވެ. ސޯވިއެޓް ޔުނިއަން ރޫޅިގެން ދިއުމާ ގުޅިގެން މުޅި ދުނިޔެ އޮތީ އެމެރިކާ ހިތަކަށް ލިބިފައެވެ. އެމެރިކާ ބޭނުންހާ ކުޅިވަރެއް ކުޅެމުން އަންނަތާ ތިރީހަކަށް އަހަރު ފަހުން ދެން ހިންދެމިލައިފައި ތެދުވެގަތީ ޗައިނާއެވެ. ޗައިނާއަކީ ހަމައެކަނި އަސްކަރީ ބާރެއް ނޫނެވެ. އެއީ އެމެރިކާއަށްވުރެވެސް މިހާރު ކެރިކުޅަދާނަކަން ލިބިގެންވާ އިގްތިސާދީ ބާރެކެވެ. ފުރިހަމަ ބާރެކެވެ.
މިކަންކަން މިހެންހުރުމާއެކު ޗައިނާ އެއޮތީ ސުޕަރ ޕަވަރެއްގެ މަގާމުގައި ދެމިއޮންނަ ގޮތަށެވެ. އެ މަގާމު ގެއްލުވައިލާ ގޮތަކަށް ނޫނެވެ. ޓައިވާނާއި ހޮންކޮންގާއި ދެކުނު ޗައިނާ ކަނޑާއި މިހެންގޮސް އަދިވެސް ދެތިން ހަތަރު ތަނެއް ކައްކުވާލައި މަސްރަހު ހޫނުކޮށްލައި ޗައިނާ ލައްވައި އަތުން ފައިން ގޯސްތަކެއް ހައްދަން އެމެރިކާއިން މަސައްކަތްކުރިއަސް ޗައިނާއިން އެ ފުރުސަތެއް ނުދޭނެއެވެ. ޗައިނާއިން ކަންކަން ކުރަނީ އަދި ކުރާނީވެސް އެއަށްވުރެ ހިކުމަތްތެރިކަމާ އެކުގައެވެ. އެކަމަކު ޗައިނާގެ މަސްލަހަތު ގުރުބާންކުރުން ނުހިމެނޭ ގޮތުންނެވެ. ޗައިނާ ސައިޒު ކުރުމުގެ ގޮތުން އެމެރިކާ އެކުރާ މަސައްކަތުން އެއްވެސް ނަތީޖާއެއް ނުފެންނާނެއެވެ. ވަގުތު އެއޮތީ ރީއްޗަށްވެސް ފާއިތުވެފައެވެ. މާލަސްވެއްޖެއެވެ. ފަހަތުންގޮސް ޗައިނާ އޮތީ އަރައި ހަމަކޮށްފައެވެ. ދެން ދަތިއަޅުވައި ވައްޓައިލެވޭނެ ގޮތެއް ނެތެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ