މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެމްބަރު އަމްޖަދު ވަހީދުގެ ދައުރު ހަމަވާތީ އެމަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
ބްރޯޑްކޮމްގެ މެމްބަރުން އައްޔަން ކުރަނީ ފަސް އަހަރުގެ ދައުރަކަށެވެ. އެ ކޮމިޝަންގެ މެމްބަރު ކަމަށް އަމްޖަދު އައްޔަން ކުރެއްވީ 2018 ވަނަ އަހަރުގެ މާޗު މަހުގެ 15 ވަނަ ދުވަހުއެވެ.
އެ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައި ރައީސް އޮފީހުން ކުރި އިއުލާނެއްގައި ވަނީ، މެންބަރު ކަމަށް އެދޭ ފޯމާއި އިގުރާރުގެ އިތުރުން އެ މީހެއްގެ ކުށާއި ދަރަނީގެ ރެކޯޑު ފޯމު އަންނަ މަހުގެ ފަސް ވަނަ ދުވަހާއި ހަ ވަނަ ދުވަހުގެ 9:30 އިން 12:30 އަށް އެ އޮފީހަށް ބަލައިގަންނާނެ ކަމަށެވެ.
އެހެންކަމުން މެންބަރުކަމުގެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން ލިޔެކިޔުންތައް ފުރިހަމަކުރުމަށްފަހު ހުށަހެޅުމަށް ވަނީ ހުޅުވާލައިފައެވެ. އަދި ހުށަހަޅަންޖެހޭ ފޯމުތަކާއި އިގުރާރު، ރައީސް އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ބްރޯޑްކޮމްގެ މެމްބަރުކަމުގެ މަގާމުގައި ހުންނެވި އަހުމަދު ގައިސް މަގާމުން އިސްތިއުފާ ދެއްވުމުން އެ މަގާމަށް ކުރިމަތިލުމަށްވެސް މިމަހުގެ 12 ވަނަ ދުވަހު ވަނީ އިއުލާންކޮށްފައެވެ.
ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ ނަން ރައީސް އޮފީހުން ފޮނުވާނީ ރައްޔިތުންގެ މަޖިލީހަށެވެ. އެ ލިސްޓު ފޮނުވާނީ ރައީސް އިސްކަން ދެއްވާ ތަރުތީބުންނެވެ. އަދި އެ ނަންތައް މަޖިލީހުން ދިރާސާ ކުރުމަށްފަހު އެ މަގާމަށް މީހަކު އައްޔަނުކުރަން ތަޅުމުގައި ވޯޓަށް އަހާނެއެވެ.
ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްކުރާ ފަރާތް، ކޮމިޝަންގެ މެންބަރުކަމަށް އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު