ޚަބަރު

ގައްދޫ ބަނދަރުގެ އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމެންޓް ގެންގޮސްފި

ގދ. ގައްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަސް ގެންގޮސްފިއެވެ.

އެ މަޝްރޫއު ކުރިއަށްގެންދާ އެމްޓީސީސީން މިއަދު ބުނީ އެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ، ހާބަރު ބްރިޖު ކޮލަމްގެ ކޮންކްރީޓް މަސައްކަތްތައް ކަމަށެވެ.

ޑިޒައިން އެންޑް ބިލްޑު އުސޫލުން ޕްލޭނިން މިނިސްޓްރީން ގައްދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ. އެމްޓީސީސީން ބުނީ މި މަޝްރޫއަކީ 42.6 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށެވެ.

ގައްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހުއެވެ.

އެ މަޝްރޫއުގެ ދަށުން 23,017 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 320 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 35 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. އޭގެ އިތުރުން 232 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 320 މީޓަރުގެ ސޯކޯރިން އޭޕްރަންއެއް ހެދުމާއި 1,600 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބާ ޕޭވްމަންޓް ހެދުމާއި 26 މީޓަރު ދިގުމިނުގެ ދެ މީޓަރު ފުޅާމިނުގެ ބްރިޖެއް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.