ދުނިޔެ

ހުޅަނގުގެ ސަތޭކައެއްހައި ޓޭންކުން ރަޝިޔާ ބަލިކޮށްލެވިދާނެތަ؟

އިމާދު ލަތީފު

ހަނގުރާމައިގެ މައިދާނުގައި ރަޝިޔާ ބަލިކޮށްލުމަށްޓަކައި ހުޅަނގުގެ ގައުމުތަކުން ކޮށްފައި ނުކުރާކަށް ވަކިކަމެއް މިހާރަކު ނުބާއްވައެވެ. އެންމެފަހުގެ ޒަމާނީ ޓޭންކުވެސް ޔުކްރޭނަށް ވަނީ ފޮނުވާން ފަށައިފައެވެ. އެމެރިކާގެ އެމްވަން އެބްރަމް ޓޭންކާއި އިނގިރޭސިވިލާތުގެ ޗެލެންޖަރސް ޓޭންކެވެ. ޖަރުމަންވިލާތުގެ ލިއޮޕަޑް ޓޫ ޓޭންކެވެ. އަދި ކިޔެއްތަ، ފަރަންސޭސިވިލާތުގެ ލެކްލާރކްސް ޓޭންކެވެ. ހުޅަނގަށް ލިބިގެންވާ އެންމެހައި ވަސީލަތްތައް ޔުކްރޭނަށް ޖަމާކުރަނީއެވެ. މިކަން މިހެން ހިނގިޔަސް ރޫސީންގެ ފަރާތުން ކަންބޮޑުވުމެއް، ބިރުގަތުމެއް، ޖެހިލުންވުމެއް ނުފެނެއެވެ. ރަޝިޔާގެ ރިޔާސީ ތަރުޖަމާން ޑިމިޓްރީ ޕެސްކޯފް ވިދާޅުވީ މިހެންނެވެ. އެހެންތަކެތި އަޅިޔަށްވާ ބީދައިން ތިޔަ ޓޭންކުތައްވެސް ދާނީ އަނދައި އަޅިޔަށް ވެގެންނެވެ. އެއްވެސް ތަފާތެއް ނެތެވެ.

ކުރިން ދެންނެވި ޒާތުގެ ސަތޭކައެއްހައި ޓޭންކް ލިބުނީމާ ޔުކްރޭނަށް މި ހަނގުރާމައިން ނަސްރު ހޯދިދާނެ ބާވައެވެ. ކްރައިމިއާ އާއި ޑޮންބާސް ފަދަ ސަރަހައްދުތަކުން ރޫސީން ފައްސައިލައި ޔުކްރޭނުގެ ކޮންޓްރޯލްގެ ދަށަށް އެސަރަހައްދުތައް ގެނެވިދާނެ ބާވައެވެ. މިއީ ވަރަށް ބޮޑު ސުވާލެކެވެ. ޓޭންކު ފޮނުވިދާނެއެވެ. އެކަމަކު އެތަކެތި ބޭނުންކުރުން ފަސޭހައެއް ނުވާނެއެވެ. ޓޭންކަކީ ޖާދުވީ ހަތިޔާރެއް ނޫނެވެ. ހަތަރު ވައްތަރެއްގެ ޓޭންކް ގެންގުޅެން ޖެހުމަކީ އޭގެ ޒާތުގައިވެސް ނުހަނު ބޮޑު ގޮންޖެހުމެކެވެ. ކޮންމެ އެއްޗަކަށް ތަފާތު އުންޑަޔާއި ވަޒަނެވެ. ތަފާތު ސްޕެއަރ ޕާޓެވެ. އެމެރިކާގެ އެބްރަމް ޓޭންކަށް އަޅަންޖެހޭ ތެޔޮވެސް ތަފާތެވެ. އަނެއްކޮޅުން މިޒާތުގެ ޓޭންކުތަކަކީ ހަމަ މިހެންތިބެފައި ބޭނުން އިރަކު ބޭނުން ވަރަކަށް އުފެއްދޭ ހަތިޔާރެއްވެސް ނޫނެވެ. ވަގުތާއި ފައިސާ ބޭނުންވެއެވެ.

ޔުކްރޭނަށް ޒަމާނީ ޓޭންކު ފޮނުވުމުގެ މައިގަނޑު ބޭނުންތަކުގެ ތެރޭގައި އަޖުމަ ބަލައިލުންވެސް ހިމެނެއެވެ. އެހެންވީމާ ނޭޓޯގެ ގައުމުތަކުން މިތަކެތި ފޮނުވާނީ ވަކި އަދަދަކަށެވެ. އެމެރިކާއިން ނިންމާފައިވަނީ އެބްރަމް ޓޭންކުގެ ދެ ކޮމްޕެނީ ފޮނުވުމަށެވެ. ކޮމްޕެނީއަކީ ސާދަ ޓޭންކެވެ. އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުން ފޮނުވާނީ ކޮންމެ ބަޔަކުވެސް އެއް ކޮމްޕެނީއެވެ. ޗެކްރިޕަބްލިކާއި ފިންލެންޑު ފަދަ ތަންތަނުން ފޮނުވާނީ ކޮންމެ ބަޔަކުވެސް ގިނަވެގެން ހަޔެއްކަ ޓޭންކެވެ. ޖުމްލަކޮށްލީމާ ގިނަވެގެން ސަތޭކައެއްހައި ޓޭންކެވެ. މިއީ ޔުކްރޭނުން އެދެމުންދާ އަދަދަށްވުރެ މާމަދެވެ. ޔުކްރޭނުން އެދިފައިވަނީ މަދުވެގެން ތިންސަތޭކަ ޓޭންކަށެވެ. އެވަރުން ހަނގުރާމައިގެ ކުލަވަރު ބަދަލުކޮށްލެވިދާނެ ކަމަށް ޔުކްރޭނުގެ ރައީސް ލޮޑޮމީރް ޒެލެންސްކީ ވިދާޅުވެއެވެ. މިތަކެތި ރުކުރުވައިލާން ގަސްތުކުރަނީ ޔުކްރޭނުގެ އިރުމަތީގައެވެ.

ހުޅަނގުން ފޯރުކޮށްދޭ އެންމެ ޒަމާނީ އެންމެ ވަރުގަދަ ޓޭންކު ބޭނުންކޮށްގެން ރޫސީންނާ ދެކޮޅަށް އައު ހަމަލާތަކެއް ޔުކްރޭނުން ފަށާނީ ކޮންއިރަކު ބާވައެވެ. އެންމެ އިހަށް ތައްޔާރުވަމުން އައީ ކުރިއަށްމިދާ ފިނި މޫސުމުގެ ތެރޭގައި ވަރުގަދަ އައު ހަމަލާތަކެއް ފެށުމަށެވެ. އެކަމަކު އެކަން އެގޮތަކަށް ތަންފީޒެއް ނުކުރެވުނެވެ. މައްސަލަޔަކަށް މެދުވެރިވީ ހަތިޔާރު ލިބުން ލަސްވުމެވެ. އެހެންވީމާ ދެން އެންމެ އަވަހަށްވެސް މިތަކެތި ބޭނުންކޮށްގެން ކަމެއް ކުރެވޭވަރުވާނީ ކުރިއަށް އޮތް މާޗު މަހުގެ ފަހުކޮޅުއެވެ. އެހިސާބަށްދާ އިރު ޔުކްރޭނުގެ ލަޝްކަރު އޮންނާނެ ހިސާބެއްވެސް ނޭނގެއެވެ. ހުސްވި ޖެނުއަރީ މަހުގެ ތެރޭގައި ރޫސީން ވަނީ އައު އޮޕަރޭޝަނެއް ފަށައިފައެވެ. ކިތަންމެ އައު ސަރަހައްދުތަކެއް ހިފައި ޔުކްރޭނުގެ ސިފައިންނާއި ހުޅަނގުގެ ކުލީ ސިފައިން ފަހަތަށް ޖައްސައިފައިވެއެވެ.

އެމެރިކާގެ އެބްރަމާއި ޖަރުމަންވިލާތުގެ ލިއޮޕަޑާއި އިނގިރޭސިވިލާތުގެ ޗެލެންޖަރާއި ފަރަންސޭސިވިލާތުގެ ލެކްލާރކާއި ވާދަކުރެވޭވަރުގެ ޒަމާނީ ޓޭންކެއް ރޫސީވިލާތުގައި ނެތީ ބާވައެވެ. ނޫނެކެވެ. ޔުކްރޭނުގެ ހަނގުރާމައިގައި އާއްމުކޮށް އަދި ބޭނުން ނުކުރާ ކިތަންމެ އައު ޓޭންކެއް އެބަހުއްޓެވެ. އޭގެތެރޭގައި ޓީ 72، ޓީ 80 އަދި ޓީ 90 ހިމެނެއެވެ. މީގެތެރެއިން ބައެއް ވައްތަރުތައް ހުޅަނގުގެ ޓޭންކުތަކަށްވުރެވެސް ވަރުގަދައެވެ. އެހެންވީމާ ހުޅަނގުގެ ސަތޭކައެއްހައި ޓޭންކު ފޮނުވައިގެން ރޫސީން ބައްޔެއް ނުވާނެއެވެ. ޖެހިލުމެއްވެސް ނުވާނެއެވެ. ހުސްވި ދެހާސް ބާވީސްވަނަ އަހަރުގެ ތެރޭގައި ހައިމާރޭ ކިޔުނު ރޮކެޓް ނިޒާމެއް ފޮނުވައިގެންވެސް ހަނގުރާމައިގެ މިސްރާބު ބަދަލުވެއްޖެޔޭ ކިޔައިގެން ލައްކަ ވާހަކަ ދެއްކިއެވެ. އެކަމަކު ވީކަމެއް ނެތެވެ.

ޔުކްރޭނުގައި ހިނގަމުންދާ ހަނގުރާމައަކީ ކޮންވެންޝަނަލް ހަނގުރާމައެކެވެ. ނިއުކުލިއަރ ހަނގުރާމައެއް ނޫނެވެ. އެކަމަކު މި ހަނގުރާމަ ނިއުކުލިއަރ ހަނގުރާމައަކަށް ބަދަލުވުމުގެ ބިރު އެބައޮތެވެ. ޔުކްރޭނުގައި ރަޝިޔާ ބަލިވެ، ރަޝިޔާގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވީމާ އެއޮތީ ނިއުކުލިއަރ ހަތިޔާރުގައި އަތްލާ ހިސާބަށް ގޮސްފައެވެ. ރަޝިޔާގައި އެތައްހާސް ނިއުކުލިއަރ ވޯހެޑެއް އެބަހުއްޓެވެ. އެތަކެތި އުފައްދައި ގުދަންކޮށްގެން އެތިބީ ގައުމުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުންނެވެ. ޔުކްރޭނުގައި ރަޝިޔާ ބަލިވުމުގެ މާނަޔަކީ ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވުމެވެ. އެހާލަތުގައި ނިއުކުލިއަރ ހަތިޔާރު ބޭނުންކުރަން ފަސްޖެހޭނެ ކަމަށް ނުބެލެވެއެވެ. އެކަން ރަޝިޔާގެ ގައުމީ ސަލާމަތާބެހޭ ކައުންސިލްގެ ވެރިޔާ ޑިމިޓްރީ މެދްވެދޭވްގެ ވާހަކަފުޅުތަކުން އޮތީ ކަށަވަރުވެސް ވެފައެވެ.