އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކާމިޔާބު ހޯއްދެވި ކަމަށް އެ މަނިކުފާނާ ވާދަކުރެއްވި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ދެންމެއަކު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ މަޖިލިސް މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕަކަށް ރައީސް ނަޝީދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އޮޅުވާލުންތައް އެއްކިބާކޮށްފި ނަމަ ރައީސް ސޯލިހަށް ލިބުނު ވަރަށް ގިނަ ވޯޓު އުނިވާނެ ކަމަށެވެ. ނަމަވެސް ވޯޓާސް ލިސްޓަށް ބަލައި "ކުޑަ ތަފާތަކުން" ރައީސް ސޯލިހު މޮޅުވެދާނެ ކަމަށް ވިދާޅުވިއެވެ.
"އެހެންވިޔަސް އަޅުގަނޑަށް ފެންނަ ގޮތުގައި ރައީސް ސޯލިހާއެކު ގޮސް 2023ގެ ރިޔާސީ އިންތިހާބު އެމްޑީޕީއަކަށް ކާމިޔާވެއް ނުކުރެވޭނެ" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، "ފިކުރެއްގެ ދިރުން"ގެ ނަމުގައި އެމްޑީޕީގެ ގޮފިތައް ހުރިހާ ރަށެއްގައިވެސް އަލުން ހަދައި، އެމްޑީޕީން ކަނޑާލި ކަމަށް ބުނާ 39،000 އަށްވުރެ ގިނަ މެންބަރުން އަލުން ޕާޓީއާ ގުޅި އެ މީހުންނާ އެކު ޕާޓީއަށް ފެންނަ ގޮތެއް ނިންމެވުމަށް ހުށަހަޅުއްވާ ކަމަށެވެ.
"ފިކުރެއްގެ ދިރުންގެ ފަރާތުން ތާއީދުކުރާ ކެންޑިޑޭޓަކު ކަނޑައަޅާނީ ފަހުން. ރިޔާސީ އިންތިހާބުގެ ކުރިއަށް ޕާލިމަންޓަރީ ނިޒާމު ބަދަލުކުރުމަށް އެއްބަސްވާ ކެންޑިޑޭޓަކީ ތާއީދުކުރަން ފަސޭހަ ކެންޑިޑޭޓެއް" ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވަގުތީ ނަތީޖާ ދައްކާގޮތުން ރައީސް ސޯލިހަށް 24،566 ވޯޓު ލިބިވަޑައިގެންފައިވެއެވެ. އެއީ ވޯޓުލީ މީހުންގެ 61 ޕަސެންޓެވެ. ރައީސް ނަޝީދަށް ލިބިވަޑައިގެންނެވީ 15،641 ވޯޓެވެ. އެއީ 39 ޕަސެންޓް ވޯޓެވެ.