ކ. ތުލުސްދޫގައި ސްނޯކްލިންއަށް ގޮސް އުޅުނު ފަތުރުވެރިއަކު، ޑިންގީއެއްގެ ބުރަފަތީގައި ޖެހި މަރުވި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.
މިދިޔަ އާދިއްތަ ދުވަހު އެ ހާދިސާ ހިނގީ އެރަށު ކަނޑުއޮޅި ކައިރިއަށް ފަތުރުވެރިޔާ ސްނޯކްލިއަންއަށް ގޮސް އުޅެނިކޮށް ތަންކޮޅެއް ނެރުން ބޭރަށް ދިޔަ ވަގުތު އެ ސަރަހައްދުން ދަތުރުކުރި ޑިންގީއެއްގެ ބުރަފަތީގައި ޖެހިގެންނެވެ. އެ ކަނޑުއޮޅިއަކީ އާންމުކޮށް ފަތުރުވެރިން ސްނޯކްލިއަންއަށް ގޮސް އުޅޭ ސަރަހައްދެކެވެ.
ތުލުސްދޫ ކައުންސިލުގެ ރައީސް އަސްލަމް މޫސާ މިދިޔަ އާދިއްތަ ދުވަހު "ވަން" އަށް ވިދާޅުވެފައިވަނީ, އެހާދިސާގައި މަރުވީ ފިރިހެނެއް ކަމަށާއި ނަމަވެސް އޭނާއަކީ ކިތައް އަހަރުގެ އަދި ކޮން ގައުމެއްގެ މީހެއް ކަމެއް ނޭނގޭ ކަމަށެވެ. އަދި އޭނާ ޗުއްޓީއަށް ތުލުސްދުއަށް ދިޔައީ ކޮންއިރަކު ކަމެއް އަދި ހުރީ ކޮންތަނެއްގައި ކަމެއްވެސް ނޭނގޭ ކަމަށެވެ.
"ހާދިސާގައި ފަތުރުވެރިއާގެ އަތެއްވެސް ނެތް. ހަށިގަނޑުގެ އެކި ތަންތަނުން ކަފައިގެން ގޮސް, ގޮހޮރުގެ ބައެއްވެސް މަދު ކަމަށްވަނީ. ސިއްހީ މަރުކަޒަށް ގެނައި އިރުވެސް އޮތީ މަރުވެފައި," އަސްލަމް މޫސާ ވިދާޅުވެފައިވެއެވެ.
ފުލުހުން "ވަން" އަށް މިއަދު ބުނީ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިއްޔެ 45 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާއަކީ ޑިންގީ ދުއްވަން އިން މީހާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން 10 ދުވަސް ޖަހާފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު