މަސްވެރިކަމުގެ ތާރީހުގައި މަސްވެރިންނަށް އެންމެ ގިނަ ފައިސާ ދޫކުރީ މިދިޔަ އަހަރު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ މިއަހަރަށް ރައްޔިތުންގެ މަޖިލިސް ފެށުމަށް މިއަދު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ސޯލިހު ވިދާޅުވީ މިދިޔަ އަހަރަކީ ފާއިތުވި 16 އަހަރުގެ ތެރޭގައި އެންމެ ގިނަ މަސް މިފްކޯއިން ގަތް އަހަރު ކަމަށާއި އަދި އެއީ މަސްވެރިކަމުގެ ތާރީހުގައި، އެންމެ ގިނަ ފައިސާ މަސްވެރިންނަށް ސަރުކާރުން ދޫކުރި އަހަރު ކަމަށެވެ. އެގޮތުން މަސްވެރިންނަށް މިދިޔަ އަހަރު އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކުރި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ބަލިމަޑުކަމާއި ހަނގުރާމައިގެ ސަބަބުން ދުނިޔެއާ ކުރިމަތިވި އިގްތިސާދީ ގިލަންވެރިކަމުން ރާއްޖެ އަރައިގަނެވުނު ވަރަށް ބޮޑު ސަބަބެއްވޭ. ރާއްޖޭގެ ބޯޑަރު ބަންދުވި ހިނދު، ވަށައި މިވާ މަސްކަނޑުތަކަށް ފެތުރިގަތް ދިވެހި މަސްވެރިންކުރި ހިތްވަރާއި ދެއްކި ފަންވަރަކީ އޭގެ ހަގީގީ ސިއްރު. ކަނޑުރޯދިން ދިވެހިންނަށް މިންވަރު ކުރެއްވި އިލާހީ ރަހުމަތްފުޅު ބޮޑު." އެމަނިކުފާނު ވިދާޅުވިއެވެ.

މިދިޔަ އަހަރު މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅަށް އަލިއަޅުވައިލައްވަމުން ރައީސް ސޯލިހު ވިދާޅުވީ އޭރު ވިދާޅުވި ގޮތަށް މިދިޔަ އަހަރުގެ މާޗު މަހުގެ އެއްވަނަ ދުވަހުން ފެށިގެން މަސްގަންނަ އަގު ބޮޑު ކުރި ކަމަށެވެ. އަދި މަހުގެ ޑިއުޓީއާ ގުޅޭގޮތުން އިނގިރޭސި ވިލާތާ ޔޫރަޕުގެ އިއްތިހާދުން އީޖާބީ ނިންމުމެއް ނިންމާނެކަމުގެ އުންމީދު ބޮޑު ކަމަށާއި އެގައުމުތަކަށް ރާއްޖެއިން އެކްސްޕޯޓުކުރާ މަހުގެ ޑިއުޓީއަށް ލުޔެއް ލިބުމުގައި އިތުރަށް ގިރާކުރަން ޖެހޭ އޮޅިއެއް ދެން ނެތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ މިފްކޯގެ ކެޕޭސިޓީ އިތުރުކުރުމަށް މިހާރު ކުރަމުން އަންނަ މަސައްކަތަކީ މަހުގެ އަގަށް އަނެއްކާވެސް އިތުރު ހެޔޮ ބަދަލު އަންނާނެ ކަމެއް ކަމަށެވެ.

ރާއްޖޭގެ ދަނޑުވެރިކަމަށް އަލިއަޅުއްވައިލައްވަމުން ރައީސް ސޯލިހު ވިދާޅުވީ، ދަނޑުވެރިން އުފައްދާ އުފެއްދުންތައް މާކެޓް ކުރުމަކީ މުހިންމު ކަމެއް ކަމަށާއި ދަނޑުވެރިޔާ ކުރި މަސައްކަތް، އާމްދަނީއަށް ބަދަލު ކުރުމަކީ މިހާތަނަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ. އެގްރޯނެޓް ކުންފުންޏަކީ މިކަމަށް ހައްލުހޯދުމަށް ސަރުކާރުން ކޮށި މަގެއް ކަމަށާއި ޖުމުލަ 46 ރަށެއްގެ 800 އަށްވުރެ ގިނަ ދަނޑުވެރިން ވަނީ އެގްރޯނެޓްގެ ނެޓްވޯކާ ގުޅިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އޭގެ އިތުރުން އެގްރޯނެޓާއެކު ވެވޭ އެއްބަސްވުމުގެ ދަށުން ކޮންޓްރެކްޓް ފާމިންގައި 485 ދަނޑުވެރިން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި ދަނޑުވެރިކަމަށް ބޭނުންވާ ތަކެތި 534 ދަނޑުވެރިއަކަށް ފޯރުކޮށްދެވިއްޖެ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި މިއަހަރުގެ ނިޔަލަށް ހިފާފައިވާ އަމާޒަކީ ޖުމްލަ 750 ދަނޑުވެރިން އެމަސައްކަތް ފަށައި، އުފައްދާ ތަކެތި އެގްރޯނެޓުން ގަންނަމުން ދިއުން ކަމަށެވެ.