Close
ދިވެހިރާއްޖޭގެ ތާރީޚު

މާލެއިން ބުރުސާއިން އިސްތަންބޫލަށް - 32

އަބްދުﷲ ފާރޫގް ހަސަން

(27 ޖެނުއަރީގެ އަދަދާ ގުޅޭ)

މިތާނގައި ފާހަގަކޮށްލުން އެކަށީގެންވާ ކަމެކެވެ. ތުރުކިޔޭއިން ބޮސްފަރަހުން ގޯލްޑަންހޯނަށް ނައުފަހަރު ބަދަލުކުރަމުން ގެންދިޔައިރު ތުރުކިޔޭއިންގެ ބޮޑުބަޑިތައް އެސްފިޔަޖަހައިލާހައި ހިނދުކޮޅަކަށްވެސް ހިމޭނެއް ނުވެއެވެ. އަދި ކީއްތޯއެވެ؟ ހުއްޓައިނުލައި ދިޔައީ ބަޑިޖަހަމުންނެވެ. މަޤްޞަދަކީ ތުރުކިޔޭއިން ގޯލްޑަންހޯނަށް ބާލަމުންގެންދިޔަ ނައުފަހަރަށް ޙަމަލަދިނުމުގެ ހޭވެރިކަން ޔޫނާނީ އަރުމާދަށް ލިބުނަ ނުދިނުމެވެ. ތުރުކިޔޭއިން ގެންދާން ބޭނުންވި ޢަދަދަށް ގޯލްޑަންހޯނަށް ނައުފަހަރު ގެންދިއުމުގެ ފުރުޞަތު ތުރުކިޔޭ ޢަސްކަރިއްޔާއަށް ހޯދައިދިނުމެވެ.

ތުރުކިޔޭއިންގެ އެ ކުދި ނައުފަހަރު ގޯލްޑަންހޯނުގައި ނަގިލިލައިފިއެވެ. އިރުއަރައި އަލިވެ އިރުގެ އަލީން ޖައްވު ފާންވެއްޖެއެވެ. ޔޫނާނީންގެ ބޮޑެތިބިޔަ ނައުޒޯނގުތައް ގޯލްޑަންހޯނުގެ އަނގަމަތީގައި އެމަންޒަރު ދެކޭންތިބީ މޮޅިވެރިކަމާއި ހިތާމަޔާ އެކުގައެވެ. އެހެނީ ގިބޯން ވިދާޅުވާފަދައިން އެބައިމީހުންނަށް ކުރެވޭނެ އެއްވެސްކަމެއްނެތެވެ. ތުރުކިޔޭއިން ތިބީ ޔޫނާނީންނަށް އަތްނުފޯރާފަށުގައެވެ. ސަބަބަކީ ތުރުކިޔޭއިން އެބައިމީހުންގެ ނައުފަހަރު ބޭލީ ގޯލްޑަންހޯނުގެ ތިލަހިސާބަށެވެ. ތުރުކިޔޭއިންގެ ކުދި ނައުފަހަރަށް އެފެނުގައި ފަސޭހަކަމާއެކު އެކިކޮޅުކޮޅަށް ގޮސްއައިސްވެވެއެވެ. ނަމަވެސް ޔޫނާނީންގެ ބޮޑެތި ނައުފަހަރަކަށް އެހިސާބަކަށް ނުވަދެވެއެވެ. ޔޫނާނީންނަށް ޔަޤީންވީ ތަޤުދީރު އެއުރެންނާ ދުރަށް މޫނު އަނބުރައިލައިފިކަމެވެ. އެހެނީ އެބައިމީހުންގެ ހަނގުރާމަމަތީ ބިޔަ ނައުފަހަރުގެ ޤާބިލުކަން މިހާރު ބަދަލުވެފައިވަނީ ނާޤާބިލުކަމަށެވެ. އެނައުފަހަރުގެ ބޮޑެތިކަމާއި ހައިބަތު ވެފައިވަނީ އެބައިމީހުންނަށް ކުރިމަތިވި މުޞީބަތަކަށެވެ. ގެއްލުމާއި ހަލާކު ގެނެސްދިނުމުގެ ސަބަބެއް ކަމުގައެވެ.

އެންމެފަހުގެ ޙަމަލަ

މުޙާޞިރާ ކުރިތާ ފަންސާސްއެއްވަނަ ދުވަހު ތުރުކިޔޭއިން ޤުސްޠަންޠީނިއްޔާއަށް އެންމެފަހު ޙަމަލަދޭން ފަށައިފިއެވެ. ދުވަހަކީ 27 މެއި 1453 (18 ޖުމާދަލްއޫލާ 857) އެވެ. سـلطـــان محمّـــد ثــانـــــى އެންމެފަހުގެ ޙަމަލަޔަށް ފެއްޓެވުމުގެ ކުރީންވެސް ޝަހެންޝާހު ޤުސްޠަންޠީނަށާއި ރަށުގެ އަހުލުވެރީންނަށް އެއުރެންގެ ޖާނާއި މާލު ރައްކައުތެރިކުރުމުގެ ދެވަނަ ފުރުޞަތެއް ދެއްވިއެވެ. ރަށް ޙިޞާރުކުރެއްވުމުގެކުރީން އެފަދަ ފުރުޞަތެއް ދެއްވި ވާހަކަވަނީ އިސްވެދިޔަތާނގައި ބަޔާންކޮށްފައެވެ. سـلطـــان محمّـــد ثــانـــــى އަނެއްކާވެސް އެމަނިކުފާނުގެ އޮފިސަރެއްކަމުގައިވާ إسـفـنـد يــار اوغــلــــى މެދުވެރިކުރައްވައި ޝަހެންޝާހަށް ޚަބަރު ފޮނުއްވިއެވެ. ތުރުކިޔޭއިންނާ ރަށް ޙަވާލުކުރައްވައިފިކަމުގައިވާނަމަ ރަށުގެ ހުރިހައި މުވާޠިނުންނަށް އެއުރެންގެ ޖާނާއި މާލުގެ ޙިމާޔަތް ދެއްވާނެކަން އެންގެވިއެވެ. ޚުދު ޝަހެންޝާހަށްވެސް އޭނާގެ ޚަޒާނާއާއި ހުރިހައި ޒަޚީރާތަކެއް ހިއްޕަވައިގެން މޫރިޔާއަށް ވަޑައިގެން ބޭނުންފުޅުގޮތަކަށް ރަސްކަމެއް ފައްޓަވައިގެންނެވުމުގެ ހުއްދަ ދެއްވާނެކަން އެންގެވިއެވެ. މިހުށަހެޅުއްވުން ޤަބޫލު ނުކުރައްވައިފިކަމުގައިވާނަމަ ޚުދު ޝަހެންޝާހުގެވެސް ރަށުގެ އަހުލުވެރީންގެވެސް ޖާނާއި މާލުގެ ރައްކައުތެރިކަމުގެ ގަރަންޓީއެއް ދެއްވެން ނޯންނާނެކަން އެންގެވިއެވެ. ޝަހެންޝާހު ޤުސްޠަންޠީން މިފަހަރުގެ ހުށަހެޅުއްވުންވެސް ބޮލާލައި ޖެއްސެވީއެވެ. ޤަބޫލެއް ނުކުރެއްވިއެވެ. (ތާރީޚެ އިސްލާމްކީ ޢަޒީމެ ޝަޚްޞިއްޔާތު-ނާޢިމާޞުހައިބު)

مـــولانــا أكــبــــــر شــاه خــــان نجــيب آبــادى އެކަލޭގެފާނު ލިޔުއްވި "ތާރީޚެ އިސްލާމް" ގައި ލިޔުއްވައިފައިވެއެވެ. 24 މައީ 1453 ޝަހެންޝާހު ޤުސްޠަންޠީން سـلطـــان محمّـــد ثــانـــــى އަރިހަށް މެސެޖެއް ފޮނުއްވިއެވެ. "މަނިކުފާނު ކަނޑައެޅުއްވި ވާރެއް އަދާކުރާން އަޅުގަނޑު މިހިރީ ތައްޔާރަށެވެ. ޤުސްޠަންޠީނިއްޔާ އަޅުގަނޑުގެ ޙަވާލުގައި ބާއްވަވާށެވެ." سـلطـــان محمّـــد އަށް އޭރުވަނީ ޤުސްޠަންޠީނިއްޔާ ފަތަޙަކުރެއްވޭނެކަމުގެ ޔަޤީންކަން ލިބިވަޑައިގެންފައެވެ. سـلطـــان محمّـــد ޖަވާބުގައި އެންގެވިއެވެ. "މަނިކުފާނު ކިޔަމަންތެރިކަން ޤަބޫލުކުރައްވައިފިކަމުގައިވާނަމަ ޔޫނާނުގެ ދެކުނު ސަރަޙައްދު މަނިކުފާނަށް އަރުވައިފާނަމެވެ. އެކަމަކު މިހާރު ދެން ޤުސްޠަންޠީނިއްޔާ އަޅުގަނޑުގެ ވެރިކަމުގައި ނުހިމަނައި ވާކަށެއްނެތެވެ." سـلطـــان محمّـــد އަށް ރަނގަޅަށް އެނގިވަޑައިގަންނަވައެވެ. ޤުސްޠަންޠީނިއްޔާގެ މަސީޙީ ދައުލަތް އޭރުއޮތީ މުސްލިމު ޢުޘްމާނީ ދައުލަތުގެ މެދުތެރޭގައެވެ. އެރަސްކަން ދެމިއޮތްހައިހިނދަކު ނުރައްކަލާއި މުޞީބަތްތައް ފިލައިގެނެއް ނުދާނެއެވެ. ޤުސްޠަންޠީނިއްޔާއަކީ ޢުޘްމާނީ ދައުލަތަށް އެންމެރަނގަޅުވާނެ ވެރިރަށެވެ. ހަމައެފަދައިން ޝަހެންޝާހު ޤުސްޠަންޠީނާއި އޭނާގެ ކުރީން ތިއްބެވި ޤައިޞަރުންގެ ބޭވަފާތެރިކަމާއި ކެހިވެރިކަމާއި ޣަދަރުވެރިކަންވެސް سـلطـــان محمّـــد ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވައެވެ. ނުހަނުދިގު މުޙާޞިރާއަކާއި ބުރަމަސައްކަތްޕުޅުތަކަކަށްފަހު މިހާރުވަނީ ރަށް ފަތަޙަވުމުގެ މަރުޙަލާ ފެށިފައެވެ. އެފަދަ ޙާލަތެއްގައިވެސް ޤުސްޠަންޠީނުގެ އެދިވަޑައިގެންނެވުމާ ވިދިގެން އޭނާއަށް ދެކުނު ޔޫނާން ދެއްވަން ހުށަހެޅުއްވިކަމީވެސް ޝައްކެއްނެތްގޮތުގައި سـلطـــان محمّـــد ثــانـــــى ގެ ނިހާޔަތުގެ ދީލަތިފުޅުކަމެވެ. މަތިވެރި ޝާހީ ދީލަތިފުޅުކަމެވެ. އެކަމަކު ޤައިޞަރު ޤުސްޠަންޠީން (XII) ގެ ނަސީބުފުޅުގައި ލިޔުއްވިފައިވަނީ ރޯމަނުންގެ ކީރިތި މޫރިތި ހައިބަބޮޑު އިރުމަތީ ރަސްކަމުގެ އެންމެފަހުގެ ރަހަކީ އޭނާކަމުގައި ވެވަޑައިގެންނެވުމެވެ. އެހެންކަމުން سـلطـــان محمّـــد ثــانـــــى ގެ އެ އާދަޔާ ޚިލާފު ދީލަތިފުޅުކަމުގެ އެއްވެސް ލާބައެއް އޭނާއަކަށް ނުހޯއްދެވުނެވެ. އޭނާ ކުރިޔަށްވުރެ ތިންގުނަ ހަތަރުގުނަ ދެކޮޅުވެރިކަމާއެކު މަޝްޣޫލުވެވަޑައިގެންނެވީ އޭނާގެ ރަށް ދިފާޢުކުރެއްވުމުގައެވެ. (ޖިލްދު: 3، ޞަފުޙާ: 382-383)

سـلطـــان محمّـــد ثــانـــــى އެދުވަހު އޭނާގެ ފޭލިގެކޮޅުގައި ޢަސްކަރީ އެންމެބޮޑު މަޝްވަރާ މަޖްލިސް ބޭއްވެވިއެވެ. އެހައިތަނާ ހަމަޔަށް އިންތިހާދަރަޖައިގެ ތުރާތަކާއި ބޮޑެތި އުނދަގޫތަކެއް އުފުއްލަވައިފައިވުމާއި ގިނަގުނަ ނާކާމިޔާބުތަކަކާ ކުރިމަތިލައްވައިފައިވުމާއެކުވެސް އަކްސަރިއްޔަތުގެ ޚިލާޔުފުޅަކަށްވީ ރަށް ފަތަޙަނުކުރައްވައި ފަހަތަށް ޖެހިވަޑައިނުގެންނެވުމެވެ.

28 މެއި 1453 ގައި سـلطـــان محمّـــد އޭނާގެ މުޅި ލަޝްކަރަށް އިޢުލާންކުރެއްވިއެވެ. "މާދަމާ ހެނދުނު މުޅިރަށް ވަށައިގެން ރަށަށް އެންމެފަހުގެ ޙަމަލަދޭން ފަށާނަމެވެ. سـلطـــان محمّـــد ثــانـــــى ރަށަށް ޙަމަލަދެއްވާން ފެއްޓެވުމުގެކުރީން އެމަނިކުފާނުގެ އޮފިސަރުން އެއްކުރައްވައިފައި ނުހަނު ޖޯޝީ ތަޤްރީރެއް ދެއްވިއެވެ.

سـلطـــان محمّـــد فــاتــــح ގެ މިސުރީ މުސަންނިފް އެ ތަޤްރީރު ނަކަލުކުރައްވައިފައިވަނީ މިދަންނަވާގޮތަށެވެ. "އަހަރެން ތިޔަބައިމީހުން މިއެއްކުރީ ޖޯޝީ ތަޤްރީރެއް ކޮށްގެން ތިޔަބައިމީހުންގެ ކިބައިގައި ހިތްވަރުގަދަކަމުގެ ރޫޙު އާލާކުރާކަށެއް ނޫނެވެ. އެހެނީ ތިޔަބައިމީހުންގެ ކިބައިގައި އެރޫޙު ކުރީއްސުރެވަނީ ނުހަނު ވަރުގަދަޔަށް އުފެދިފައެވެ. މީގެކުރީންވެސް ތިޔަބައިމީހުން އެތައްފަހަރަކުވަނީ ދުޝްމިނުންގެ ކުރިމަތީގައި ތިޔަބައިމީހުންގެ ހިތްވަރުގަދަކަމާއި ފިރިހެންވަންތަކަމުގެ ޖައުހަރު ދައްކައިފައެވެ. އަހަރެން ތިޔަބައިމީހުން މިއެއްކުރީ ތިޔަބައިމީހުންގެ ކުރިމަތީގައި ތިޔައޮތް ރަށުގެ މަޙައްލުތަކާއި ގަނޑުވަރުތަކާއި ޢިމާރާތްތަކުގެ ޚަޒާނާތައް އަގުހުރި މުދާތަކުން ފުރިފައިހުރި ވާހަކަ ބުނުމަށްޓަކައެވެ. މުދަލާއި ރަނާއި ޖަވާހިރަކީ ކުރިމަތީން މިފެންނަ ރަށުގައި ތަދުމަދު އެއްޗެއްނޫނެވެ. ތިޔަބައިމީހުން އިތުރަށް ކުޑަކުޑަ މަސައްކަތެއް ކޮށްލަނިކޮށް ތިޔަބައިމީހުންނަށް އެތަކެތި މިލްކުކޮށްގަނެވިދާނެއެވެ. ބައިޒެންޓެއިނުންގެ މިޒަމާންވީ ވެރިރަށަކީ ޝާނުޝައުތަކާއި އެރަށެއްގެ ރީތިކަމާއި ހިތްގައިމުކަމުގައި ދެވަނަ މިސާލެއްނުވާ ރަށެކެވެ. މުސްލިމުން މިރަށާ ދިމާޔަށް ބަލަހައްޓައިގެން ތިބޭތާ އެތައްދުވަހެއް ވެއްޖެއެވެ. މިރަށް ފަތަޙަކުރުންވާނީ ޢުޘްމާނީ ދައުލަތަށްޓަކައި ދާއިމީ ސަލާމަތާއި ހިތްހަމަޖެހުމުގެ ސަބަބެއްކަމުގައެވެ. މިރަށް ފަތަޙަވުމުން ތިޔަބައިމީހުންގެ ކުރިމަތީގައި ޔޫނާނީންގެ އެހެނިހެން ސަރަޙައްދުތައް ފަތަޙަކުރުމުގެ ދޮރު ހުޅުވިގެން ހިނގައިދާނެއެވެ. މިރަށަށް ވެރިވެގަތުމަކީ މިހާރު އެއްގޮތަކަށްވެސް އުނދަގޫކަމެއް ނޫނެވެ. ބައިޒެންޓެއިން ލަޝްކަރުތަކަކަށް އަހަރެމެންގެ ވަރުގަދަ ޙަމަލަތަކަކާ ކުރިމައްޗެއް ނުލެވޭނެއެވެ. ރަށުގެ ޚަންދަޤުތައްވެސް މިހާރުވަނީ ބަރައިލެވިފައެވެ. ރަށުގެ ދިފާޢުގައިތިބި ހަނގުރާމަވެރީންގެ ޢަދަދުވެސް ދާދި މަދުވެއްޖެއެވެ. އެބައިމީހުންގެ ހިތްތަކަށްވެސްވަނީ މަރުގެ ބިރުވެރިކަން ވަދެފައެވެ. އެބައިމީހުންގެ އަތަކު މިހާރަކު ޢަސްކަރީ ފޯރުމާލުތަކެއްވެސް ނެތެވެ. ކާބޯތަކެތިވެސް ވަރަށް މަދުވެއްޖެއެވެ. އެހެންކަމުން އެބައިމީހުންނަކަށެއް ތިޔަބައިމީހުންގެ ކުރިމައްޗަކު މާގިނަދުވަހަކު ހިފަހައްޓައެއް ނުލެވޭނެއެވެ. މާތް اللّـــه ގެ އިރާދަފުޅާއެކު އެންމެފަހުން ފަތަޙަ ލިބޭނީ އަހަރެމެންނަށެވެ. ބޭނުންވަނީ ތެދުވެރި ޢަޒުމެކެވެ. ފުރިހަމަ ކިޔަމަންތެރިކަމެވެ. ތިޔަބައިމީހުން މިދެކަންތައް ލިބިގެންފިކަމުގައިވާނަމަ ދުނިޔޭގެ އެއްވެސް ބާރަކަށް ތިޔަބައިމީހުން ފަތަޙަ ހޯދިޔަނުދީއެއް ނުހުއްޓުވޭނެއެވެ." (ޞަފުޙާ: 85، 86)

سـلطـــان محمّـــد ثــانـــــى އެމަނިކުފާނުގެ ތަޤްރީރު ނިންމެވުމަށްފަހު އަމުރުކުރެއްވިއެވެ. "ތިޔަބައިމީހުންގެ ފޭލިގެތަކަށް އެނބުރިދާށެވެ! ކައިގެން އަރާމުކުރާށެވެ! މާދަމާ ހެނދުނު ފަތިހާ ރަށްބޭރު ފާރުކައިރިޔަށް އަންނާށެވެ. ތިޔަބައިމީހުންނަށް އަމުރު އައުމާއެކު ރަށުގެ ވަށައިގެން ވަރުގަދަޔަށް ޙަމަލަދޭށެވެ."

ހުރިހައިގޮތަކުންވެސް ލަޝްކަރުގެ ހުރިހައިކަމެއް ބަލަހައްޓަވަމުން ގެންދެވީ سـلطـــان محمّـــد ثــانـــــى އަމިއްލަފުޅަށެވެ. އެންމެފަހުގެ ޙަމަލަޔަށްޓަކައިވެސް ހުރިހައިކަމެއް ފުރިހަމަޔަށް އިންތިޒާމު ކުރެއްވިއެވެ. އެހައިތަނަށްދިޔައިރު ޢުޘްމާނީންގެ ކަނޑުގެ އަރުމާދުވެސް ރަށުގެ ބޭރުފާރާ ކައިރިޔަށް އަތުވެއްޖެއެވެ. ފަޖުރުތަރި ފިޔަޖަހައިލުމާއެކު އިރުއަރައި ބިންމަތި އަލިވުމުގެކުރީން އެއްގަމުމަގުންނާއި ކަނުޑުމަގުން ރަށަށް ޙަމަލަދޭން ފަށައިފިއެވެ.

މުއައްރިޚަކު ލިޔުއްވައިފައިވެއެވެ. "އެންމެފަހުގެ ޙަމަލަދިންރޭ ޚުދު سـلطـــان محمّـــد އާއި ތުރުކިޔޭ ލަޝްކަރު ރޭގަނޑު ހަތަރުދަން ހޭދަކުރީ އަޅުކަންކުރުމާއި ދުޢާކުރުމުގައެވެ." (މުސަލްމާން ޙުކުމްރާން) އެހެން މުއައްރިޚަކު ލިޔުއްވައިފައިވެއެވެ. އެރޭ ޢުޘްމާނީ ފައުޖުގެ ހުރިހައި ނައުފަހަރަކާއި ހުރިހައި ފޭލިގެތަކެއްހުރީ ދިއްލައި އަލިކޮށް ހުޅުދާންކޮށްފައެވެ. ޒިކުރުކުރުމުގެ މަޖިލިސްތައް ބޭއްވިއެވެ. އެރޭ ހޭދަކުރީ ބާރު އަޑުން ތަހްލީލާއި ތަކްބީރު ކިޔުމުގައެވެ. لاَإِلَــه إلاَّاللّـــه މިކަލިމަފުޅު ވިރުދުކުރުމާއި اللّــه أكـبــــــر ގެ ނަޢުރާކުރުމުގައެވެ. މުޅި ކޭމްޕުން ފެންނަމުންދިޔައީ ވަރުގަދަ ޢަޒުމެކެވެ. ޖޯޝަކާއި ފޯރިއެކެވެ. އަތްފޯރާފަށަށް ކައިރިވެފައިވާ ފަތަޙައިގެ އުންމީދުގައިވަނީ ޖޯޝާއި ހިތްވަރުގެ ރާޅެއް ފެތުރިގެން ގޮސްފައިވާ ކަހަލައެވެ. (ޞަފުޙާ: 203)

(Decisive Moments in the History of Islam by M.A. Enan (Egypt).

މިކޮޅުން އިސްލާމީ ކޭމްޕުގައި ރޫޙާނީ މަހާސަމާއެއްގެ މަންޒަރު ފެންނަމުންދިޔައިރު އަނެއްކޮޅުން މުޅި ޤުސްޠަންޠީނިއްޔާގައި ފެތުރިފައިއޮތީ ބިރުވެރިކަމެވެ. ކަންބޮޑުވުމެވެ. މާޔޫސްކަމެވެ. ޤުސްޠަންޠީނިއްޔާގެ އަހުލުވެރީން ތެޅިތެޅިހުރި ހިތްތަކަކާއެކު އިންތިޒާރުކުރަމުން ގެންދިޔައީ 29 މެއި ގެ ބިރުވެރި ފަތިހަށެވެ. އެބައިމީހުންނަށްޓަކައި މަރާއި ހަލާކާއިގެން އިރުއަރާނެ ދުވަހެއްގެ ފަތިހަށެވެ.

ޝަހެންޝާހު ޤުސްޠަންޠީން އެންމެފަހުގެ ޙަމަލައިގެ ޚަބަރު ލިބިވަޑައިގެންނެވުމުން އެރޭގެ އިރާކޮޅު ޝާހީ ކިއްލާގައި ޖަލްސާއެއް ބޭއްވެވިއެވެ. ލަޝްކަރުތަކުގެ ކޮމާންޑަރުންނަށާއި، ދައުލަތުގެ ފުރަދާނައިންނަށާއި ރަށުގެ ކަމުވޮށިގެންވާ އެންމެންނަށް އެ ޖަލްސާއަށް ދަޢުވަތު ދެއްވިއެވެ. ޝަހެންޝާހު ޤުސްޠަންޠީން އެ ޖަލްސާގައި ނުހަނު ބާރުހުރި ތަޤްރީރެއް ދެއްވިއެވެ. މިތާނގައި އެ ތަޤްރީރުގެ ޚުލާޞާއެއް ހިމަނައިލުމަކީ މިހާރުގެ ޢިބާރާތުން ދަންނަވާނަމަ ދެފުށް ހާމަކުރުމަކަށްވާނެ ދޮގެއްތޯއެވެ؟

އާދެ، އެ ތާރީޚީ ތަޤްރީރާ ބެހޭގޮތުން "سـلطـــان محمّـــد الــفــاتــــح" ގެ މުސަންނިފް ލިޔުއްވައިފައިވެއެވެ. "ޝަހެންޝާހު ޤުސްޠަންޠީން ދީނީ ރަސްމުތައް އަދާކުރެއްވުމަށްފަހު މަސީޙިއްޔަތަށްޓަކައި ޤުރްބާންވެވަޑައިގެންނެވުމުގައި އެއްބޭފުޅަކަށްވުރެ އަނެއްބޭފުޅަކު ކުރިޔަށް ނުކުމެވަޑައިގެންނެވުމަށް އިލްތިމާސް ކުރެއްވިއެވެ. އޭނާ ވިދާޅުވިއެވެ.

"އެންމެފަހުގެ ޙަމަލައިގެ ގަޑި ކައިރިވެއްޖެއެވެ. ހިތްހަރު ތުރުކިޔޭއިންވަނީ ތިޔަބައިމީހުން ނައްތައިލުމަށްޓަކައި ފުރިހަމަ އާރާއި ބާރާއެކު ޖަމާވެފައެވެ. ތިޔަބައިމީހުން ހިންމަތާއި ސާބިތުކަމާއި ކެތްތެރިކަމާއެކު ފިސާރި ކެރިތިބެގެން އެއުރެންނާ ކުރިމަތިލާށެވެ. ތިޔަބައިމީހުންގެ ދީނާއި ތިޔަބައިމީހުންގެ ރަސްގެފާނާއި ތިޔަބައިމީހުންގެ އަނބިދަރީންނާއި މި މުޤައްދަސް ރަށުގެ ދިފާޢުގައި ތިޔަބައިމީހުންގެ ވާޖިބު އަދާކުރާށެވެ. އަހަރެން މާތްކަލާނގެ ޙަޟުރަތުން އެދެނީ އެކަލާނގެ ދީލަތިވަންކަމަށެވެ. މި ނުސިޔާނު ވަގުތުގައި އެކަލާނގެ އަހަރެމެންނަށް މަދަދުކުރައްވައިފި ކަމުގައިވާނަމަ ދުޝްމިނުންނަށް ޖެހޭނީ އަހަރެމެންގެ ކަނޑިތަކުގެ ކުރިމަތީގައި ގެއްލުމާއި ހަލާކު ލިބިގަނެގެން ނިކަމެތިކަމާއެކު އެނބުރިދާށެވެ. އަހަރެމެންގެ ފާފަވެރިކަމާހުރެ އެކަލާނގެ ފަޟުލުވަންތަކަމާއި ރަޙްމަތް ލިބުމުގައި ނާކާމިޔާބުވެއްޖެކަމުގައިވާނަމަ މަސީޙީންނަށްޖެހޭނީ އެއުރެންގެ މިނިވަންކަމާއި އަގުހުރި ހުރިހައި ޒަޚީރާތަކަކުން އަތްދޮވެލާށެވެ. މަޙްރޫމުވާށެވެ. ތިޔަބައިމީހުން ޔަޤީންކުރާށެވެ. މާތްރަސްކަލާނގެ ވޮޑިގެންވަނީ އަހަރެމެންނާ އެކުގައެވެ. ދުޝްމިނުން އިތުބާރުކުރަނީ ބޮޑުބަޑިތަކާއި ޒަމާނީ ހަތިޔާރުތަކާއި ޢަސްކަރީ ވަރުގަދަ ތަރުބިޔަތަށެވެ. އެކަމަކު އަހަރެމެން ބަރޯސާކުރަނީ މާތްކަލާނގެ މަދަދަށެވެ. އެހެންކަމުން ހިތްވަރު އެލުވައިނުލާށެވެ. ހިތްވަރުގަދަކަމާއި ފިރިހެންވަންތަކަމުގެ ބޭނުންކޮށްގެން ދުޝްމިނުންގެ ދަތްތައް ބުރިކޮށްލާށެވެ! އެބައިމީހުން ދާދިއަވަހަށް ތިޔަބައިމީހުންގެ މައްޗަށް އަރައިގަންނާނެއެވެ. ޝައްކެއްނެތެވެ. އެބައިމީހުންގެ ނިސްބަތުން ތިޔަބައިމީހުންގެ ޢަދަދު މަދެވެ. އެކަމަކު ރަށުގެ ވަރުގަދަ ފާރުތައް ތިޔަބައިމީހުންގެ ދިފާޢަށް ފަހިކަން ލިބިދޭނެއެވެ. ފަސޭހަކޮށްދޭނެއެވެ. އޭގެއިތުރަށް ތިޔަބައިމީހުންގެ އެކުވެރި ބޭރުރަށްރަށުގެ ބަހާދަރުންވެސް ތިޔަބައިމީހުންގެ ބުރަކަށިތައް ޙިމާޔަތް ކޮށްދޭނެއެވެ. އެބައިމީހުންވެސް އެތިބީ މަސީޙިއްޔަތުގެ އެންމެފަހުގެ ކިއްލާ ދިފާޢުކޮށް ޙިމާޔަތްކުރުމަށްޓަކައި ވާންޖެހުނު ކޮންމެ ޤުރްބާނީއެއްވާން ތައްޔާރަށެވެ. ޢަސްކަރީ ފަންނުތަކުގައިވެސް ތިޔަބައިމީހުންނަށްވަނީ ފުރިހަމަ ޤާބިލިއްޔަތު ލިބިގެންނެވެ. އެހެންކަމުން މާޔޫސްވާންޖެހޭ ސަބަބެއްނެތެވެ. ތިޔަބައިމީހުން ހިތްވަރާއި ހިންމަތުގައި ސާބިތުވެ ތިބެއްޖެކަމުގައިވާނަމަ ފަތަޙައަކީ ތިޔަބައިމީހުންގެ ޙައްޤެކެވެ. (سـلطـــان محمّـــد فــاتــــح ޑޮކްޓަރ محمّـــد صفـــــوت مـصــــرى)

(ނުނިމޭ)