އެމްއެމްޕީއާރްސީއާ ގުޅުންހުރި އިތުރު 53 މައްސަލައެއް ތަހުގީގު ކުރަމުންދާއިރު، އަށް މައްސަލައެއްގައި ދައުވާކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން މިއަދު ބޭއްވި މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށް ރިޔާސީ ބަޔާން އިއްވަަވަމުން ރައީސް ސޯލިހު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ގޮތުން މިދިޔަ އަހަރު އެ މަނިކުފާނު ދެންނެވި ގާނޫނީ މަރުހަލާތައް ފެށިގެން ކުރިއަށްދާ ކަމަށެވެ.
އަދި ރިޔާސީ ކޮމިޝަންގެ ތަހުގީގު ރިޕޯޓްގެ މައްޗަށް މައްސަލަތައް ކުރިއަށް ގެންދަން އެންޓި ކޮރަޕްޝަން ކޮމިޝަނާ ހަވާލުކޮށްފައިވާއިރު، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅޭ 14 މައްސަލައެއް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ވިދާޅުވިއެވެ.
"އޭގެ ތެރެއިން ފަސް ފަރާތަކަށް ކުރެވުނު ޖުމުލަ 43 ދައުވާއެއް ކޯޓުގައި ވަނީ ސާބިތުވެފައި. އިތުރު ހަތް ފަރާތަކާއި ދެ ކުންފުންޏެއްގެ މައްސަލަ ކޯޓުގައި އެބަ ކުރިއަށްދޭ. އަދި ގުޅުންހުރި އިތުރު 53 މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރަމުން އެބަގެންދޭ. މީގެ ތެރެއިން އަށް މައްސަލައެއްގައި ޖިނާއީ ދައުވާ ކުރުމަށް ޑިއުޓީ ޕްރޮސެކިއުޝަންގެ މަސައްކަތްތައް އޭސީސީއާއި ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހާ ގުޅިގެން ކުރިއަށް އެބަގެންދޭ،" ރައީސް ވިދާޅުވިއެވެ.
ރިޔާސީ ކޮމިޝަނުން ހިންގި އަހުމަދު ރިލުވާން އަބްދުﷲ ގެއްލުވާލާފައިވާ މައްސަލައިގެ ތަހުގީގު ނިންމާ އެ ރިޕޯޓް ލިބިފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ ރިޕޯޓުގައިވާ ރިކޮމެންޑޭޝަންތަކާ އެއްގޮތަށް ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށެވެ.
އަދި އެ މައްސަލައިގައި ދައުވާ ލިބޭ ތިން މީހަކު ހައްޔަރުކޮށް، ކޯޓު މަރުހަލާ ފަށާފައިވާއިރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ތަހުގީގު ރިޕޯޓުގެ މަސައްކަތްތައް ރިޔާސީ ކޮމިޝަނުން ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު