ޚަބަރު

1.3 ބިލިއަން ރުފިޔާއަށް ގަމު ޓާޝަރީ ހޮސްޕިޓަލާއި ގައްދޫ ހޮސްޕިޓަލް ހަދަން ހަވާލުކޮށްފި

ހުރިހާ ވަސީލަތަކާއެކު ލ. ގަމުގައި 130 އެނދުގެ ޓާޝަރީ ހޮސްޕިޓަލާއި ގދ. ގައްދޫގައި އާ ހޮސްޕިޓަލް އިމާރާތެއް އަޅަން 1.3 ބިލިއަން ރުފިޔާއަށް ސްޕެއިންގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ގަމު ޓާޝަރީ ހޮސްޕިޓަލާއި 30 އެނދުގެ ހޮސްޕިޓަލް އިމާރާތެއް އެޅުމުގެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލްއެވެ. އަދި ސްޕެއިންގެ ހޮމްޓް އެސްޕަނިއާގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޗީފް އެގްޒެކެޓިވް ޑިރެކްޓަރު އެޑުއާޑޯ އޮޅިވޭރިއާއެވެ.

ހެލްތު މިނިސްޓްރީން ބުނީ ކޮންމެ ތަނެއްގައި ސްޓާފް އެކޮމޮޑޭޝަން ބްލޮކްތަކާއި މުޅި ހޮސްޕިޓަލަށް ބޭނުންވާ ފަރުނީޗަރާއި މެޑިކަލް އިކުއިޕްމަންޓް ހޯދައި މުވައްޒަފުން ތަމްރީނުވެސް ކުރާނެ ކަމަށެވެ.

އެ ހުރިހާ މަސައްކަތެއް ކުރުމަށް ހޮމްޓް އެސްޕަނިއާ ހަވާލުކުރީ 79,050,022,60 ޔޫރޯ (1.3 ބިލިއަން ރުފިޔާ) އަށެވެ. މި ޕްރޮޖެކްޓަށް ފައިނޭންސް ކުރަން ހަމަޖައްސާފައިވަނީ ޑޮއިޗާ ބޭންކުންނެވެ.

މި ދެ މަޝްރޫއުގެ ކޮންސްޓްރަކްޝަން މަސައްކަތްކުރަން ހަވާލުކޮށްފައިވަނީ އެމްޓީސީސީއަށެވެ.

މިނިސްޓްރީން ބުނީ ގަމު ޓާޝަރީ ހޮސްޕިޓަލް ނިންމަން ހަވާލުކުރީ 36 މަސް ދުވަހުން ކަމަށެވެ. ގައްދޫ ހޮސްޕިޓަލްގެ އާ އިމާރާތް ހަދަން ދީފައިވަނީ 30 މަސް ދުވަހެވެ.