މާދަމާ ބާއްވާ އެމްޑީޕީގެ ވާދަވެރި ރިޔާސީ ޕްރައިމަރީއަކީ އެ ޕާޓީގެ އެންމެހައި ހަމަތަކާއި އުސޫލުތައް ނަގަހައްޓާ ފުރިހަމަ ޑިމޮކްރެޓިކް އިންތިހާބަކަށް ހެދުމަށް، އެ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިރުޝާދު ދެއްވާފައިވާ ކަމަށް އެ މަނިކުފާނުގެ ކެމްޕޭން ޓީމުން ބުނެފިއެވެ.
ރިޔާސީ ޕްރައިމަރީގެ އިންތިހާބުގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭން ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުން މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވީ، ވޯޓުން ކުރި ހޯދުމަށް ރައީސް ސޯލިހުގެ ޓީމުން ގިނަ ރޭވުންތަކެއް ރާވަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަން އެގޮތަށް ހިނގައިފިނަމަ، މާދަމާ ބާއްވާ އިންތިހާބު އިންސާފުވެރި ނުވާނެ ކަމަށެވެ.
ރައީސް ސޯލިހުގެ ޓީމުން ދަނީ ޑަބަލް ވޯޓު އެޅުމަށް ވެސް ރާވަމުން ކަމަށާއި އިންތިހާބު އޮޅުވާލުމުގެ ފުރުސަތު ވާދަވެރިންނަށް ނުދެއްވާނެ ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.
"އެއީ މާލޭގައި ވޯޓްލުމަށް ފަހު ލޯންޗެއް ބޭއްވީމާ އެ ލޯންޗަށް އަރައިގެން ކައިރި ރަށްރަށަށް ގޮސްގެން އެ ރަށްރަށުގެ ވޯޓްފޮށިތަކަށް ވޯޓް އެޅުން. އެހެން ނަމަވެސް އެއީ އަޅުގަނޑުމެން ހުއްޓުވާނެ ކަމެއް. އެހެން އެކަން ކުރުމަށް ފުރުސަތެއް ނުދޭނަން،" ހަސަން ވިދާޅުވިއެވެ.
އެ ތުހުމަތުތަކާ ގުޅިގެން ރައީސް ސޯލިހުގެ ކެމްޕޭން ޓީމުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.
"އެމްޑީޕީ ރިޔާސީ ޕްރައިމަރީއަކީ ޕާޓީގެ އެންމެހައި ހަމަތަކާއި އުސޫލުތައް ނަގަހައްޓާ ފުރިހަމަ ޑިމޮކްރެޓިކް އިންތިހާބަކަށް ހެދުމަށް ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކެމްޕޭން ޓީމްތަކަށާއި އެންމެހާ ސަޕޯޓަރުންނަށް އިރުޝާދު ދެއްވާފައި،" ބަޔާނުގައިވެއެވެ.
"ސުލްހަވެރި ސިޔާސީ ހަރަކާތްތަކާއި މިނިވަން ޑިމޮކްރަޓިކް ދެފުށް ފެންނަ އިންތިހާބީ އުސޫލުތައް ރާއްޖެއަށް ތައާރަފުކުރި މި ޕާޓީގެ އެތެރޭގެ އިންތިހާބެއް ގަޑުބަޑު ކުރުމަކީ އޮތް ފުރުސަތެއް ނޫންކަން އެނގިތިބެ، ވާދަވެރި ކެންޑިޑޭޓުންގެ ފަރާތުން އެއްވެސް އަސާސެއްނެތި އެފަދަ ތުހުމަތާ އިލްޒާމު އެޅުވުމަކީ ހިތާމަކުރާ ކަމެއް،" ކެމްޕޭން ޓީމުން ބުންޏެވެ.
މި ޕްރައިމަރީއަކީ ޑިމްކޮރަޓިކް ރޫހުގައި، އެއް އަމާޒަކަށް ވާސިލުމަށް މަސައްކަތްކޮށް، އެމްޑީޕީއަކީ ރާއްޖޭގެ އެންމެ ބޮޑު އަދި ބަދަހި ސިޔާސީ ޕާޓީކަން ދުނިޔެ ދައްކައިދޭން ލިބޭ ފުރުސަތެއް ކަމަށް ރައީސް ސޯލިހުގެ ކެމްޕޭން ޓީމުން ބުންޏެވެ.