Close
ޚަބަރު

2028 ގައި އުފެއްދުންތެރިކަން 177 ބިލިއަން ރުފިޔާއަށް އަރާނެ، އާމްދަނީ 45 ބިލިޔަނަށް އަރާނެ: ރައީސް

ދެހާސް އަށާވީސް ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 177 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށާއި އާމްދަނީ 45 ބިލިޔަނަށް އަރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން މިއަދު ބޭއްވި މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށް ރިޔާސީ ބަޔާން އިއްވަަވަމުން ރައީސް ސޯލިހު ވިދާޅުވީ، ފާއިތުވެދިޔަ ތިން އަހަރަކީ ރާއްޖޭގެ މުޅި ތާރީހުގައި ކުރިމަތިވި އެންމެބޮޑު އިގުތިސާދީ ގޮންޖެހުންތައް ތަހައްމަލު ކުރަންޖެހުނު ތިން އަހަރު ކަމަށެވެ.

އެގޮތުން ކޮވިޑް19ގެ ބަލިމަޑުކަމާއެކު ރާއްޖޭގެ އިގުތިސާދު ހުއްޓިގެން ދިޔަ ނަމަވެސް، ކުރެވުނު މަސައްކަތާއި ކުރާން ހުރި ކަންކަމުގެ މައްޗަށް ހިސާބު އަކުރުން ނަތީޖާ ނެރޭއިރު ފެންނަނީ ރާއްޖޭގެ ހާލަތު ރަނގަޅު އިގުތިސާދެއްގެ މައްޗަށް ބިނާވާ މަންޒަރު ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2028 ވަނަ އަހަރާ ހަމައަށްދާއިރު، މަދުވެގެން އަހަރަކަށް 3.5 މިލިއަނަށް އިތުރުވާނެ ކަމަށާއި އެ އަމާޒަށް ގެންދެވޭނެ ސަބަބަކީ މިއަދު ފަށައި، ހިންގައި ނިންމަމުން އަންނަ މަޝްރޫއުތައް ކަމަށެވެ.

"އެއީ 2028 ނިމޭއިރު، ރާއްޖޭގެ އިގުތިސާދު ދެގުނަ ވެގެންދާނެ ބޮޑު ބަދަލެއް. 2018 ވަނަ އަހަރު ރާއްޖޭގެ ޖުމުލަ އުފެއްދުންތެރިކަމަކީ 81 ބިލިއަން ރުފިޔާ. ނަމަވެސް އޭގެ 10 އަހަރު ފަހުން، ރާއްޖޭގެ އިގުތިސާދު ދެގުނަކޮށް، 2028 ވަނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 177 ބިލިއަން ރުފިޔާއަށް ގެންދެވޭނެ. އިގުތިސާދަށް މިއަންނަ ކުރިއެރުންތަކާއެކު ދައުލަތަށް ލިބޭ އާމްދަނީވެސް 2018 ވަނަ އަހަރާ އަޅާބަލާއިރު ދެގުނަ ކުރެވި، 2028 ވަނަ އަހަރު 45 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ،" ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ސަރުކާރުން މިހާރު ތަންފީޒު ކުރަމުން އަންނަ މާލީ، އިގުތިސާދީ އަދި އިޖުތިމާއީ ހުރިހާ ސިޔާސަތެއް ގޮސް ނިމެނީ އެ ނަތީޖާ ހާސިލުކުރުމަށެވެ. އެ ނަތީޖާ ލިބޭއިރު، ރައްޔިތުންގެ ޖީބަށް ވަންނަ އާމްދަނީ އިތުރުވެ، ވަޒީފާތައް ގިނަވެ، އިތުރު ވިޔަފާރިތަކާ އާ ސިނާއަތުތައް އުފެދި، މުޖުތަމައުގެ ހަމަޖެހުމާ އަމާންކަން ހެދި ފޯދި، ތަފާތުތައް ނެތި ދާނެ ކަމަށް ވިދާޅުވިއެވެ.