ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު

ފީފާއިން އެންގި ގޮތަށް ސިމާއޯ ކޮސްޓާއަށް ފައިސާ ދީފި

ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަމުގައި ކުރިން ހުރި ޕޯޗުގަލްގެ ސިމާއޯ ކޮސްޓާއަށް ދޭންޖެހޭ ފައިސާ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ދީފިއެވެ.

އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ސިމާއޯ ކޮސްޓާ ރާއްޖޭގެ ގައުމީ ޓީމާ ގުޅުނީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. އޭނާ ބުނެފައިވާ ގޮތުން މިދިޔަ އަހަރު ޖެނެރުއަރީ މަހުން ފެށިގެން އޭނާއަށް މުސާރައެއް ނުދެއެވެ. ހަވާލުވި ފަހުން ގައުމީ ޓީމުން ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގެ އިތުރުން އޭޝިއަން ކަޕްގެ ކޮލިފިކޭޝަން ފަހު ބުރުގައި ކުޅުނު ތިން މެޗެވެ.

އެ ފައިސާގެ މައްސަލަ ސިމާއޯ ކޮސްޓާ ފީފާއަށް ހުށަހެޅުމުން އެ ފެޑެރޭޝަނުން އެފްއޭއެމަށް އެންގީ ސިމާއޯ ކޮސްޓާއަށް ދޭންޖެހޭ މުސާރައަށްވާ 35،000 ޑޮލަރު (539،000 ރުފިޔާ) ދެއްކުމަށެވެ. އެ ފައިސާ ދައްކަން އެފްއޭއެމަށް ދިނީ 45 ދުވަހެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އެފްއޭއެމުން ވަނީ މިހާރު އެ ފައިސާ އެއްކޮށް ދީފައެވެ.

ސިމާއޯ ކޮސްޓާ ރާއްޖޭގެ ޓީމު ދޫކޮށް ދަމުން ސޯޝަލް މީޑިއާގައި އެފްއޭއެމްއަށް އަމާޒުކޮށް ބޮޑު މެސެޖެއް ދިން އިރު، އެ މެސެޖުގައި އޭނާ ބުނެފައިވަނީ ފީފާގެ އުސޫލުތަކާވެސް އެއްގޮތަށް މަސައްކަތް ހުއްޓާލަން ނިންމީ މުސާރަ ނުދީ އޮތުމުން ކަމަށެވެ.

ސިމާއޯ ކޮސްޓާގެ ފައިސާގެ މައްސަލައިގެ އިތުރުން މުސާރައިގެ އެތައް މައްސަލަތަކެއް އެބަހުއްޓެވެ. ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަމުގައި 2021 ވަނަ އަހަރު ހުރި ނެދަލެންޑްސްގެ މާޓިން ކޫޕްމަންއާއި އޭނާގެ އެސިސްޓެންޓް ކޯޗަކަށް އޭރު މަސައްކަތް ކުރި ރެނޭ ހިޑިންކްވެސް ވަނީ އޭނާގެ އެއްބަސްވުން އުވާލި މައްސަލަ ފީފާއަށް ހުށަހަޅައި ކާމިޔާބުވެސް ކޮށްފައެވެ.