އެސްއެމްއީ ބޭންކުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަަކަށް 1.16 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު މިއަދު ވިދާޅުވީ، ޕްރައިވެޓް ސެކްޓަރަކީ ދިވެހި އިގުތިސާދުގެ ދިރުން ކަމަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް އެހީތެރިވެދޭ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)އަކީ ސަރުކާރުން އެޅި އެންމެ ހަރުދަނާ އެއް ފިޔަވަޅު ކަމަށެވެ. އެ ބޭންކުގެ ހިސާބުތަކަށް ބަލާއިރު ފެންނަނީ އުންމީދީ މަންޒަރެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ޒުވާނުންނާއި އަންހެނުންނާއި އުފެއްދުންތެރިކަމުގައި ކުރިއަށްދާ ފަރާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން އެ ބޭންކުން ދެމުން އެބަދޭ. މިގޮތުން ޖުމުލަ 11،00 ފަރާތަކަށް 1.16 ބިލިއަން ރުފިޔާ އެބޭންކުން މިހާތަނަށް ދޫކޮށްފި" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމުކޮށްދީ އެފަދަ ވިޔަފާރިތަކުން އުފައްދާ ތަކެތި މާކެޓްކޮށް ވިއްކޭނެ ނިޒާމެއް ގާއިމު ކުރުމަށް ސަރުކާރުން ކަނޑަޅާފައިވާ ޕްލޭންގެ ދަށުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ހިންގަމުން އަންނަ އޯތެންޓިކް މޯލްޑިވްސްގެ ފިހާރަތައް ބައިނަލްއަގުވާމީ ވާން ފަށައިފައިވާ ކަމަށެވެ. އެގޮތުން މިފިހާރަތަކުގެ ޒަރީއާއިން މިހާތަނަށް 2،000 އަށްވުރެ ގިނަ ދިވެހި އުފެއްދުން ދުނިޔޭގެ މާކެޓްގައި ޑިސްޕްލޭ ކުރެވޭނެ މަގު ފަހިވެއްޖެ ކަމަށާއި މިހާތަނަށް 182 ދިވެހި ސަޕްލަޔަރުން މި ވިޔަފާރީގައި ހަރަކާތްތެރިވާއިރު އޭގެ 57 އިންސައްތައަކީ އަންހެނުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.