އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޓޮޓެންހަމް ހޮޓްސްޕާސްއިން އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ބަލިކޮށްފިއެވެ.
މިރޭ ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މެޗުގައި ޓޮޓެންހަމްއިން ސިޓީ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މިރޭގެ މެޗުން މޮޅުވެ، ސިޓީއަށް އެއްވަނައިގައި އޮތް އާސެނަލާ ދެ ޕޮއިންޓަށް ފަރަގު ކުޑަކުރަން ފުރުސަތު އޮތް ނަމަވެސް، އެޓީމުން ވަނީ އެ ފުރުސަތު ނަގާލައިފައެވެ. މިހާތަނަށް ލީގުގައި ކުޅުނު 21 މެޗުން 45 ޕޮއިންޓާއެކު ސިޓީ ދެވަނައިގައި އޮތް އިރު، އެއްވަނައިގައި އާސެނަލް އޮތީ 20 މެޗުން 50 ޕޮއިންޓާއެކުގައެވެ.
ސާޖަރީއަކުން ރިކަވާވުމަށް މިވަގުތު އިޓަލީގައި ހުރި އެންޓޯނިއޯ ކޮންޓޭއާ ނުލައި މިރޭގެ މެޗަށް ނުކުތް ޓޮޓެންހަމްއިން ވަނީ މިހާތަނަށް ކުޅުނު 22 މެޗުން 39 ޕޮއިންޓް ހޯދައިފައެވެ. އެޓީމު އޮތީ މިވަގުތު ފަސްވަނައިގައެވެ. އެއީ ހަތަރުވަނައިގައި އޮތް ނިއުކާސަލްއާ ޕޮއިންޓެއް ގާތުގައެވެ. އެކަމަކު ނިއުކާސަލްއިން 40 ޕޮއިންޓް ހަމަކުރީ 21 މެޗުންނެވެ.
މިރޭގެ މެޗަށް ސިޓީން ނެރުނު ފުރަތަމަ 11 ގައި ބެލްޖިއަމްގެ ތަރި، ކެޕްޓަން ކެވިން ޑި ބްރޭނާ ހިމަނައިފައި ނުވާ އިރު، ޕެޕް ގާޑިއޯލާ ވަނީ 17 އަހަރުގެ ޖަމާލް ލެވިސްއަށް ފުރުސަތު ދީފައެވެ. އާޖެންޓީނާގެ ޖޫލިއަން އަލްވަރޭޒާއި އާލިން ހާލަންޑް ސިޓީގެ އެޓޭކް ލީޑު ކުރި އިރު، ފުރަތަމަ ހާފު ނިމުނީ އެޓީމަށް އެންމެ އެކަށީގެންވާ ގޮތެއްގައި އެޓޭކް ނުކުރެވިއެވެ.
ސިޓީގެ ފަރާތުން ޑޮމިނޭޓްކޮށް ކުޅުނު ނަމަވެސް ފުރަތަމަ ހާފުގައި ފެނުނީ ރޮޑްރީގެ ފަރާތުން ފެނުނު ހަމަލާއެއް އެކަންޏެވެ. އަނެއްކޮޅުން ކައުންޓާ ސްޓައިލެއްގައި ޓޮޓެންހަމް ދިޔައީ ސިޓީއަށް ނުރައްކާ ކުރަމުންނެވެ. ޕްރެސިން ރަނގަޅުކޮށް ޓޮޓެންހަމްއިން މެޗުގެ 15 ވަނަ މިނެޓުގައި ލީޑު ނެގި އިރު، އެ ގޯލަށް ބުރަ މަސައްކަތެއް ކުރީ ޕިއޭ-އެމީލް ހޮއިބިއާގެވެ.
ހޮއިބިއާގެ ބޯޅައިން ގޯލް ޖެހީ ހެރީ ކޭންއެވެ. ޓޮޓެންހަމް ޖާޒީގައި 267 ގޯލް ޖަހައި ކޭން މިރޭ ވަނީ ކްލަބު ތާރީހުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ރެކޯޑު މުގުރާލައިފައެވެ. އެއީ 57 އަހަރު ކުރިން ޖިމީ ގްރީވްސް ހަދާފައިވާ ރެކޯޑެކެވެ. ރެކޯޑު މުގުރާލުމާއެކު ސްޓޭޑިއަމްގެ ސްކްރީނުންވެސް ކޭންއަށް މަރުހަބާގެ މެސެޖެއް ފޯރުކޮށްދީފައިވާ އިރު، ކޭން ޓޮޓެންހަމްގެ ރެކޯޑު ގޯލު ޖެހުންތެރިޔާއަށްވީ 11 ސީޒަނުގައި ޖެހި ގޯލްތަކުންނެވެ.
އުމުރުން 29 ވަނަ އަހަރުގެ ކޭން ޓޮޓެންހަމްގެ ޖާޒީގައި ފުރަތަމަ ގޯލް ޖެހީ 2011 ވަނަ އަހަރު ޑިސެންބަރު މަހުގެ 15 ވަނަ ދުވަހުއެވެ. މިރޭ ކޭން ޖެހީ ޕްރިމިއާ ލީގުގައި އޭނާ ޖެހި 200 ވަނަ ގޯލެވެ. ކޭންއަށްވުރެ ގިނައިން ޕްރިމިއާ ލީގުގައި ގޯލް ޖަހައިފައި ވަނީ 260 ގޯލް ޖަހައިފައިވާ އެލެން ޝިއެރާ އާއި 208 ގޯލް ޖަހައިފައިވާ ވޭން ރޫނީއެވެ.
މެޗުގެ ފަހު ހާފުގައި ސިޓީގެ ރިޔާދު މަހަރޭޒް ޖެހި ބޯޅައެއް ދަނޑިއަށް އަމާޒުވި ނަމަވެސް އެޓީމުން އިތުރު ނުރައްކަލެއް ފެނިފައެއް ނުވެއެވެ. އަނެއްކޮޅުން ކޭން އާއި ހިއުން-މިން ސޮންއާ ދިޔައީ ސިޓީގެ ޑިފެންސަށް އުނދަގޫތައް ކުރިމަތިކުރުވަމުންނެވެ. ސޮންގެ ބާރު ހަމަލާއެއް އެޑަސަން މަތަކުރި އިރު، ކޭންއަށް ލިބުނު ފުރުސަތަށްވެސް ހުރަސް އެޅީ އެޑަސަންއެވެ.
ޓޮޓެންހަމްއިން މެޗުގެ ފަހު 10 މިނެޓުގައި ކުޅުނީ ކުޅުންތެރިޔަކު މަދުކޮށެވެ. އެއީ ދެވަނަ ރީނދޫ ކާޑަކާއާއެކު ސެންޓަ ބެކް ކްރިސްޓިއަން ރޮމޭރޯއަށް ދެއްކި ރަތް ކާޑާއެކުގައެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު