ފުލެޓު ލިބޭ މީހުންނަށް އެކަމުގެ ލިޔުން ޖޫން މަހު ހަވާލުކުރެވޭނެ ކަމަށާއި މާލޭން ދޭ ގޯތީގެ އަދަދު އިތުރު ކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިދިޔަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވަނީ، މާލޭ ރައްޔިތުންނަށް 5000 ގޯތި ދޫކުރަން ނިންމާފައިވާކަން އިއުލާން ކުރައްވައިފައެވެ. އެއީ ހުޅުމާލޭން 1000 ގޯތި ގުޅިފަޅުން 2000 ގޯތި އަދި ގިރާވަރު ފަޅު ހިއްކައިގެން އެ ބިމުން 2000 ގޯއްޗެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން މިއަދު ބޭއްވި މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށް ރިޔާސީ ބަޔާން އިއްވަަވަމުން ރައީސް ސޯލިހު ވިދާޅުވީ، އެ ދުވަހު ދެންނެވި ގޮތަށް އެ މަސައްކަތް ކުރުމުގެ އެއްވެސް ކަސިޔާރު ކަމެއް ނެތް ކަމަށެވެ.

"(ފްލެޓާއި ގޯއްޗަށް އެދި ހުށަހެޅި) އެޕްލިކޭޝަންތައް މިހާރު މިދަނީ ޕްރޮސެސްކުރަމުން. މި އަހަރުގެ ޖޫން ނިމުމުގެ ކުރިން ބޯހިޔާވަހިކަން ލިބޭ ފަރާތްތަކަށް އެކަމުގެ ލިޔުން އިރާދަކުރެއްވިއްޔާ ހަވާލުކުރާނަން. މިއަދު ދަންނަވަން އޮތް އާ ވާހަކައަކީ، ކުރިން ދޭނެ ކަމަށް ދެންނެވި އަދަދަށްވުރެ، މާލެ ސަރަހައްދުން ދޭ ގޯތީގެ އަދަދު، އިތުރުކުރުމަށް އަޅުގަނޑު ނިންމި ވާހަކަ," ތަފުސީލަކަށް ވަޑައިނުގެން ރައީސް ވިދާޅުވިއެވެ.