އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗުގައި ކްރިސްޓަލް ޕެލެސް ކައިރިން މޮޅުވި އިރު، ލިވަޕޫލުން ވުލްވްސް އަތްދަށު ވެއްޖެއެވެ.

ޔުނައިޓެޑުން އަމިއްލަ ދަނޑުގައި މިރޭ ޕެލެސް ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ލިވަޕޫލުން މިރޭ ވުލްވްސް ކައިރިން ލަދުވެތި ބައްޔެއްވި އިރު، އެޓީމުން ރަށުން ބޭރުގައި ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗުގައި ލިވަޕޫލް ކޮޅަށް ތިން ގޯލް ވަދެ ބަލިވެފައިވާ އިރު، އެޓީމުން އެންމެފަހުން ލީގުގައި ކުޅުނު ހަތަރު މެޗުންވެސް މޮޅުވެފައެއް ނުވެއެވެ. އޭގެ ތެރެއިން ތިން މެޗުން ލިވަޕޫލް ބަލިވެފައިވާ އިރު، އެންމެފަހުން އަވޭގައި ކުޅުނު ދެމެޗުގައިވެސް ތިން ގޯލް ކޮޅަށް ވަދެފައިވެއެވެ، މިއީ 1993 ވަނަ އަހަރަށްފަހު ޖެހިޖެހިގެން އަވޭ ދެ މެޗުގައި ލިވަޕޫލް ކޮޅަށް ތިން ގޯލް ވަން ފުރަތަމަ ފަހަރެވެ.

މިވަގުތު ލިވަޕޫލް ތާވަލުގެ 10 ވަނައިގައި އޮތް އިރު، އެޓީމަށް 20 މެޗުން ލިބިފައި ވަނީ 29 ޕޮއިންޓެވެ. ވުލްވްސް އިން މިރޭ މޮޅުވެ 15 ވަނައިގައި އޮތީ 21 މެޗުން 20 ޕޮއިންޓާއެކުގައެވެ. ޔުނައިޓެޑުން މިރޭ ކުޅުނު މެޗުން މޮޅުވެ، އެޓީމުން މިވަގުތު ތާވަލުގެ ތިންވަނައިގައި އޮތީ 21 މެޗުން 42 ޕޮއިންޓާއެކުގައެވެ.

ޔުނައިޓެޑުން މިރޭ ކުޅުނު މެޗު ރަނގަޅަށް ފަށައި، އެޓީމުން ވަނީ ލީޑު ނަގައިފައެވެ. ބްރޫނޯ ފެނާންޑޭޒް މެޗުގެ ހަތްވަނަ މިނެޓުގައި ޔުނައިޓެޑަށް ލީޑު ނަގައިދިން އިރު، ފުރަތަމަ ހާފު ނިންމާލީ ހަމަޖެހިލައިގެންނެވެ.

ދެވަނަ ހާފުގެ ކުރީކޮޅުގައި ޔުނައިޓެޑުން މާކަސް ރަޝްފޯޑުގެ ގޯލުން ލީޑު އިތުރަށް ފުޅާކުރިއެވެ. އެ ގޯލާއެކު ޔުނައިޓެޑުން ހަމަޖެހިލައިގެން މެޗުން ތިން ޕޮއިންޓް ޔަގީންކުރަން ދަނިކޮށް އެޓީމަށް އުނދަގޫތަކެއް ކުރިމަތިވީ ކަސެމީރޯއަށް ދެއްކި ރަތް ކާޑާއެކުގައެވެ.

މެޗުގެ 70 ވަނަ މިނެޓުގައި ކަސެމީރޯ ބޯޅަ ނެތި، ޕެލެސްގެ ހިއުސް ކަރުގައި ހިފުމުން ވީއޭއާރް ބަލައި، ރެފްރީ ވަނީ އޭނާއަށް ރަތް ކާޑު ދައްކައިފައެވެ. އެ ރަތް ކާޑާއެކު ޕެލެސްއިން ކުޅުން ރަނގަޅުކޮށް ޖެފްރީ ޝްލަޕް ގޯލް ޖަހައި ފަރަގު ކުޑަ ކުރިއެވެ. ޝްލަޕްގެ ގޯލާއެކު ޔުނައިޓެޑަށް އުނދަގޫތައް ކުރިމަތިވި ނަމަވެސް އެޓީމުން ވަނީ ހިފަހައްޓާލައިފައެވެ.

އަނިޔާގެ މައްސަލަތަކާއެކު އުނދަގޫ ހާލަތެއްގައި އޮތް ލިވަޕޫލް ކޮޅަށް ވުލްވްސްއިން ފުރަތަމަ ހާފުގައި ދެ ގޯލް ޖެހިއެވެ. ފުރަތަމަ 12 މިނެޓް ތެރޭގައި ވުލްވްސްއިން ދެ ގޯލް ޖެހިއިރު، ފުރަތަމަ ގޯލަކީ ޖޯލް މަޓިޕް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ވުލްވްސްގެ ދެވަނަ ގޯލް ކްރެގް ޑޯސަން ޖެހި އިރު، ވުލްވްސްގެ ތިންވަނަ ގޯލް ދެވަނަ ހާފަށް ނުކުމެ ޖެހީ ރުބެން ނެވޭސްއެވެ.