ލޭއޮހޮރުވުމަކުން ވެރިކަން ބަދަލުކުރުމަށް ގޮވާލައި، މާލެ ސިޓީ ކައުންސިލުގެ ތަރުޖަމާނު މަރިޔަމް ޝިއުނާ ކުރެއްވި ޓުވީޓެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ޝިއުނާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ބަޔަކު ވަރަށް ހަރުކަށިކަމާއެކު މި ވެރިކަން ނިންމަންވެއްޖެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މުސްލިމުންގެ މައްޗަށް އަނިޔާވެރިކަން ހިންގަވަމުން ގެންދަވާ ކަމަށް ވެސް ތުހުމަތުކުރެއްވިއެވެ.
"ޓުވީޓުކުރަން ތިބެގެން ވާކަށް ނެތް. ލޭ އޮހޮރުވުމަކުންވެސް ބަދަލުކުރަންވެއްޖެ،" އިބޫ ނޫންގޮތެއް ހޭޝް ޓެގް ބޭނުންކުރައްވައި، އޭނާ ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.
އެ ޓުވީޓާ ގުޅިގެން ފުލުހުންގެ މީޑިއާއިން "ވަން" އަށް މިއަދު ބުނީ @nannaxeevގެ ނަމުގައި ބޭނުންކުރަމުންދާ ޓުވިޓާ އެކައުންޓަކުން ކޮށްފައިވާ ޓުވީޓެއްގެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެ ޓުވީޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަ ކަމަށެވެ.
އެ ޓުވީޓުގެ މައްސަލަ ހޫނުވެ އޭނާ ވަނީ ފަހުން ޓުވީޓު ޑިލީޓުކޮށްފައެވެ. އަދި އޭގެ ފަހުން ކުރި ޓުވީޓެއްގައި ވިދާޅުވީ ކުރިން ބުނި އެތި ކެންސަލް ކަމަށާއި ފުރަތަމަ ކުރެއްވި ޓުވީޓު ޑިލީޓުކޮށްލެއްވީ ބައެއް މީހުންނަށް އޭގެން ނުބައި މާނައެއް ނެގިގެން އުޅޭތީ ކަމަށެވެ.
ހަރުކަށި މާނައެއް ނެގުނު ނަމަ މައާފަށް އެދޭ ކަމަށާއި އޭނާގެ ޓުވީޓުގައި ވާނީ އެއްވެސް ހާލެއްގައި ހަރުކަށި އަމަލެއް ހިންގާ ވާހަކަ ނޫން ކަމަށެވެ. އަދި ގައުމަށްޓަކައި ގުރިބާންވުންވެސް އޮންނަ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން ޝިއުނާ "ވަން" އަށް މިއަދު ބުނީ އެއީ އޭނާ އަމިއްލައަށް ކުރެއްވި ޓުވީޓެއް ކަމަށާއި ފަހަރެއްގައިވެސް ލޭ އޮހޮރުވުމަކަށް ހިތްވަރުދިނުމަށް ގޮވާލާފައި ނުވާނެ ކަމަށެވެ. އަދި އެއީ ވަކި މީހަކަށް ނިސްބަތްކޮށް ކޮށްފައިވާ ޓުވީޓެއް ނޫން ކަމަށާއި އެއީ މުސްލިމުންގެ ހައްގުގައި ލޭ އޮހޮރުވުން މާނަކުރާގޮތަށް ކޮށްފައިވާ ޓުވީޓެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު