ޚަބަރު

އެމްއެންޕީން ރިޔާސީ އިންތިހާބުގައި ވާދަކުރާނީ އެކަނި، ކޯލިޝަނެއް ނަހަދާނެ: ނާޒިމް

މުހައްމަދު އިޝާން

1

މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ވާދަކުރާނީ އެއްވެސް ބަޔަކާ ކޯލިޝަން ނަހަދައި އެކަނި ކަމަށް އެ ޕާޓީގެ ރައީސް، ރައްޔިތުން މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެމްއެންޕީން ރޭ އެ ޕާޓީގެ ޖަގަހައިގައި ބޭއްވި ޖަލްސާގައި ނާޒިމް ވިދާޅުވީ ރައްޔިތުންނަށް އިންސާފުވެރި އަދި މިނިވަން އިންތިހާބެއް ހޯދައިދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޒިންމާވާންޖެހޭ ކަމަށެވެ. އަދި އިންތިހާބުތަކާ ދިމާކޮށް ޕާޓީތަކުން ވައުދުތަައް އޮއްސި ނަމަވެސް އިންތިހާބު ނިމޭއިރު އެ ވައުދުތައް ''ކެންސަލް'' ވާ ކަމަށާއި އެކަމަށް ރައްޔިތުން މިހާރަށްވުރެ ބޮޑަށް ހޭލުންތެރިވާންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ރައްޔިތުން އެދެމުންދަނީ ބަދަލަކަށްކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ، ރައްޔިތުންނަށް މިހާރު އޮތް ހަމައެކަނި ބަދަލީ އޭނާ ކަމަށެވެ. އަދި ރިޔާސީ އިންތިހާބަށް ނުކެމެވަޑައިގެން ހުންނެވީ ވަރަށް ސާބިތުކަމާއެކީގައި ކަމަށާއި އެ އިންތިހާބު އެމްއެންޕީން ކާމިޔާބުކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑު ވާދަވެރިންނަށް ދަންނަވާލަން އޮތީ އަޅުގަނޑުމެން މި ތިބީ ކޯލިޝަން ހަދާ ގޮތަކަށް ނޫނޭ. އަޅުގަނޑުމެން މި ތިބީ ކޯލިޝަން ހަދާ ގޮތަކަށް ނޫން. އަޅުގަނޑު ވަރަށް ސާފުކޮށް ދަންނަވަން ބޭނުން އަޅުގަނޑު ނުކުންނާނީ އެކަނި. މި ޕާޓީން، އެމްއެންޕީން އެކަނި ނުކުމެ އިރާދަކުރެއްވިއްޔާ މި އިންތިހާބު ކާމިޔާބު ކުރާނަން،" ނާޒިމް ވިދާޅުވިއެވެ.

އޭނާ ވަނީ އެމްއެެންޕީއަކީ ގައުމީ ޕާޓީ ކަމަށާއި އެހެންކަމުން ގައުމާއި ދޭތެރޭގައި ވިސްނާފައި އެ ޕާޓީއަށް ވޯޓު ދިނުމަށް އެދިވަޑައިގެންފައެވެ. އަދި ވައްކަމާއި ފޭރުމާއި އަދި ފަސާދައިން ރާއްޖެ ސަލާމަތް ކުރެވޭނީ އެމްއެންޕީއަށް ވޯޓު ދީގެން ކަމަށް ވިދާޅުވިއެވެ.

ރާއްޖެއަކީ މުއްސަމދި ގައުމެއް ނަމަވެސް ދިވެހި ރައްޔިތުންނަށް ލިބޭ މަންފާއެއް ނެތްކަން ފާހަގަކުރައްވައި ނާޒިމް އިތުރަށް ވިދާޅުވީ، ރާއްޖޭގައި ފަގީރުންނާއި މުއްސަންދިންގެ ތަފާތު އިންތިހާއަށް ބޮޑުވެފައިވާ ކަމަށާއި އޭނާގެ ސަރުކާރެއްގައި އެ ތަފާތު ނައްތާލާނެ ކަމަށެވެ. އަދި އެ ކަންކަމުން ރާއްޖެ ސަލާމަތްކުރަން އޮތީ އެންމެ ޗޮއިސްއެއް ކަމަށާއި އެ ޗޮއިސްއަކީ އެމްއެންޕީ ކަމަށް ވިދާޅުވިއެވެ.