މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އޭނާގެ ކެމްޕޭން ލޯންޗުކޮށްފިއެވެ.
އުމަރުގެ ކެމްޕޭން ލޯންޗުކޮށްފައި ވަނީ ސަލްޓާން ޕާކުގައި ރޭ ބޭއްވި ޖަލްސާއެއްގައެވެ. އެ ޖަލްސާގައި އުމަރު ވިދާޅުވީ ރައްޔިތުން ވަނީ އެންމެ ބޮޑު ދެ ޕާޓީއަށް ފުރުސަތު ދީފައި ކަމަށާއި ނަމަވެސް ރައްޔިތުންނަށް އެކަމުން ފައިދާއެއްނުވެ އެ ޕާޓީތައް ފެއިލްވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ އޭނާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމެވީ ރައްޔިތުން އާ މިސްރާބަކަށް ގެންދިއުމަށްޓަކައި ކަމަށެވެ.
އުމަރު ވިދާޅުވީ އެ މިސްރާބަކީ 2045 ވަނަ އަހަރު އަންނަ އިރު، ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ބަދަލުކުރުން ކަމަށެވެ. ވެރިކަމުގައި އޭނާގެ ޒިންމާއަކީ އިޖުތިމާއީ އަދި އިގުތިސޯދީ މައްސަލަތައް ހައްލުކޮށްދެއްވައި އިގުތިސޯދު ޑައިވާސިފައިކުރައްވައި ދިގު މުއްދަތުގެ ތަރައްގީގެ މަޝްރޫއުތައް ފެށޭނެ އިންތިޒާމު ހަމަޖައްސައިދެއްވުން ކަމަށެވެ.
ސިންގަޕޫރާއި ރާއްޖޭއަށް މިނިވަންކަން ލިބުނީ ދާދި އެއް ދުވަސްވަރެއްގައި ކަމަށާއި އެއިރު ރާއްޖެ އޮތީ އިގުތިސޯދީ ގޮތުން މާކުރީގައި ކަމަށެވެ. ނަމަވެސް މިހާރު ރާއްޖެ މިވަނީ ފަހަތައް ސޮއްސާލާފައި ކަމަށްވެސް އުމަރު ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް އަރައިގެން ނުދެވުނީ ކީއްވެގެންތޯ ކުޑަކުޑަށް ބައްލަވާ. ފުރަތަމަ ކަމަކީ ސިންގަޕޫރުގައި ގާނޫނު ތަންފީޒު ކުރާނެ. ގާނޫނުތަކާ ދޭތެރޭގައި ކުޅޭކުޅޭއެއް ނޯންނާނެ. ދެވަނަ ކަމަކީ ކޮރަޕްޝަން ފުނޑުފުނޑު ކޮށްލާނެ ދައުލަތުގެ ވެރިންނަށް ކޮރަޕްޓެއް ނުވެވޭނެ. ތިންވަނަ ކަމަކީ ދައުލަތުން ހަރަދުކުރާނެ އިންސާނީ ވަސީލަތްތައް ތަރައްގީކުރަން ހަރަދުކުރަމުން ގެންދާނެ،" އުމަރު ވިދާޅުވިއެވެ.
ނަމަވެސް ރާއްޖެއިން ހަރަދުތައް ކުރަމުން ގެންދިޔައީ ސިޔާސީ ގޮތުން ވޯޓު ހޯދަން ކަމަށެވެ. ރަށްރަށުގެ ބިން ހިއްކާއިރު އެ ބިމުގައި 20 އަހަރުވާ އިރުވެސް މަސައްކަތެއް ނުފެށޭ ކަމަށް އުމަރު ވިދާޅުވިއެވެ.
އުމުރު ވަނީ ރޭގެ ޖަލްސާގައި އޭނާގެ ރިޔާސީ ވައުދުތައްވެސް ވިދާޅުވެދެއްވައިފައެވެ.
- ކޮރަޕްޝަން ނައްތާލުން
- އިސްލާމީ ޝަރީއަތް ގާއިމުކުރުން
- ހުރިހާ މީހުންގެ މައްޗަށް ހަމަހަމަކަމާއެކު ގާނޫނު ތަންފީޒުކުރުން
- އެކުއަ ކަލްޗާ ކުރިއެރުވުމަށް އަހަރަކު 200 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅުން
- މިފްކޯ ޕްރައިވަޓައިޒްކޮށް، މަސްވިއްކުމުގައި ސަރުކާރުން ބައިވެރިނުވުން
- ޓޫރިޒަމް އިންޑަސްޓްރީގެ މެޖޯރިޓީ ހިއްސާ ދިވެހިންނަށް ބަދަލުކުރުން
- ރިސޯޓުތަކުން ބޭރަށް ފޮނުވާ ފައިސާ ރާއްޖޭގެ ބޭންކެއް މެދުވެރިކޮށް ބޭރަށް ފޮނުވުން
- ރިސޯޓުތަކުގެ މެދު އަދި މަތީ ފަންތީގެ ވަޒީފާތަކަށް ދިވެހިންނަށް ތަމްރީނު ކުރަން އަހަރަކު 100 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައެޅުން
- ރާއްޖޭގެ އެންމެ އުތުރުގައި ދިވެހި ސަރުކާރުގެ ހަރަދުގައި ދިވެހި ސަރުކާރުގެ ކުންފުންޏަކުން ޓްރާންސްޝިޕްމެންޓެއް ބަނދަރެއް ހެދުން
- އައްޑޫގައި ޕްރީ ޓްރޭޑް ޕޯޓެއް ހެދުން
- ޓެކްސްތައް ކުޑަކޮށްދިނުން
- އިންކަމް ޓެކްސްގެ ބަދަލުގައި މުދަލުގެ ޒަކާތް ނެގުން
- ބިދޭސީން މަދުކޮށް ދިވެހިންނަށް ވަޒީފާ ދީ ރާއްޖޭގެ ބޭންކިން ނިޒާމުގައި ފައިސާ ދައުރުކުރާ ބޭރު ކުންފުނިތައް ޓެކްސް ލުއިކޮށްދިނުން
- އެންމެ ކުދި ވިޔަފާރިތަކަށް ޓެކްސްގެ ލުއި ދިނުމުގެ ގޮތުން ތިން މިލިއަން ރުފިޔާގެ ނުލިބޭ ކުންފުނިތަކުން ޓެކްސް ނުނެގުން
- ސަރުކާރު ކުންފުނިތައް ޕްރައިވަޓައިޒްކުރުން
- ދައުލަތުގެ ތެރޭގައި އިސްލާމްދީން އަދާކުރާ ރޯލު ފުޅާކުރުން
- އިންޑިއާ އަދި ޗައިނާ ހިމެނޭހެން ހުރިހާ ގައުމަކާއެކު ގާތް ގުޅުމެއް ބޭއްވުން
- އިންޑިއާ ސިފައިން ރާއްޖެއިން ބޭލުން
- ސިޔާސ ޕާޓީތަކާއި ސިޔާސީ ޕާޓީ ހިންގާ ގޮތް ގާނޫނަކުން ބަދަލުކުރުން
- އިސްލާމީ ޝަރީއަތުގެ މިންގަނޑުގެ ތެރޭގައި ހިޔާލުފާޅުކުރުމުގެ ހައްގު ހިފެހެއްޓުން
- ނޫސްވެރިންނަކީ ދޮގު ނުހަދާނެ ކަމަށް ހުވާކޮށްގެން ތިބޭ ބަޔަކަށް ހެދުން
- ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ އަދަދު 50 އަށް ބަދަލުކޮށް، ރީކޯލް ވޯޓު ތައާރަފުކުރުން
- މަސްތުވާތަކެތި އެތެރެކުރާ މީހުންނާއި މާރާމާރީ ހިންގާ މީހުންނަށް ހަރުކަށި އަދަބު ދިނުން
- ގަވާއިދާހިލާފަށް އުޅޭ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުން
- ހުނަރުވެރި ޕްރޮގްރާމަށާއި މަތީ ތައުލީމުކުރާ ހަރަދު އިތުރުކުރުން
- ސްކޫލް ނިންމާ ކޮންމެ ދަރިވަރަކީ އެމްއެންޑީއެފަށް އެއް އަހަރު ހިދުމަތް ކުރާ ކުއްޖަކަށް ހެދުމާއި ނޭޝަނަލް ސާވިސް ތައާރަފުކުރުން
- ސަރުކާރުގެ 30 ޕަސަންޓަށް ކުޑަކުރަން ބައެއް މުއައްސަސާތައް އެއްކޮށްލުން (މިސާލު: މީޑިއާ ކައުންސިލް، ބްރޯޑްކޮމް، އިންފޮމޭޝަން ކޮމިޝަން އެއްކޮށްލުން)
- މާލޭގައި ސިޓީ ކައުންސިލް އުވާލުން. ހުރިހާ ކައުންސިލްތައް ސަރުކާރާއެކު މަސައްކަތް ކުރާނެ ގޮތަކަށް ގާނޫނު ބަދަލުކުރުން. ލޯކަލް ގަވަމެންޓް މިނިސްޓަރުގެ މަގާމެއް ތައާރަފުކުރުން
- ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުން
- އާބާދީ ކުދި ރަށްރަށުގެ މީހުން މާލެއަށް ނުވަތަ އެހެން ސިޓީއަކަށް ބަދަލުވުމުގެ ފުރުސަތު ދިނުން (ރަށުގައި ހުރި އެ މީހުންގެ ގެ ގެސްޓްހައުސްއަށް ނުވަތަ އެހެން ވިޔަފާރިއަކަށް ބޭނުން ކުރުމުގެ ފުރުސަތު ދޭނެ)
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު