މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް މިއަދު ފަށައިފިއެވެ.
އެމްއޭސީއެލްގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފެށުމުގެ ގޮތުން ހުޅުލޭ އައިލެންޓް ހޮޓަލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްއޭސީއެލް އާއި ޔޫތް މިނިސްޓްރީން ވަނީ އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެމްއޭސީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ތަހާއެވެ. ޔޫތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސެއިން އިސްމާއީލްއެވެ.
އެމްއޭސީއެލުން ބުނީ އެ ކުންފުނީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ދަށުން ތިން އަހަރުގެ ތެރޭގައި 225 މީހުން ތަމްރީނު ކުރާނެ ކަމަށެވެ. އެގޮތުން ފުރަތަމަ ބުރުގައި ޖުމްލަ 75 ފަރާތަކަށް ތަފާތު 20 ދާއިރާއަކުން ތަމްރީނާއި ތަޖުރިބާ ދޭނެ ކަމަށާއި އަދި ހަ މަސް ދުވަހުގެ އެ ތަމްރީނު ޕްރޮގްރާމުގައި އެމްއޭސީއެލްގެ 50 މުވައްޒަފުންނާއި އެ ޕްރޮގްރާމަށް އެޕްލައި ކުރި ފަރާތްތަކުގެ ތެރެއިން ހޮވުނު 25 ޒުވާނުން ބައިވެރިވާނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ.
ދިވެހި ޒުވާނުން ވަޒީފާގެ މާހައުލަށް ތަމްރީނު ކުރުމަށްޓަކައި ގައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށް ގެންދިޔުމަކީ މި ސަރުކާރުގެ ވައުދެކެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު ތަހާ ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ދިމާވާ އެންމެ ބޮޑު ދަތިކަމަކީ އެ އެއާޕޯޓަށް އަންނަ ޓެކްނޮލޮޖީގެ ކުރިއެރުމާއި އުމްރާނީ ތަރައްގީގެ ކުރިއެރުމާ އެއްވަރަށް އެ ދާއިރާތަކުން ތަމްރީނު ވެފައިވާ ތަޖުރިބާ ހުރި މުވައްޒަފުން ނުލިބުން ކަމަށެވެ. ނަމަވެސް ސަރުކާރުގެ ވައުދާ އެއްގޮތަށް އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ހިންގުމަކީ މުވައްޒަފުން ހޯދުމަށް އެކުންފުންޏަށް ލިބިގެންދާ ލުޔެއް ކަމަށް ތަހާ ވިދާޅުވިއެވެ.
ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސެއިން އިސްމާއީލް ވިދާޅުވީ، ރާއްޖޭގައި ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހުރި ނަމަވެސް އެ ވަޒީފާތަކަށް އެކަށީގެންވާ ގާބިލު ޒުވާނުން މަދު ކަމަށެވެ.
އޭނާ ވިދާޅުވީ އެކަމަށް ލުޔެއް ހޯދުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ ގައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ތެރެއިން ރަސްމީ ތައުލީމީ ނިޒާމުން އެކި ސަބަބުތަކާ ހުރެ އެކަހެރިވެފައިވާ ފަރާތްތަކަށް ތަމްރީނުދީ ވަޒީފާގެ ފުރުސަތުތައް ހުޅުވާލެވިގެންދާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ވަޒީފާގެ ބާޒާރުގެ ފަންނީ އެކި ދާއިރާތަކަށް ބޭނުންވާ ތަމްރީނު ލިބިފައިވާ މީހުން އުފެދިގެންދާނެ ކަމަށެވެ.
ގައުމީ އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ގައުމީ ސަނަދުގެ އޮނިގަނޑުގެ ސެޓްފިކޭޓް ލެވެލް ތިނެއްގެ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމް ކުރިއަށް ގެންދަނީ ހަޔާ އެޑިއުކޭޝަން، ޔޫތް މިނިސްޓްރީ އަދި މޯލްޑިވްސް ނެޝަނަލް ސްކިލް ޑިވެލޮޕެންޓް އޮތޯރިޓީ ގުޅިގެން އެއޮތޯރިޓީގެ ނެޝަނަލް ކޮމްޕިޓެންސީ ސްޓޭންޑަޑްތަކާ އެއްގޮތަށެވެ.
ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން ދެ ޖިންސުގެ ޒުވާނުންނަށް އަމާޒުކޮށްގެން ތަފާތު ހުނަރުތައް ދަސްކޮށްދީ، ވަޒީފާގެ ބާޒާރަށް އަހުލުވެރި ކުރުވަން ހިންގާ އެ ޕްރޮގާމްގެ ދަށުން ޖުމްލަ ތިންހާސް ޒުވާނުން ތަމްރީންކުރުމަކީ ސަރުކާރުގެ އަމާޒެވެ.
ޚަބަރު
ޚަބަރު
ޚަބަރު