މަގު ކޮނުމާއި ޖަންކްޝަން ފަދަ ތަންތަނުގެ މަތި ނަގައިގެން ކުރާ މަސައްކަތާއި މަގު ބަންދުކޮށްގެން ކުރާ މަސައްކަތަށް ނަގާ ފީ 154 ޕަސެންޓު ބޮޑުކުރުމަށް މާލޭ ސިޓީ ކައުންސިލުން އެކުލަވާލައި އަމަލުކުރަން ފެށި އުސޫލު ބާތިލުކުރުމަށް ކޯޓަށް ދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯގެ މައި އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ، އަގުތަކަށް ބަދަލު ގެނެސްފައިވަނީ ކުރިން އެންގުމަކާ ނުލައި ކުއްލިއަކަށް ކަމަށާއި އެކަމުގެ ސަބަބުން ސްޓެލްކޯއަށް ދަތިތައް ކުރިމަތިވާ ކަމަށެވެ.
"މި އުސޫލުގެ ދަށުން، މިސާލަކަށް މަގުމަތީ ބަހައްޓާ ބޯޑެއްގެ އަގު ކުރީގައި 60 ރުފިޔާއަށް ނަގަމުން އައިސްފައި، ކުއްލިއަކަށް މި އުސޫލުގެ ދަށުން 200 ރުފިޔާއަށް ބަދަލު އެބަވޭ. ރޯޑްބްލޮކް ބަހައްޓާ ބޯޑުގެ އަގު، 150 ރުފިޔާ ނަގަމުން އައިސް މިހާރު 300 ރުފިޔާ،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ، އާންމުންގެ މަސްލަހަތު ހިމެނޭ އުސޫލެއް ނުވަތަ ގަވައިދެއް ނެރޭ އިރު، އެ އުސޫލަކަށް ނުވަތަ ގަވައިދަކަށް އަަމަލުކުރަން މުއްދަތެއް ދިނުމަކީ އާންމު އުސޫލުންވެސް އަމަލުކުރާ ގޮތް ކަމަށާއި ނަމަވެސް ސިޓީ ކައުންސިލުން އެ އުސޫލަށް އަމަލުކުރަން ފަށާފައިވަނީ މުއްދަތެއް ނުދީ ކަމަށެވެ.
ސިޓީ ކައުންސިލުން އެ އުސޫލު އެކުލަވާލުމުގައި ސްޓެލްކޯއާވެސް އަދި އެއްވެސް ސްޓޭކްހޯލްޑަރަކާވެސް މަޝްވަރާކޮށްފައި ނުވާ ކަމަށާއި އުސޫލު އެކުލަވާލުމުގައި އެލްޖީއޭގެ ލަފާވެސް އެ ކައުންސިލުން ހޯދައިފައިނުވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ގަބޫލުކުރަނީ މި އުސޫލަކީ ބާތިލު އުސޫލެއް ކަމަށް. އަޅުގަނޑުމެން މި އުސޫލު ބާތިލުކުރަން ރައްޔިތުންގެ ހައްގުގައި ކޯޓަށް ދާނަން،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވަނީ މާލޭ ސިޓީ ކައުންސިލުން އުސޫލެއް ހަދާ ނަމަ، ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް އާންމުންނަށް އެކަމުގެ ތަކުލީފު އުފުލަން ނުޖެހޭނެ ފަދަ ގޮތަކަށް އަދި ގާނޫނާއި ގަވައިދުގެ ތެރެއިން އުސޫލުތައް ހެދުމަށް ގޮވާލައްވައިފައެވެ.