މިއަދު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ، ބޮޑު ތަފާތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކާމިޔާބުކުރައްވައިފިއެވެ.
އިންތިހާބުގައި ރައީސް ސޯލިހާ ވާދަކުރެއްވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ.
ޕްރައިމަރީގެ ވޯޓުލުން މިއަދު ހެނދުނު 9:00 ގައި ފަށާފައިވާ އިރު، މިހާރު ވަނީ ގިނަ ވޯޓް ފޮށިތައް ގުނައި ނަތީޖާ އިއުލާންކޮށްފައެވެ.
މިހާތަނަށް ގުނި ވޯޓް ފޮށިތަކުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ރައީސް ސޯލިހަށް ވަނީ 21،000 އަށްވުރެ ގިނަ ވޯޓު ލިބިވަޑައިގެންފައިފައެވެ. އަދި ރައީސް ނަޝީދަށް މިހާތަނަށް ލިބިވަޑައިގެންނެވީ 13,600 ވޯޓެވެ.
ބޮޑު ތަފާތަކުން ރައީސް ސޯލިހު ކުރީގައި އުޅުއްވާ އިރު، މިހާރު ވޯޓް ގުނައި އިއުލާން ނުކޮށް ހުރީ މަދު ފޮށިތަކެއްގެއެވެ. އެހެންކަމުން ނަތީޖާއަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ނުބެލެވެއެވެ.
ރައީސް ސޯލިހް، އިންތިހާބު ކާމިޔާބުކުރެއްވުމުން، މިނިސްޓަރުންނާއި މަޖިލިސް މެމްބަރުންގެ އިތުރުން އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން އަންނަނީ މަރުހަބާ ކިޔަމުންނެވެ.
ރައީސް ސޯލިހު، އެމްޑީޕީގެ ރިޔާސީ ޓިކެޓް ކާމިޔާބުކުރައްވާފައިވާ އިރު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބުގެ ވޯޓު ގަޑުބަޑު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ނަޝީދު ވަނީ މިއަދު ތުހުމަތު ކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު