ރ. ކިނޮޅަސް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 84 ޕަސެންޓް މަސައްކަތް ނިމިއްޖެއެވެ.
މި މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމާއި 162 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި 285 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 65 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. އަދި 186 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި ރޭމްޕެއް ހެދުމާއި 1663.36 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ނެރު ބައްތި ހަރުކުރުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
އެ މަޝްރޫއު ކުރިއަށްގެންދާ އެމްޓީސީސީން މިއަދު ބުނީ، އެ މަޝްރޫއުގެ ދަށުން ބޭސިން ފުންކުރުމާއި ނެރު ފުންކުރުމާއި ގްރޮއިން ޖެހުމާއި އެއްގަމުތޮށި ލުމަށް ބޭނުންވާ ގާ އެތުރުމާއި ބެކޮން ހަރުކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތުގެ 97 ޕަސެންޓް ނިމިފައިވާ ކަމަށެވެ.
ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ އަށްވަނަ ދުވަހުއެވެ. އެމްޓީސީސީން 420 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރި ކިނޮޅަސް ބަނދަރު ހެދުމުގެ މަޝްރޫއަކީ 45.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.