އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ޗައިނާގެ ސަރަހައްދީ ސިޓީއެއް ކަމަށްވާ ދަންދޮންގަށް ވަޑައިގެންފި ކަމަށް ޗައިނާގެ ދައުލަތުގެ ނޫސް އެޖެންސީ ޝިންހުއާއިން ބުނެފިއެވެ. އިއްޔެ ކުރެއްވި މި ދަތުރުފުޅަކީ އަހަރަކަށް ވުރެ ގިނަ ދުވަހުގެ ތެރޭގައި ކިމް ޗައިނާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
ދެ ކޮރެއާގެ ގުޅުންތަކާ ބެހޭ ދެކުނު ކޮރެއާގެ ޔުނިފިކޭޝަން މިނިސްޓްރީއާއި ޝިންހުއާއިން ބުނި ގޮތުގައި، ކިމް ދަންދޮންގަށް ވަޑައިގަތީ ދެ ގައުމު ގުޅުވައިދޭ އާ ޔާލޫ ރިވާ ބްރިޖު ހުޅުއްވައިދެއްވުމަށް ފަހު އެ ބްރިޖު ހުރަސްކުރައްވައެވެ.
މި ދަތުރުފުޅުގައި ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ސްޓޭންޑިން ކޮމިޓީގެ މެންބަރު އަދި އެ ގައުމުގެ ހަތަރުވަނައަށް އެންމެ އިސް އޮފިޝަލް ވަންގް ހޫނިންގާ ކިމް ބައްދަލުކުރެއްވި ކަމަށް ޝިންހުއާއިން ރިޕޯޓުކޮށްފައިވެއެވެ. އެ އެޖެންސީން ބުނި ގޮތުގައި، ދެ ބޭފުޅުން ވަނީ ކާރު އުފައްދާ ފެކްޓަރީއަކަށް ޒިޔާރަތްކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އެއްބަސްވެވަޑައިގެންފައެވެ. އަދި އެއް ދުވަހުގެ މި ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު އިއްޔެ ކިމް އެނބުރި ގައުމަށް ވަޑައިގަތުމުގެ ކުރިން، ބްރިޖު ކައިރިން އެމަނިކުފާނަށް އަލްވަދާއު ވިދާޅުވީވެސް ވަންގް ކަމަށް އެ އެޖެންސީން ބުންޏެވެ.
ދެކުނު ކޮރެއާގެ ވެރިކަންކުރާ ޑިމޮކްރެޓިކް ޕާޓީގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ޔޫން ކުން-ޔަންގް ނޫސްވެރިންނަށް އިއްޔެ ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، މި ދަތުރުފުޅުގައި ޗައިނާގެ ބޮޑުވަޒީރު ލީ ޗިއާންގާ ވެސް ކިމް ބައްދަލުކުރެއްވި ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި އެކަން ކަށަވަރުކުރަމުންދާ ކަމަށެވެ. ނަމަވެސް ޗައިނާގެ ރައީސް ޝީ ޖިންޕިން ނުވަތަ ބޮޑުވަޒީރު ލީއާ ކިމް ބައްދަލުކުރެއްވި ކަމެއް ޝިންހުއާއިން ބުނެފައެއް ނުވެއެވެ. އަދި ކުރިއާލައި އިއުލާންކުރުމެއް ނެތި ކުރެއްވި މި ދަތުރުފުޅުގެ ރަސްމީ ބޭނުމެއް ވެސް ރަސްމީ ފަރާތްތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ކިމް އެންމެ ފަހުން ޗައިނާއަށް ވަޑައިގަތީ ސެޕްޓެންބަރު 2025 ގައި ބެއިޖިންގައި ބޭއްވި ވިކްޓަރީ ޑޭގެ 80 ވަނަ އަހަރީ ފާހަގަކުރުމުގެ ރަސްމިއްޔާތަށެވެ.
އުތުރު ކޮރެއާ
އުތުރު ކޮރެއާ
އުތުރު ކޮރެއާ
އުތުރު ކޮރެއާ
ކޮމެންޓް