މިޔަންމާއާއި އިންޑޮނޭޝިއާ ގައުމީ ޓީމަށް ކުރިން އިރުޝާދު ދިން، ބަލްގޭރިއާގެ އިވާން ވެންކޯވް ކޮލޭވް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ހަވާލުވެއްޖެއެވެ.
ބަލްގޭރިއާގެ ފުރަތަމަ ޑިވިޝަން ކްލަބުތަކަށް ކުޅެފައިވާ މިހާރު ތަޖުރިބާކާރު ކޯޗު، އިވާން މާޒިއާއާ ހަވާލުވިކަން ރަސްމީކޮށް މިއަދު ވަނީ އިއުލާންކޮށްފައެވެ. އުމުރުން 65 އަހަރުގެ ވެންކޯވްއާއެކު މާޒިޔާއިން ސީޒަން ފަށަން ތައްޔާރުވަމުންދާ އިރު، މާޒިޔާއިން މީގެ ކުރިންވެސް ކާމިޔާބު ބިދޭސީ ކޯޗުން ފާހަގަކުރެވިފައިވެއެވެ.
މިދިޔަ ސީޒަނުގައި މާޒިޔާއިން ވަނީ ތިން ކޯޗެއްގެ އިރުޝާދުގެ ދަށުން ކުޅެފައެވެ. އެގޮތުން ސީޒަން ފަށައިގެން، ޕްރެޒިޑެންޓްސް ކަޕްގައި މާޒިޔާގެ ކޯޗަކީ މުހައްމަދު ޝިޔާޒް (މޯހަން) އެވެ. އޭގެ ފަހުން ސާބިއާގެ މިއޮޑްރަގް ޖެސިކްގެ އިރުޝާދުގެ ދަށުން މާޒިޔާ ކުޅެފައިވާ އިރު، އޭނާ ވަނީ ކްލަބަށް ލީގު ޔަގީންކޮށްދީފައެވެ. މާޒިޔާގެ ކޯޗުކަމުގައި މިދިޔަ ސީޒަނުގައި ހުރި ޖެސިކް ވަނީ ދާދިފަހުން ކާރު އެކްސިޑެންޓެއްގައި މަރުވެފައެވެ.
ލީގުގެ ފަހު މެޗުތަކާއި އެފްއޭ ކަޕްގައި މިދިޔަ ސީޒަނުގައި މާޒިޔާގެ ހެޑް ކޯޗެއްގެ ޒިންމާ އުފުލީ އެސިސްޓަންޓް ކޯޗު، އަހުމަދު ސުޒެއިރު (ކޮއްކޮ) އެވެ.
ރާއްޖޭގައި މި ވަގުތު އޮތް އެންމެ ވަރުގަދަ އަދި ހަރުދަނާ ޓީމު މާޒިޔާގެ ކޯޗުކަމާ މިއަދު ހަވާލުވި އިވާން ވަނީ 1982 ވަނަ އަހަރުން ފެށިގެން ކޯޗިން މަސައްކަތުގައި ހަރަކާތްތެރިވާން ފަށައިފައެވެ. ބަލްގޭރިއާގެ އެކިއެކި ޒުވާން ޓީމުތަކަށް އިވާން އިރުޝާދު ދީފައިވާ އިރު، އެ ގައުމުގެ ފުރަތަމަ ޑިވިޝަންގެ ކްލަބުތަކަށްވެސް އޭނާ ވަނީ އިރުޝާދު ދީފައެވެ.
އިވާން އޭޝިއާގެ ފުޓުބޯޅައަށް ތައާރަފުވީ 2002 ވަނަ އަހަރުއެވެ. އެ އަހަރު އޭނާ އިންޑޮނޭޝިއާގެ ގައުމީ ޓީމާ ހަވާލުވެފައިވާ އިރު، އޭގެ ފަހުން މިޔަންމާއަށް ކޯޗުކަން ކޮށްދީ އިންޑޮނޭޝިއާގެ ކްލަބުތަކަށްވެސް ކޯޗުކަން ކޮށްދިނެވެ. އޭގެ ތެރޭގައި ޕަރްސިޕޫރާ ޖަޔަޕޫރާ ހިމެނެއެވެ. އިވާން ވަނީ 2002 ވަނަ އަހަރު އިންޑޮނޭޝިއާއާއެކު އާސިއަން ސަރަހައްދުގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް، އޭއެފްއެފް ކަޕްގެ ފައިނަލުގައި ކުޅެފައެވެ. އޭގެ ފަހުން 2004 ވަނަ އަހަރު މިޔަންމާ އާއެކު އެ މުބާރާތުގެ ހަތަރުވަނަ އިވާން ހޯދި އިރު، އޭނާ ވަނީ މިޔަންމާގެ ކްލަބުތަކާ އެކު ދެ ފަހަރަށް އެ ގައުމުގެ ލީގުވެސް ނަގައިފައެވެ.
އަންނަ ސީޒަނަށް ފުރިހަމައަށް ތައްޔާރުވަމުންދާ މާޒިޔާއިން ދަނީ ބޮޑެތި ޓްރާންސްފާތަކެއްވެސް ފުރިހަމަ ކުރަމުންނެވެ. އީގަލްސްއަށް ކުޅެމުންދިޔަ އެ ކްލަބުގެ ކެޕްޓަން ހުސައިން ސިފާއު ޔޫސުފް (ކްރޯ) އާއި ހަސަން ރާއިފް (ހަންނަ)ވެސް މާޒިޔާއަށް މިފަހަރު ގެންގޮސްފައިވާ އިރު، ގައުމީ ޓީމުގެ ގޯލްކީޕަރު މުހައްމަދު ފައިސަލްވެސް އަލަށް މާޒިޔާއާ ގުޅިފައިވެއެވެ. އޭގެ އިތުރުން މިއަދު މާޒިޔާއިން ވަނީ ހަސަން ނަޒީމް (ޗޯޓު)ގެ ސޮއިވެސް އިއުލާން ކޮށްފައެވެ.
ކުޅުންތެރިން ގެންދިޔުމުގެ އިތުރުން، ކްލަބުގައި މިހާރު ތިބި ވަރުގަދަ ކުޅުންތެރިންތަކެއްގެ އެއްބަސްވުންވެސް މާޒިޔާއިން ވަނީ އާކޮށްފައެވެ. އޭގެ ތެރޭގައި ހަމްޒާ މުހައްމަދު (ހަމްޕު)، ހަސަން ނާއިޒު (ދާދު)، ހަސަން ޝިފާޒް (ޑުންގާ)، ހުސެއިން ޝަރީފް (ކީޕަރު ހުސެން)، ހުސެއިން ނިހާން (ނިހާޓް)، މުހައްމަދު އިރުފާން (އިރޭ)، އިޔާން އަބްދުލް އަލީމް (ޗިކީ)، ސަމޫހު އަލީ (ސަމުއްޓެ) އަދި އިބްރާހިމް އައިސަމް ހިމެނެއެވެ.
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު