ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިސްލާހު ކުރުމަށްޓަކައި އެ ކޮމިޝަންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާ އެކު ޖުމުލަ 23 ބިލެއް މާދަމާ ފެށޭ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރަށް ހުށަހަޅަން އެޓާނީ ޖެނެރަލްގެ އޮފީސް (އޭޖީ އޮފީސް) އިން ނިންމައިފިއެވެ.
މި ދައުރަށް އޭޖީ އޮފީހުން ހުށަހަޅަން ނިންމާފައިވާ ބިލުތަކުގެ ތެރޭގައި މުޅިން އަލަށް ހަ ގާނޫނެއް ހެދުމަށް ހުށަހަޅާ ހަ ބިލެއް ހިމެނެއެވެ.
އޭގެ ތެރޭގައި ހިމެނެނީ ހައްޖާއި އުމުރާގެ ބިލާއި އިސް ރަށްވެހިންގެ ބިލާއި ފޮރިން އިންވެސްޓްމެންޓްގެ ބިލާއި އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލާއި މީޑީއާ ކައުންސިލާއި ބްރޯޑްކާސްޓީން ކޮމިޝަން އެއްކޮށްލުމަށްޓަކައި ހުށަހަޅާ، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓީން އޮތޯރިޓީގެ ބިލާއި އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލެވެ. މީގެ އިތުރުން ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ބިލެއްވެސް ހުށަހަޅަން ވަނީ ނިންމައިފައެވެ.
- ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލު
- ޖުޑިޝަލް ސާވިސްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ދިވެހި ރާއްޖޭގެ ގާނޫނުލް އުގޫބާތައް އިސްލާޙު ގެނައުމުގެ ބިލު
- ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލު ކުރުމުގެ ގާނޫނަށް އިއްލާޙު ގެނައުމުގެ ބިލު
- މަސްތުވާތަކެއްޗާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ގޭންގު ކުއްތައް މަނާ ކުރުމާބެހޭ ގާނޫނަށް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުުގެ ބިލު
- މަނީލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- އިންތިހާބުތަކާބެހޭ އާއްމު ގާނޫނަށް އިސްލާޙު ގެނައުމުގެ ބިލު
- ރިޔާސީ އިންތިހާބުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ލޯކަލް ކައުންސިލްތަކުގެ އިންހާބުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ހައްޖާއި އުމްރާގެ ބިލު
- ދިވެހި ރާއްޖޭގެ ކުޅިވަރާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- އިސް ރަށްވެހިންގެ ބިލު
- ފޮރިން އިންވެސްޓްމެންޓްގެ ބިލު
- އިންޑަސްޓްރިއަލް ރިލޭޝަންސްގެ ބިލު
- މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން އޮތޯރިޓީގެ ބިލު
- އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައި ދިނުމުގެ ބިލު
- ދިވެހި ރާއްޖޭގެ ޖަލު ތަކާއި ޕެރޯލްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ކުނި މެނޭޖު ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުން މާދަމާ އޮންނާނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ބުނީ އެހެން ދުވަސްތަކެކޭ އެއް ފަދައިން ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމައްޓަކައި މާދަމާ ބާއްވާ ޖަލްސާވެސް ފެށޭނީ ހެނދުނު 9:00 ގައި ކަމަށެވެ.
ރައްިޔތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ބާއްވާ އެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ގާނޫނުއަސާސީގެ 84 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އިއްވަންޖެހެއެވެ.
މަޖިލީހުގެ އިދާރާއިން ބުނީ މާދަމާ ބާއްވާ ޖަލްސާގައި ފުރަތަމަ ކަމަކަށް އޮންނާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ޖަލްސާ ފެއްޓެވުން ކަމަށެވެ. އެއަށްފަހު ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވައިދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސުލްޖުމްހޫރިޔާގެ އަރިހުގައި ދަންނަވާނެއެވެ.
ރައީސުލްޖުމްހޫރިްޔާ ރިޔާސީ ބަޔާން އިއްވަވައި ނިމުމުން ދެން އޮންނާނީ މަޖިލިސް ރައީސް، ދުވަހުގެ ޖަލްސާ ނިންމަވާލެއްވުމެވެ.
ކޮންމެ އާ އަހަރަކަށް މަޖިލިސް ހުޅުވުމަށް ހާއްސަ ޖަލްސާއެއް ބޭއްވި ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާން އިއްވެވުން ފިޔަވައި އެ ޖަލްސާގައި މަޖިލީހުގެ ތަޅުމުގައި އިތުރު މަސައްކަތެއް ކުރިއަކަށް ނުގެންދާނެއެވެ. އަދި މަޖިލިސް ތަޅުމާއި ކޮމިޓީތަކުގެ މަސައްކަތްތައް ފެށޭނީ ޖެހިގެން އަންނަ ހަފުތާއިން ފެށިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު