ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ރައީސް ބައްސާމް އަދީލް ޖަލީލް، އޭއެފްސީގެ އެކްސްކޯ ގޮނޑިއަކަށް އިންތިހާބުކޮށްފިއެވެ.
ބަައްސާމް އެ މަގާމަށް އިންތިހާބުކޮށްފައިވަނީ ބަހްރޭނުގައި މިހާރު ކުރިއަށްދާ އޭއެފްސީގެ 33 ވަނަ ކޮންގްރެސްގައެވެ. ބައްސާމް މިއަދު އިންތިހާބުކޮށްފައިވަނީ އޭއެފްސީ އެކްސްކޯގެ ކޮމިޓީ މެމްބަރުގެ ތެރެއިން ދެކުނު އޭޝިއާއަށް ހާއްސަ ދެ ގޮނޑީގެ ތެރެއިން އެއް ގޮނޑިއަށެވެ. މި ރީޖަނުން ބައްސާމްގެ އިތުރުން ދެން ގޮނޑިއަށް އިންތިހާބުކޮށްފައިވަނީ ނޭޕާލްގެ އެފްއޭގެ ރައީސް ޕަންކާޖް ބިކްރަމް ނެމްބަންގެވެ.
މި ޒޯނުގެ ދެ ގޮނޑިއަށް ބައްސާމާއި ނޭޕާލްގެ ބިކްރަމްގެ އިތުރުން ދެން ވާދަ ކުރެއްވީ އިންޑިއާގެ ޝާޖީ ޕްރަބާކަރަމްއެވެ. ބައްސާމް އިންތިހާބުވެވަޑައިގެންފައިވަނީ އޭޝިއާގެ އެކި ރީޖަންތަކަށް ހާއްސަކޮށް ކަނޑައަޅާފައިވާ ނުވަ ގޮނޑީގެ ތެރެއިން އެއް ގޮނޑިއަށެވެ.
ބަހްރޭންގައި މިއަދު ކުރިއަށް ގެންދިޔަ ކޮންގްރެސްގައި 2027 ވަނަ އަހަރާ ހަމައަށް އާ އެކްސްކޯ އިންތިހާބު ކޮށްފައިވާ އިރު، ރައީސް ކަމަށް ތިންވަނަ ދައުރަކަށް ބަހްރޭނުގެ ޝެއިހް ސަލްމާން ބިން އިބްރާހިމް އެލް ހަލީފާ ވަނީ އިންތިހާބުކޮށްފައެވެ. ވާދަކުރާނެ އިތުރު ކެންޑިޑޭޓަކު ނެތި، ޝެއިހް ސަލްމާން ރައީސް ކަމުގެ އިތުރު ދައުރެއް މިއަދު ފައްޓަވާ އިރު، އޭނާ އެންމެ ފުރަތަމަ 2013 ވަނަ އަހަރު އޭއެފްސީގެ އިސް ވެރިޔާގެ މަގާމާ ހަވާލުވެވަޑައިގަތީ، އޭރުގެ ރައީސް މުހައްމަދު ބިން ހަންމާމު މަގާމުން ވަކިވެވަޑައިގެންނެވުމުންނެވެ.
ބައްސާމް އޭއެފްސީގެ އެކްސްކޯއަށް އިންތިހާބުވެވަޑައިގަތުމަކީ ފުޓުބޯޅަ ތާރީހުގައި މުހިއްމު ކާމިޔާބީއެކެވެ. މީގެ ކުރިން ރާއްޖޭގެ ފަރާތުން މުހައްމަދު ޝަވީދާއި އަލީ އާޒިމްވެސް އޭއެފްސީގެ އެކްސްކޯގައި ގޮނޑިތައް ފުރުއްވާފައިވާ އިރު، ބައްސާމް މިވަގުތު އެފްއޭއެމްގެ ރައީސްކަން ކުރައްވަމުން ގެންދަވަނީ 2016 އިން ފެށިގެންނެވެ.
ފުރަތަމަ 2003 ވަނަ އަހަރު ވެލެންސިއާގެ ކުޅުންތެރިއެއްގެ ގޮތުގައި ފުޓުބޯޅައަށް ނުކުންނެވި ބައްސާމް، އެ ކްލަބުގެ ހިންގުމުގައިވެސް ފަހުން ހަރަކާތްތެރިވެލެއްވިއެވެ. އޭގެފަހުން 2013 ވަނަ އަހަރު އެ ކްލަބުގެ ރައީސްކަންވެސް ބައްސާމް ކުރެއްވި އިރު، 2015 ވަނަ އަހަރު އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމުވެސް އަދާކުރެއްވިއެވެ.
ބައްސާމްގެ ރިޔާސަތުގައި އެފްއޭއެމްއިން ކާމިޔާބީތަކެއް ހޯދައި މިއަދާ ހަމައަށް އައި ނަމަވެސް، ދާދިފަހުން އޭނާއަށް ވަނީ ފާޑު ކިޔުންތައްވެސް އަމާޒުވެފައެވެ. އެފްއޭއެމްގެ ދަރަނީގެ މައްސަލަތައް ބޮޑުވެ، އެ ފާޑު ކިޔުންތައްވެސް ވަރަށް ބޮޑަށް އަމާޒުވެފައިވާ އިރު، އަދިވެސް ކްލަބުތައް އޮތީ އުނދަގޫ ހާލަތެއްގައެވެ. އޭގެ އިތުރުން އެޑްމިނިސްޓްރޭޝަންގެ މައްސަލަތަކާ ހެދި ކޯޗުންގެ މުސާރަތައް ނުދެވި މައްސަލަތައްވެސް ކުރިމަތިވެފައިވެއެވެ.
ބައްސާމް އަދީލް ޖަލީލް
ބައްސާމް އަދީލް ޖަލީލް
ބައްސާމް އަދީލް ޖަލީލް