ރާއްޖެއިން އެންމެ ގިނަ މީހުން މަރުވާ ތިން ސަބަބުގެ ތެރޭގައި ކެންސަރު ބަލި ހިމެނޭ ކަމަށާއި ތިން އަހަރު ދުވަހުގެ ތެރޭގައި އެ ބައްޔަށް 7500 އަށްވުރެ ގިނަ މީހުން ފަރުވާ ހޯދާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހާ ގުޅިގެން އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން 2020 ވަނަ އަހަރު އާންމުކުރި ތަފާސް ހިސާބު ދައްކާގޮތުން ރާއްޖެއިން އަހަރަކު މަރުވާ މީހުންގެ 17 އިންސައްތަ މީހުންނަކީ ކެންސަރު ބަލީގައި މަރުވާ މީހުން ކަމަށެވެ.

"އާސަންދައިގެ ހިސާބުތަކަށް ބަލާއިރު 2016 އިން 2019 އަށް ކެންސަރަށް 7500 އަށް ވުރެ ގިނަ މީހުން ފަރުވާ ހޯދާފައިވޭ. އޭގެ ތެރެއިން ފިރިހެނުންނަށް ޖެހޭ ކެންސަރަށް އެންމެ ގިނައިން ފަރުވާ ހޯދާފައި ވަނީ ފުއްޕާމޭގެ ކެންސަރަށް. އަންހެނުން އެންމެ ގިނައިން ފަރުވާ ހޯދާފައި ވަނީ އުރަމަތީގެ ކެންސަރަށް،" އެޗްޕީއޭ އިން ބުންޏެވެ.

ދުނިޔޭގެ ކެންސަރު ދުވަހުގެ މިއަހަރުގެ ޝިއާރަކީ "ފަރުވާގެ ފަރަގު ކުޑަކުރަމާ"އެވެ.

އެޗްޕީއޭ އިން ބުނީ ކެންސަރު ބަލިން މީހުން ރައްކާތެރިކޮށް ބަލި ކޮންޓްރޯލް ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެގޮތުން ނޭޝަނަލް ކެންސާ ކޮންޓްރޯލް ޕްލޭނެއް އެކުލަވާލައި ކެންސަރު ޖެހޭ މިންވަރާއި ކެންސަރުގެ އާންމު ވައްތަރުތަކާއި ކެންސަރު ބައްޔަށް ހުށަހެޅޭ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާ ބެހޭ މައުލޫމާތު އެއްކޮށް އެކަމާ ގުޅިގެން ދޭންޖެހޭ ފަރުވާގެ އެހީތެރިކަން ވިލަރެސް ކުރަމުންދާ ކަމަށެވެ. އަދި ތަފާސްހިސާބު އެއްކުރުމަށް "ކެންސަރު ރަޖިސްޓްރީ" ގާއިމުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

  • ކެންސަރަށް މަގުފަހިވާ ކަންކަމާ ދުރުހެލިވެ ދުޅަހެޔޮ ދިރިއުޅުމަކަށް މީހުން އަހުލުވެރިކުރުމުގެ ގޮތުން ހޭލުންތެރި ޕްރޮގްރާމުތައް ހިންގުން.
  • ހޭލުންތެރިކޮށް، ދުރާލާ ބަލި ދެނެގަތުމަށް ސްކްރީނިން ޕްރޮގްރާމުތައް ހިންގުން.
  • ރަށްރަށުގައި ސްކްރީނިން ޕްރޮގްރާމްތައް ހިންގުން.
  • ރަހިމުގެ ދޮރަށް ޖެހޭ ކެންސަރުން ދިފާއުވުމަށް ދޭ އެޗްޕީވީ ވެކްސިން ގައުމީ ވެކްސިން ޝެޑިއުލުގައި ހިމަނައި ގަވާއިދުން އަންހެން ކުދިންނަށް ދިނުން.
  • ދުންފަތުން ފުރުހެލިވުމަށް "ސެޒޭޝަން" ޕްރޮގްރާމުތައް ހިންގުމާއި ސެޒޭޝަން ކްލިނިކެއް ހިންގުމަށް ބޭނުންވާ ފަންނީ ތަމްރީނުތައް ސިއްހީ ހިދުމަތްތެރިންނަށް ހިންގުން.
  • ނެޝަނަލް ކެންސާ ކޮންޓްރޯލް ޕްލޭން އެކުލަވާލުން.

މައުލޫމާތު ލިބިގަތުމުގެ ގާނޫނުގެ ދަށުން "ވަން" އިން އެދިގެން އާސަންދައިން މިދިޔަ އަހަރު ފޯރުކޮށްދީފައިވާ މައުލޫމާތުގައިވާ ގޮތުން 2021 އަހަރުވެސް އަދި މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުވެސް ރާއްޖެއިން ބޭރުން އެންމެ ގިނަ ދިވެހިން ފަރުވާ ހޯދާފައިވަނީ ކެންސަރު ބައްޔަށެވެ. އަދި އޭގެތެރެއިން ވެސް މިދިޔަ އެންމެ ގިނައީ އުރަމަތީ ކެންސަރަށް ފަރުވާ ހޯދި މީހުން ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

އެގޮތުން އުރަމަތީ ކެންސަރަށް އެކަނިވެސް 5.19 މިލިއަން ރުފިޔާ ވަނީ މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު އާސަންދައިން ހަރަދުކޮށްފައެވެ.

  • މާބޮޑަށް ހަށިގަނޑުގެ ބަރުދަން އިތުރުވުން
  • ބަނގުރާ ބޭނުންކުރުން
  • ކަސްރަތު މަދުވުން
  • ކެއިން ބުއިމުގެ ނުރަނގަޅު އާދަތަކުގެ ސަބަބުން
  • ދޭތެރެ ދުރުކުރާ ބޭހުގެ ސަބަބުން
  • ވާރުތަކުރާ ޖީން
  • އަވީގައި ގިނައިން އުޅުމުން
  • މިނޫންވެސް އިތުރު ކަންތައްތަކުގެ ސަބަބުންވެސް ކެންސަރު ޖެހުމަށް މަގުފަހިވޭ

ކެންސަރު ބައްޔަކީ މިހާރު ރާއްޖޭގައި ވަރަށް އާންމު ބައްޔެކެވެ. ހާއްސަކޮށް އުރަމަތީ ކެންސަރާއި ލޭގެ ކެންސަރާއި ފުއްޕާމޭގެ ކެންސަރާއި އަނގައިގެ ކެންސަރަކީ އާންމުކޮށް ރާއްޖެއިން ފެންނަ އެކި ބާވަތުގެ ކެންސަރެވެ.