އެމްޑީޕީގެ ތެރޭގައި އޮތް ވާދަވެރިކަން މިހާރު ނިމިފައިވާ ކަމަށާއި އެންމެން އެކަތިގަނޑެއްގެ ގޮތުގައި ނުކުމެ، މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް މަސައްކަތް ކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބު މިއަދު ވަނީ ބާއްވައިފައެވެ. ޕްރައިމަރީގެ ވަގުތީ ނަތީޖާ ދައްކާގޮތުން ބޮޑު ތަފާތަކުން ރައީސް ސޯލިހު ވަނީ އެ އިންތިހާބު ކާމިޔާބު ކުރައްވައިފިއެވެ. މިހާތަނަށް ގުނި ވޯޓް ފޮށިތަކުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ރައީސް ސޯލިހަށް ވަނީ 24،384 އަށްވުރެ ގިނަ ވޯޓު ލިބިވަޑައިގެންފައިފައެވެ. އެ އިންތިހާބުގައި ރައީސް ސޯލިހުއާ ވާދަކުރެއްވި އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މިހާތަނަށް ލިބިވަޑައިގެންނެވީ 15،487 ވޯޓެވެ.

ކާމިޔާބީ ފާހަގަކުރެއްވުމަށް އެމްޑީޕީގެ "ދަނޑިކޮށި ޖަގަހަ" ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، ރާއްޖެއަށް ވާދަވެރި ސިޔާސީ ހަރަކާތްތައް ތައާރަފުކުރީ އެމްޑީޕީން ކަމަށެވެ. އެމްޑީޕީއަކީ އެތެރޭގެ އިންތިހާބުތައް ވާދަވެރިކޮށް ބާއްވައި، އެ އިންތިހާބުގެ ނާތީޖާ ގަބޫލުކޮށް އެކުގައި އަބަދުވެސް މަސައްކަތްކުރާ ޕާޓީއެއް ކަމަށެ ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މަސައްކަތް އަދި މިފެށުނީ. މިވަގުތު އަޅުގަނޑުމެން ކުރަންވީ ކަމަކީ ޕާޓީއެކީގައި ނުކުމެ ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް މަސައްކަތްކުރުން. އަޅުގަނޑަށް މިރޭ އެންމެ ފުރަތަމަވެސް އަޅުގަނޑުމެންގެ ވާދަވެރިންނަށް ގޮވާލަން ބޭނުންވަނީ މިހާރު އަޅުގަނޑުމެންގެ ވާދަވެރިކަން ނިމުނީ. އެކަން މި ނިމުނީ. ދެން ނުކުންނަވީ އަނެއްކާވެސް އެކަތިގަނޑެއްގެ ގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކުރުމަށް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވާދަވެރި އިންތިހާބެއްގައި ހިތްހަމަނުޖެހޭ ކަންތައްތަކެއް ހިނގާނެ ކަމަށެވެ. އެކަންކަމާ ގުޅޭގޮތުން އެ މަނިކުފާނު އެއްވެސް ހިތްބުރަށް ކަމެއް ނެތް ކަމަށާއި އެ މަނިކުފާނު ބޭނުންފުޅުވަނީ ހުރިހާ އެންމެން އެކުގައި މަސައްކަތްކޮށް އެމްޑީޕީއަށް ރިޔާސީ އިންތިހާބުކުރަން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ، އެ މަނިކުފާނަށް ތާއިދުކުރާ ހުރިހާ ސަޕޯޓަރުންގެ ވެސް މަގުސަދަކީ އެމްޑީޕީއާއެކު ކުރިއަށް ދިޔުން ކަމަށެވެ.

ރައީސް ވިދާޅުވީ ނިމިގެންދިޔަ ޕްރައިމަރީއަކީ ވާދަވެރި މަސައްކަތެއް ކުރަން ޖެހިވަޑައިގަތް އިންތިހާބެއް ކަމަށެވެ. ނަމަވެސް އެ އިންތިހާބުގައި ބައެއް ކަންތައްތަކުގައި ވާދަވެރިންނަށް ދޫދެއްވީ "އެއީ އެކުވެރި އެކީގައި އުޅެފައި އެއް ވިސްނުމެއްގައި ތިބި ބަޔަކަށްވާތީ" ކަމަށެވެ.