Close
ޚަބަރު

ހަކަތައިގެ މަޝްރޫއުގެ ދަށުން ކުރިއަށް އޮތް ދެ އަހަރުތެރޭ 39 ރަށެއްގެ އިންޖީނުގެ ދުވާލު ނިއްވައިލެވޭނެ: ރައީސް

މި ސަރުކާރުން ކުރިއަށް ގެންދާ ހަކަތައިގެ މަޝްރޫއުގެ ދަށުން ކުރިއަށް އޮތް ދެ އަހަރުތެރޭ 39 ރަށެއްގެ އިންޖީނުގެ ދުވާލު ނިންވައިލެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވި ރިޔާސީ ބަޔާނުގައި ރައީސް ސޯލިހު ވިދާޅުވީ ހަކަތައަށް ގެނެވޭނެ އެންމެ ބޮޑު ދާއިމީ ހައްލަކީ އިއާދަ ކުރުވަނިވި ހަކަތަ ކަމަށެވެ. އެކަމަށްޓަކައި ސަރުކާރުން ހިންގަމުން އަންނަ މަޝްރޫއުތަކުގެ ދަށުން ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ރާއްޖޭގެ 39 ރަށެއްގެ އިންޖީނުގެ ދުވާލު ހަތަރުދަމު ނިއްވައިލެވޭނެ ކަމަށް ވިދާޅުވި އެވެ.

"މިދެންނެވި މަޝްރޫއު ފުރިހަމަ ވުމުން މުޅިރާއްޖެއިން ތެލަށް ކުރާ ހަރަދު ކުޑަވެގެންދާނެ. ތެލުގެ ހަރަދު ކުޑަވެއްޖެ ނަމަ ކަރަންޓުގެ އަގު ކުޑަވާނެ. ކަރަންޓުގެ އަގު ހެޔޮވެއްޖެނަމަ، އެފައިސާ ކޮންމެވެސް އެހެން ކަމަކަށް ރައްޔިތުންގެ ޖީބަށް އިތުރުވާނެ" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި އަވިން ހަކަތަ އުފައްދާ 42.6 މެގަވޮޓްގެ ސޯލާ ޕީވީ ސިސްޓަމް ގާއިމުކޮށް ނިމޭނެ ކަމަށާއި އޭގެ ސަބަބުން 50 ހާސް ޓަނުގެ ވިހައިން ޖައްވު ސަލާމަތް ކުރެވި ދައުލަތުން ތެލަށް ކުރާ ހަރަދުން އަހަރަކު ގާތްގަނޑަކަށް 320 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ.

އިއާދަކުރަނިވި ހަކަތަ އުފެއްދުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ނ. މަނަދޫގައި ވައިން ހަކަތަ އުފެއްދުމަށް ޓެސްޓުކުރަމުން އަންނަ ކަމަށް އެންވަޔަރްމަންޓް މިނިސްޓްރީން ވަނީ މިދިޔަ ހަފުތާގައި ބުނެފައެ އެވެ. އަދި ރ. އަދި ބ. އަތޮޅުގެ މީހުން ދިރިއުޅޭ 26 ރަށެއްގައި 6.35 މެގަވޮޓުގެ ސޯލާ ޕީވީ، 7.66 މެގަވޮޓު އަވާގެ ބެޓަރި އެނާޖީ ސްޓޯރޭޖު ސިސްޓަމް އަދި އެނާޖީ މެނޭޖުމަންޓް ސިސްޓަމް ގާއިމުކުރުމުގެ އެއްބަސްވުމުގައިވެސް މިދިޔަ ހަފުތާގައި ސަރުކާރުން ވަނީ ސޮއިކޮށްފަ އެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި އެ ސިސްޓަމުތަކުގެ ސަބަބުން، އަހަރަކު 2.9 މިލިއަން ލިޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެ އެވެ. އަންދާޒާކުރެވޭ ގޮތުގައި އަހަރަކު 47 މިލިއަން ދިވެހި ރުފިޔާ ސަލާމަތްކުރެވި، ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ ތެރެއިން 7900 ޓަނުގެ ކާބަންޑައޮކްސައިޑް އިކްއިވެލަންޓް މަދުކުރެވޭނެ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފައެވެ.

އެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ "ސައިނޮސޯ – ޔިންގްލީ ކޮންސޯޓިއަމް" ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ. އެ އެއްބަސްވުމުގެ ދަށުން މަޝްރޫއުގެ މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ. އެ މަޝްރޫއުގެ ޖުމުލަ އަގަކީ 18.24 މިލިއަން އެމެރިކާ ޑޮލަރެވެ. އެއީ ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުގެ އެހީގައި ކުރިއަށްގެންދިއުމަށް ރާވާފައިވާ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއެކެވެ.