އައްޑުއަތޮޅު ގަމުގައި އިނގިރޭސިން ތިބި ޒަމާނުގައި އިނގިރޭސިން ހިތްވަރުދީގެން ދިވެހި ދައުލަތާ ދެކޮޅަށް ދޭތެރެ ދޭތެރެއިން އެކިކަހަލަ ހަރަކާތްތައް ހިންގުވައިފައިވެއެވެ. އެންމެފަހުން ހިންގުނު ހަރަކާތަކީ ސުވާދީބުގެ ކަންތައް ނިމުނުތާ އެއްއަހަރު ފަހުން 1964 ވަނަ އަހަރުގެ ތެރޭގައި ހިންގުނު ގަޑުބަޑެކެވެ. މިއީ ގަމުގައި މަސައްކަތްކުރި ދިވެހި މުވައްޒަފުންނަށް ހިތްވަރުދީގެން ހިންގި ހަރަކާތެކެވެ. މިހަރަކާތް މަޝްހޫރުވެފައިވަނީ އާރުއޭއޭފް ހުސޭނުގެ ޖަގަޑާގެ ނަމުންނެވެ. ދިވެހިބަހުން ޖަގަޑާއަކީ އަރައިރުމާއި ގަޑުބަޑެވެ. ހަމަނުޖެހުމެވެ. މި ޖަގަޑާގެ ނަން އެމީހަކަށް ނިސްބަތްކުރެވޭ އާރުއޭއެފް ހުސޭނަކީ ހިތަދޫ ދޮންމަނިކާގެ އަހުމަދުގެ ހުސައިންފުތާއެވެ. މީނާާއަކީ ގަމާއި މާމެންދޫގައި އިނގިރޭސިން މުސާރަދޭ ދިވެހި އެންމެހައި ލޭބަރުންގެ ސަރުދާރެވެ.
ސުވާދީބުގެ ކަންތައް 1963 ވަނަ އަހަރު ނިމުނުފަހުން ދިވެހި ދައުލަތުގެ ފަރާތުން އައްޑުއަތޮޅުގައި ހުންނެވި އިސްވެރިޔަކީ އަތޮޅުވެރިޔާއެވެ. އެއީ އެންމެ ފުރަތަމަ އަތޮޅުގެ ރައްޔިތުންގެ ވޯޓަކުން އިންތިޚާބުކުރި އަތޮޅުވެރިއެވެ. ހިތަދޫ އަލިދީދީގެ މޫސާދީއެވެ. އޭނާ ތަންފީޒު ކުރައްވަމުން ގެންދެވީ ދާޚިލީވަޒީރު ކަރަންކާ އިބްރާހިމް ރަޝީދާއި ބޮޑުވަޒީރު އިބްރާހިމް ނާސިރުގެ އެންގެވުންތަކެވެ. އޭރު ދިވެހިރާއްޖެއަށް އަދި ފުރިހަމަ މިނިވަންކަމެއް ނުލިބެއެވެ. އޮތީ އިނގިރޭސިންގެ ހިމާޔަތުގެ ދަށުގައެވެ. މޫސާދީއަށް ދައުލަތުން އަންގަވާ އެންގެވުންތައް އެމަގުން ތަންފީޒު ކުރައްވާތީ އިނގިރޭސިން ނުރުހިއްޖެއެވެ. އެހެންވީމާ ގަމުގެ ލޭބަރުންނަށް ހިތްވަރުދީގެން 1964 ވަނަ އަހަރު ރޭވީ އަތޮޅުވެރިޔާ ސައިޒުކޮށް ނުކިޔަމަންތެރިކަން ފާޅުކުރުމުގެ މާވަރުގަދަ ހަޅުތާލެކެވެ.
ގަމުގައި ދިވެހި ލޭބަރުންގެ އެތައް ސަތޭކަބަޔަކު މަސައްކަތްކުރިއެވެ. ގިނައީ ހިތަދޫ މީހުންނެވެ. އެންމެންގެ ސަރުދާރަކީވެސް ހިތަދޫ މީހެކެވެ. ގަމުގައި ހުރި އިނގިރޭސިންގެ ސްޓޭޝަން ކޮމާންޑަރުގެ އެންގުމަކަށް ހުރިހާ ލޭބަރުންނަށް ޗުއްޓީ ދީފައި އެއްދުވަހު ހިތަދޫއަށް ފޮނުވައިފިއެވެ. އިސްކޮށްހުރީ ކުރިން ދެންނެވި ހުސޭނެވެ. އެމީހުން ގޮސް އަތޮޅު އޮފީހުގައި ހުރި ދިދަބާލައި، އަތޮޅުވެރިޔާއާ ދެކޮޅު ޝުއޫރުތައް ފާޅުކޮށް ހަޅުތާލެއް ފަށައިފިއެވެ. މިކަން ހުއްޓުވައި ނަސޭހަތް ދެއްވުމަށް އަތޮޅުވެރިޔާ ވަޑައިގަތުމުން ގާއުކައި ހަމަލާވެސް ދީފިއެވެ. މިކަން ހަތަރު ފަސްދުވަހަކަށް ދެމިގެން ދިޔައެވެ. އަތޮޅުވެރިޔާއަށް ހިތަދޫގައި ނުހުންނެވިގެން އެންމެފަހުން ސިއްރިޔާތުގައި ވަޑައިގަތީ ހުޅުދޫއަށެވެ. އަތޮޅު ކޮންޓްރޯލް ކުރެެއްވުމަށް ދެން ފިޔަވަޅުތައް އެޅުއްވީ ހުޅުދޫގައި ހުންނަވައިގެންނެވެ.
ހުޅުދޫން ވަފުދެއް ނަންގަވައިގެން ގަމަށް ވަޑައިގެން ސްޓޭޝަން ކޮމާންޑަރާ ބައްދަލުކުރައްވައި އަތޮޅުވެރިޔާ ވިދާޅުވިއެވެ. މިކަންކަމަކީ އިނގިރޭސިން ހިތްވަރުދީގެން ކުރުވާ ކަންކަމެވެ. މިއީ ދާޚިލީ ހަމަނުޖެހުމެއް ނޫނެވެ. މިއީ ބޭރުގެ ބާރަކުން ދިވެހިރާއްޖޭގެ ދާޚިލީ ކަންކަމާ ބެހުމެކެވެ. އެހެންވީމާ ދިވެހި ދައުލަތުން އަމަލުކުރާނީ އެކަމަށް އެކަށީގެންވާ ބީދަޔަކުންނެވެ. ސްޓޭޝަން ކޮމާންޑަރު ވިދާޅުވި ކަމަށްވެއެވެ. ތިމަންނަޔާ ބެހުމެއް ނެތެވެ. ހަޅުތާލުކުރަނީ އިނގިރޭސިންނެއް ނޫނެވެ. ދިވެހިންނެވެ. ދިވެހި ރައްޔިތުންނެވެ. ޖަވާބުގައި އަތޮޅުވެރިން ވިދާޅުވިއެވެ. ތެދެކެވެ. ހަޅުތާލުކުރަނީ ދިވެހިންނެވެ. އެކަމަކު އެއީ އިނގިރޭސިން މުސާރަދޭ އެމީހުންގެ މަޖޫރީންނެވެ. އެމީހުންނަށް ޗުއްޓީ ދީފައި ފޮނުވީ ކޮންފަރާތަކުންކަން ބުނެދޭށެވެ.
ތިޔަކަން ހުއްޓާނުލައިފިނަމަ އިނގިރޭސިންގެ ކަންކަންހުރި ގޮތް ދިވެހި ސަރުކާރުން ބޭރުދުނިޔެއަށްވެސް އަންގާނެ ކަމުގެ އިންޒާރު ދެއްވައިފިއެވެ. މިތާކު ދެވަނަ ސުވާދީބެއް ހަދަން ދިވެހި ސަރުކާރުން ފުރުސަތެއް ނުދޭނެކަންވެސް ސާފުބަހުން ވިދާޅުވެއްޖެއެވެ. މިހެން ވިދާޅުވެ އަންގަވައިފައި އެނބުރި ހުޅުދުއަށް ވަޑައިގެންފިއެވެ. އެހިސާބުން ލޭބަރުން މައިތިރިކޮށް ހަޅުތާލު ނިންމައިލުމަށް ސްޓޭޝަން ކޮމާންޑަރު އަމުރު ކުރައްވައިފިއެވެ. ހަޅުތާލުތައް މައިތިރިވެ އިނގިރޭސިންގެ ހިތްވަރުދިނުންވެސް ނިމުމަކަށްއައި ދަނޑިވަޅު އަތޮޅުވެރިޔާގެ ފަރާތަށް ތިބި މީހުންނަށް އަންގަވައިގެން ހަޅުތާލުގެ އިސް ލީޑަރުންތައް ނުހަނު އަވަހަށް ހައްޔަރުވެސް ކުރައްވައިފިއެވެ. ދުވަސްވަރަކީ ފުލުހުން ތިބި ޒަމާނެއް ނޫނެވެ. އެކަން ކުރެެއްވީ އަތޮޅުވެރިޔާއަށް ވަފާތެރި މީހުންނަށް އަންގަވައިގެން އެމީހުންގެ އެހީތެރިކަމާއެކުގައެވެ.
ކޮންމެއަކަސް މިކަން ނިމުނީ ޖަގަޑާގައި އިސްކޮށް އުޅުނު އެންމެނާއި އެމީހުންނާ ބައިވެރިވި ގިނަ ބަޔަކުވެސް ހައްޔަރު ކުރެވިގެންނެވެ. މައިގަޑުގޮތެއްގައި ހައްޔަރު ކުރެވުނީ ހިތަދޫ މީހުންނެވެ. އާރުއޭައެފް ހުސޭނުވެސް ހިމެނޭގޮތުންނެވެ. އެނގިފައިވާ ގޮތުގައި ހިތަދޫން ޖުމްލަ 79 މީހަކު ރަށުން ވަކިކޮށް މާލެއަށް ފޮނުވައި އިތުރު ތަހުގީގު ހިންގުމަށްފަހު ވިލިގިލީ ޖަލުގައި ބަންދުކުރެވުނެވެ. އޭގެފަހުން އުތުރުގެ އެކި ރަށްރަށަށް ދިގު މުއްދަތަކަށް އަރުވައިލެވުނެވެ. މިބާވަތުގެ ކޮންމެ ކަމެއްގައިވެސް ކަމާގުޅުންނެތް މައުސޫމް ބައެއް މީހުންނަށް އަނިޔާލިބޭ ބީދައިން މިހަޅުތާލާއި ގުޅުން ނެތް ބައެއް މީހުންވެސް މީގެތެރޭގައި ހައްޔަރުވެ އަދަބު ލިބުނެވެ. މިއީ އިނގިރޭސިންގެ ސަބަބުން ހިނގި ގަޑުބަޑުތަކުގެ ސިލްސިލާގެ އެންމެފަހު ހަޅުތާލެވެ.