ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލާއެކު ހަތަރު ބޭފުޅަކު ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލައްވައިފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ، ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ ދެ މަގާމުގެ ތެރެއިން އެއް މަގާމަށް ކުރިމަތިލުމަށް އެ ކޮމިޝަނުން ހުޅުވައިލި ފުރުސަތު މިއަދު މެންދުރަށް ހަމަވި އިރު، ހަތަރު ބޭފުޅަކު އެ މަގާމަށް ކުރިމަތިލައްވާފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ، ކުރިމިނަލް ކޯޓުގެ އިސްގާޒީ ޝަކީލްގެ އިތުރުން ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދާއި ގދ. ގައްދޫ ކޯޓުގެ މެޖިސްޓްރޭޓް މުހައްމަދު ޝަނީޒް އަބްދުﷲ އާއި ހުޅުމާލޭ ދޮޅަސް، ހުސައިން ޝަކީބް ކަމަށެވެ.
އޭގެ ތެރެއިން ގާޒީ ޝަކީލަކީ ވ. އާރަށު މައްސަލަ ބެއްލެވި ގާޒީއެވެ. އެ މައްސަލަ ބެއްލެވުމަށްފަހު ގާޒީ ޝަކީލު ވަނީ އާރަށުގައި ރިސޯޓެއް ތަރައްގީކުރަން އެރަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްގެން ހިންގެވި ހިޔާނާތުގެ މައްސަލަތަކުގައި 11 އަހަރަށް ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމު ޖަލަށްލުމަަށް މިދިޔަ މަހުގެ 25 ވަނަ ދުވަހު ހުކުމްކުރައްވައިފައެވެ.