ބަޔާން މިއުނިކް

ބަޔާން ކުއާޓާއަށް، ކަންސެލޯގެ ފެށުން ރަނގަޅު

ޖަރުމަން ކަޕްގެ ގަދަ 16ގައި ރޭ ބަޔާން މިއުނިކުން ކުޅުނު މެޗުގައި މައިންޒް އަތުން މޮޅުވެއްޖެއެވެ.

މައިންޒް ދަނޑުގައި ރޭ ކުޅުނު މެޗުގައި ބަޔާން މޮޅުވީ 4-0 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުގައި ބަޔާނާ އަލަށް ގުޅުނު ޕޯޗުގަލްގެ ޑިފެންޑަރު ޖާއޯ ކަންސެލޯ ފުރަތަމަ 11 އަށް ނުކުތް އިރު، އޭނާގެ ކުޅުން ވަނީ ފާހަގަކޮށްލެވިފައެވެ.

މެންޗެސްޓާ ސިޓީން ލޯނު އެއްބަސްވުމެއްގެ ދަށުން އަންގާރަ ދުވަހު ބަޔާނަށް ބަދަލުވި ކަންސެލޯ ވަނީ މެޗުގެ 17 ވަނަ މިނެޓުގައި ބަޔާނަށް ލީޑު ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. ކެމަރޫންގެ ފޯވަޑް އެރިކް މެކްސިމް ޗޫޕޯ-މޯޓިން ބަޔާނަށް ލީޑު ނަގައިދިނީ އޭރިޔާ ތެރެއަށް ކަންސެލޯ ހުރަސްކޮށްލި ބޯޅައަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ބަޔާންގެ ޖަމާލް މުސިއާލާ އާއި ލެރޯއީ ސާނޭ ވަނީ އިތުރު ދެ ގޯލު ޖަހައިފައެވެ. ބަޔާންގެ ހަތަރުވަނަ ގޯލު ދެވަނަ ހާފުގައި ޖެހީ އަލްފޮންސޯ ޑޭވީސްއެވެ.

މެޗުގެ 86 ވަނަ މިނިޓުގައި މައިންޒްގެ އެލްޒަންޑާ ހެކަށް ރަތް ކާޑު ދެއްކުމުން އެޓީމު މެޗު ނިންމާލީ ދިހަ ކުޅުންތެރިންނާ އެކުގައެވެ.