މިހާރު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ދެ ކެނޑިޑޭޓުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް އިންތިހާބު ކާމިޔާބުކުރައްވާފައިވާ ކަމަށް އެ ދެ ބޭފުޅުންގެ ކެމްޕޭން ޓީމުތަކުން އިއުލާންކޮށްފިއެވެ.

ރައީސް ސޯލިހްގެ ކެމްޕޭން ޓީމުން ބުނީ އެގްޒިޓް ޕޯލުން ދައްކާ ގޮތުގައި އެމަނިކުފާނަށް 67 ޕަސެންޓް ލިބިފައިވާ ކަމަށެވެ.

"އެގްޒިޓް ޕޯލް އިން ދައްކާ ގޮތުން، ރައީސް އިބޫ 67 ޕަސެންޓުން މި އިންތިހާބު ކާމިޔާބުކުރައްވައިފި. މަރުހަބާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް،"

ރައީސް ނަޝީދުގެ ކެމްޕޭން ޓީމުންވެސް ވަނީ 64 ޕަސެންޓުން އެމަނިކުފާނު އިންތިހާބު ކާމިޔާބު ކުރައްވާފައިވާ ކަމަށް ބުނެފައެވެ.

"2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެނޑިޑޭޓަކު ކަނޑައެޅުމުގެ ޕްރައިމަރީ އިންތިހާބު، ކެނޑިޑޭޓް ނަމްބަރު 1 ރައީސް މުހައްމަދު ނަޝީދު ކާމިޔާބު ކުރައްވައިފި ކަމަށް އެގްޒިޓް ޕޯލްތަކުން ދައްކައިފި. އެގްޒިޓް ޕޯލްތަކުން ދައްކާގޮތުގައި ކެނޑިޑޭޓް ނަމްބަރު 1 ރައީސް މުހައްމަދު ނަޝީދަށް 64.7 ޕަސެންޓްގެ ތަނަވަސް އަޣުލަބިއްޔަތެއް ލިބިވަޑައިގަންނަވާނެ،" ރައީސް ނަޝީދުގެ ކެމްޕޭން ޓީމުން ބުންޏެވެ.

ޕްރައިމަރީގެ ވޯޓުލުން މިއަދު ހެނދުނު 9:00 ގައި ފަށާފައިވާ އިރު، މިހާރު ވަނީ ބައެއް ވޯޓް ފޮށިތައް ބަންދުކޮށް، ވޯޓް ގުނަން ފަށައިފައެވެ. އަދި ބައެއް ފޮށިތަކުގެ ނަތީޖާވެސް ވަނީ އިއުލާންކޮށްފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 57،000 މީހުންނަށެވެ.