އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބުގައި ވޯޓު ގަޑުބަޑު ކުރާ މީހުންނަށް ފިޔަވަޅު އެޅުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
ގދ. ތިނަދޫ ދެކުނު ދާއިރާގެ ވޯޓްލާ މަރުކަޒު، ތިނަދޫ އަބޫބަކުރު ސްކޫލުގައި ބަހައްޓާފައި ހުރި ވޯޓުފޮށި ފަޅާލައި، ހަމަނުޖެހުން ވަނީ ހިންގައިފައެވެ. އަދިގދ. ރަތަފަންދޫގައިވެސް ވަނީ ވޯޓްފޮށި ފަޅާލައި ހަމަނުޖެހުން ހިންގައިފައެވެ.
އެ ހަމަނުޖެހުންތަކާ ގުޅޭގޮތުން ފުލުހުން ބުނީ ވޯޓު ފޮއްޓަށް ގެއްލުން ދިން މައްސަލައަކާ ގުޅިގެން ރަތަފަންދޫން ދެ މީހަކު އަދި ތިންދޫން މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ އެންމެންނަކީ ފިރިހެނުން ކަމަށެވެ.
ހައްޔަރުކުރި ތިން މީހުންނަކީ ނަޝީދުގެ ފަރާތުން ހަރަކާތްތެރިވަމުން ދިޔަ އޮބްޒާވަރުންނެވެ.
ރަތަފަންދޫ ކައުންސިލް މެމްބަރު އަބްދުލް ވާހިދު އަބްދުއްރައްޒާގު "ވަން" އަށް މިއަދު ވިދާޅުވީ މީހަކަށް ދެ ވޯޓު ކަރުދާސް ދީގެން ވޯޓުލީ މައްސަލަ ހޫނުވެ، އެ ރަށުގެ ވޯޓުލާ މަރުކަޒު ތެރޭގައި ހަމަނުޖެހުން އުފެދުނު ކަމަށެވެ. އަދި އެ ހަމަނުޖެހުމާ ގުޅިގެން މިހާތަނަށް ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެ މީހުން ހައްޔަރުކުރުމާ ގުޅިގެން ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ މަނިކުފާނުގެ ފަރާތުން ވޯޓު ފޮށި ކައިރީގައި ހަރަކާތްތެރިވި ގިނަ އަދަދެއްގެ އޮބްޒާވަރުންނާއި އެ މަނިކުފާނުގެ ސަޕޯޓަރުން ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
"އެ މީހުން ވަގުތުން ދޫކޮށްލުމަށް އަދި ވޯޓު ގަޑުބަޑުކުރާ މީހުންނާއިމެދު ފިޔަވަޅު އެޅުމަށް ގޮވާލަން،" ނަޝީދު ވިދާޅުވިއެވެ.
ތިނަދޫ އާއި ރަތަފަންދޫ ވޯޓްލާ މަރުކަޒުތަކުގައި ހަމަނުޖެހުން ހިންގާފައިވާ އިރު، ގދ. ގައްދޫގައިވެސް ވަނީ ބޮޑީކެމެރާ ހަރުކޮށްގެން މީހަކު ވޯޓްލީ މައްސަލަ ހޫނުވެ، އެރަށުގައި ބަހައްޓާފައިވާ ވޯޓް ފޮށި ހަލާކުކޮށްލައި، ވޯޓް ކަރުދާސްތަކާއި ވޯޓާސް ލިސްޓް ވީދާލައިފައެވެ. އަދި މާލޭގައި ބައެއް ވޯޓު ފޮށިތައް ކައިރީގައި ވެސް މައްސަލަ ވަނީ ބޮޑުވެފައެވެ. އެގޮތުން ތާޖުއްދީން ސްކޫލްގައި ބަހައްޓާފައި ހުރި ގއ. ވިލިނގިލީ ވޯޓު ފޮއްޓަކަަށް ލިސްޓުގައި ނެތް މީހަކު ވޯޓު ދިން ކަމަށް ބުނެ މައްސަލަ ހޫނުވެފައެވެ. ނަމަވެސް މިހާރު ވަނީ މައްސަލަ ހައްލުކޮށް، އަލުން ވޯޓްލާން ފަށައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު