ސްޕެނިޝް ލަލީގާގައި ރޭ ކުޅުނު މެޗުގައި ރެއާލް މެޑްރިޑުން މަލޯކާ އަތުން ބަލިވެފައިވާ އިރު، ބާސެލޯނާއިން ކުޅުނު މެޗުގައި ސެވިއްޔާ ކައިރިން މޮޅުވެއްޖެއެވެ.
ރެއާލްއިން ރޭ ރަށުން ބޭރުގައި މަލޯކާ ކައިރިން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުުގައި މަލޯކާއިން ލީޑު ނެގީ ވެޑަޓް މުރިގީ ބޮލުން ޖެހި ބޯޅައެއްގައެވެ. އެ ބޯޅަ ގޯލަށް ވަނީ ރެއާލްގެ ޑިފެންޑަރު ނަޗޯ ފެނާންޑޭޒް ގައިގައި ޖެހިފައެވެ.
ރެއާލްއިން ގޯލެއް ޖަހަން ކުރި މަސައްކަތުގައި އެޓީމަށް ދެވަނަ ހާފުގައި ޕެނަލްޓީއެއްވެސް ލިބިފައިވެއެވެ. މަލޯކާ ގޯލްކީޕަރު ޕްރެޑްރެގް ރަޖްކޮވިޗް، ވިނީޝިއަސް ޖޫނިއާއަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީގައި މާކޯ އަސެންސިއޯ ޖެހި ބޯޅަ މަލޯކާ ގޯލްކީޕަރު މަތަކުރިއެވެ.
ރޭގެ މޮޅަކީ 2019 ވަނަ އަހަރު ފަހުން މަލޯކާއިން ރެއާލް ކައިރިން ހޯދި ފުރަތަމަ މޮޅެވެ. އަދި އެއީ މިހާތަނަށް ރެއާލްއާ ދެކޮޅަށް މަލޯކާއިން ކުޅުނު 14 މެޗުން ހޯދި ދެވަނަ މޮޅެވެ.
ވާދަވެރި ބާސެލޯނާއިން ރޭ ސެވިއްޔާ ކައިރިން ކުރި ހޯދީ، އަމިއްލަ ދަނޑުގައި 3-0 ގެ ނަތީޖާއަކުންނެވެ. ބާސާއިން ރޭގެ މެޗުގައި ޖެހި ގޯލުތައް ދެވަނަ ހާފްގައި ފެނުނު އިރު، އެޓީމުގެ ގޯލުތައް ޖަހައިިދިނީ ޖޯޑީ އަލްބާ އާއި ގަވީގެ އިތުރުން ރަފީނިއާ އެވެ.
ރޭގެ މެޗުގެ ފުރަތަމަ ކޮޅުގައި ބާސާގެ ކެޕްޓަން ސާޖިއޯ ބުސްކަޓްސް އަށް އަނިޔާވެ ބާލަން ޖެހިފައިވާ އިރު، އޭނާގެ ބަދަލުގައި ކުޅެން ނުކުތީ ފްރޭންކް ކެސީ އެވެ.
ބާސާއިން ރޭ ހޯދި މޮޅާއެކު ލީގު ތާވަލުގެ އެއްވަނައިގައި އޮތީ 20 މެޗުން 53 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި ރެއާލް އޮތީ 20 މެޗުން 45 ޕޮއިންޓާއެކުގައެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ