ޔުނިވަސިޓީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އަންނަ މަހުން ފެށިގެން ބޮޑުކުރާނެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށް ރިޔާސީ ބަޔާން އިއްވަަވަމުން ރައީސް ސޯލިހު ވިދާޅުވީ، ޕޭހާމަނައިޒް ކުރުމަށް ސަރުކާރުން ގެންގުޅޭ ޕްލޭންގެ ދަށުން އަންނަ މާޗު މަހު ރާއްޖޭގެ ޔުނިވާސިޓީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެންނަވާނެ ކަމަށެވެ. އޭގެ އިތުރުން އަންނަ މެއި މަހުން ފެށިގެން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އަންނަ މެއި މަހުން ފެށިގެން ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސަންޓް އެލަވަންސް ނުލިބި މިހާރު ތިބި ހުރިހާ މުވައްޒަފުންނަށް އެ އެލަވަންސްވެސް ލިބެން ފަށާނެ ކަމަށެވެ. އަދި ޕޭ ހާމަނައިޒް ކުރުން ނިމިގެންދާއިރު، ޝަރުއީ ދާއިރާއާއި އިމާމުންނާއި މުދިމުންނާ އަދި ޖުމުލަކޮށް ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުން ޝާމިލުވާނެ ކަމަށް ވިދާޅުވިއެވެ.

މިދިޔަ އަހަރު ތަންފީޒު ކުރި މިނިމަމް ވޭޖުގެ ބޮޑު ބަދަލާއެކު ދިވެހި އެތަކެއް މަސައްކަތްތެރިންނަށް އޭގެ ސަަބުބުން ބޮޑު ކުރިއެރުމެއް ލިބިފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ރިސޯޓް މުވައްޒަފުންނަށް މަދުވެގެން 10 ޕަސެންޓުގެ ސާވިސް ޗާޖެއް ނަގައި މުވައްޒަފުންގެ މެދުގައި ހަމަހަމައަށް ބެހުން ލާޒިމުކުރާ ގާނޫނީ ބަދަލާއެކު މުވައްޒަފުންގެ އާމްދަނީއަށް އައި ބަދަލުން އެ އާއިލާތަކުގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުވެއްޖެ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި މަސައްކަތާ ދިރިއުޅުމުގެ މާހައުލުގައި ގާނޫނުގެ ރައްކާތެރިކަމާ ހިމާޔަތް އޮންނަންޖެހެއެވެ. އެކަން ކަށަވަރުކުރުމަށް އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ ބިލު، ސަރުކާރުން މިހާރު މަޖިލީހަށް ފޮނުވާފައިވާނެ ކަމަށާއި އިންޑަސްޓްރިއަލް ރިލޭޝަންސް ބިލު މަޖިލީހުގެ މި ދައުރަށް ސަރުކާރުން ފޮނުވާނެ ކަމަށް ވިދާޅުވިއެވެ.