ރާއްޖެ އާއި ސްރީލަންކާއާ ދެމެދު ބޯޑާ ސެކިއުރިޓީއާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ލަންކާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އެވެ. ލަންކާގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެގައުމުގެ އިމިގްރޭޝަން ކޮންޓްރޯލަރު އައިއެސްއެޗްޖޭ ލުކްޕިޓިޔާއެވެ. އެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ އެއްބަސްވުމުގެ ސަބަބުން ލަންކާ އާއި ރާއްޖޭގެ ސަރުކާރުގެ ގުޅުން ހަރުދަނާވާނެ ކަމަށެވެ.
މިނިސްޓަރު ޝާހިދު ލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އެގައުމުގެ ސަރުކާރުގެ ހާއްސަ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި މިނިސްޓަރު ޝާހިދު ވަނީ އެގައުމުގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ މަޝްވަރާތައް ކުރައްވައިފައެވެ. މީގެ އިތުރުން މިނިސްޓަރު ޝާހިދު ވަނީ ލަންކާގައި ހުންނަ މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކަލްޗަރަލް ސެންޓަރަށް ޒިޔާރާތް ކުރައްވައި އެތަނުގައި ހުރި ފެސިލިޓީތައް ބައްލަވާލައްވައިފައެވެ.