ދެހާސް އަށާވީސް ވަނަ އަހަރާ ހަމައަށްދާއިރު، އަހަރަކަށް 3.5 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން މިއަދު ބޭއްވި މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށް ރިޔާސީ ބަޔާން އިއްވަަވަމުން ރައީސް ސޯލިހު ވިދާޅުވީ، ކޮވިޑް19ގެ ބަލިމަޑުކަމާއެކު ރާއްޖޭގެ އިގުތިސާދު ހުއްޓިގެން ދިޔަ ނަމަވެސް، ކުރެވުނު މަސައްކަތާއި ކުރާން ހުރި ކަންކަމުގެ މައްޗަށް ހިސާބު އަކުރުން ނަތީޖާ ނެރޭއިރު ރާއްޖޭގެ ހާލަތު ރަނގަޅު އިގުތިސާދެއްގެ މައްޗަށް ބިނާވާ މަންޒަރު ފެންނަ ކަމަށެވެ.
އެގޮތުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2028 ވަނަ އަހަރާ ހަމައަށްދާއިރު، މަދުވެގެން އަހަރަކަށް 3.5 މިލިއަނަށް އިތުރުވާނެ ކަމަށާއި އެ އަމާޒަށް ގެންދެވޭނެ ސަބަބަކީ މިއަދު ފަށައި، ހިންގައި ނިންމަމުން އަންނަ މަޝްރޫއުތައް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ވޭތުވެދިޔަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ފާގަތި އަހަރެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ހުސްވި 2022 ވަނަ އަހަރަށް ސަރުކާރުން އަމާޒު ހިފީ 1.6 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށް ކަމަށާއި އަހަރު ނިމިގެން ދިޔައީ އެ އަމާޒަށްވުރެ މަތިން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްގެން ކަމަށެވެ.
"2023 ވަނަ އަހަރު 1.8 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރުމަކީ ސަރުކާރުގެ އަމާޒު. ހުސްވި ޖަނަވަރީ މަހުގެ ނިޔަލަށް 172,536 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވޭ. އެއީ 2022 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 31 އިންސައްތައިގެ ކުރިއެރުމެއް،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، މި ދައުރުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއަށް 16،758 އެނދު އިތުރު ކުރެވިއްޖެ ކަމަށެވެ. އަދި ރާއްޖޭގެ އުތުރާ ދެކުނަށް ފަތުރުވެރިކަން ފުޅާކުރުމުގެ މަޝްރޫއު ފެށެނީ އައްޑޫއާއި ހަނިމާދޫގެ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށާއި އެ އެއާޕޯޓުތައް ނިމެންވާއިރަށް، އެ ސަރަހައްދަށް ބޭނުންވާ އެނދު އިތުރުކުރުމުގެ މަސައްކަތްވެސް ފަށާފައިވާ ކަމަށެވެ.
ރައީސް އެ ފާހަގަކުރެއްވީ އައްޑޫ ހަންކެޑެ އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫއާއި އައްޑޫގައި ތަރައްގީކުރާ ފަސް ރިޒޯޓު އަދި އުތުރުން ބީލަމަށް ހުޅުވާލެވިފައިވާ ރަށްތަކުގެ ވާހަކައެވެ.
ޚަބަރު
ޚަބަރު
ޚަބަރު