ޚަބަރު

ކަރަންޓު ކަނޑާލީ ބިލްތައް ނުދައްކައިގެނެއް ނޫން، އިވުނު ޔޯލަ ވާހަކަތަކަށް ބިނާކޮށް: މުއިއްޒު

ރިފާ ހަލީލު

1

މާލެސިޓީ ކައުންސިލްގެ ބައެއް އިމާރާތްތަކުން ކަރަންޓު ކަނޑާލީ ބިލްތައް ނުދައްކައިގެން ނޫން ކަމަށާއި، އެއީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ އެމްޑީއަށް އަޑުއިވުނު ޔޯލަ ވާހަކަތަކަށް ބިނާކޮށްގެން ކަމަށް މާލެސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މޭޔަރު މިހެން ވިދާޅުވީ، ސްޓެލްކޯއަށް މާލެސިޓީ ކައުންސިލުން ދައްކަން ޖެހޭ ކަރަންޓު ބިލްތަކަށް އަރާފައިވާ 20 މިލިއަން ރުފިޔާ ނުދައްކައިގެން އެ ކައުންސިލްގެ ބައެއް އިދާރާތަކުން މިމަހުގެ 22 ވަނަ ދުވަހު ކަރަންޓު ކަނޑާލުމާ ގުޅިގެންނެވެ.

މާލެ ސިޓި ކައުންސިލުން އިއްޔެ ބޭއްވި އެ ކައުންސިލްގެ 86 ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން މޭޔަރު މުއިއްޒު ވިދާޅުވީ، ކުންފުނިތަކުގެ އެމްޑީން ބާރުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކުރައްވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

ފައިސާ ނުދައްކާ ހުރި ބިލްތައް ހުރިކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ، މާލެސިޓީގެ ބައެއް އިމާރާތްތަކުން ކަރަންޓު ކަނޑާލުމަކީ، ސްޓެލްކޯ ފަދަ ރައްޔިތުންނަށް އާއްމު ހިދުމަތެއް ދެމުން އަންނަ ކުންފުންޏަކުން ކޮށްގެން ވާނެ ކަމެއްނޫން ކަމަށެވެ.

"އާއްމު ހިދުމަތްތަކަކީ މިފަދައިން ކުންފުނިތަކުގެ ވެރިން ބޭނުންވީމާ ބޭނުންގޮތެއް ހެދިގެންވާނެ ކަންކަމެއްނޫން. އަދި ކުންފުނިތަކުގެ ވެރީންނަށް މިފަދަ ބާރެއް ލިބިފައި އޮތްނަމަވެސް މިގޮތަށް އަމަލު ނުކުރެވޭނެ. މާލެ ސިޓީ ކައުންސިލުން ސްޓެލްކޯއަށް ދެމުން އަންނަ އެއްވެސް ހުއްދައެއް ހުއްޓުވާފައި ނުވާނެ، އެއީ ކައުންސިލުން ކުރާނެކަމެއް ނޫން." އޭނާ ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ސްޓެލްކޯ އަކީ އަމިއްލަ މީހެއްގެ ކުންފުންޏެއްނަމަ މިފަދައިން އަމަލުކުރެވިދާނެ ކަމަށެވެ. އެހެންނަމަވެސް ކަރަންޓުގެ ހިދުމަތަކީ ލާމަރުކަޒީ ގާނޫނުގައި ބުނާ އާއްމު ހިދުމަތެއް ކަމަށާއި، މިއީ ބޭނުންގޮތަކަށް ކުރެވޭނެ ކަމެއް ނޫންކަމަށްވެސް ވިދާޅުވިއެވެ.

ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފިއިރު ސްޓެލްކޯއިންވެސް އަމަލުކުރީ ބެލުމެއް ނެތި މާލެ ސިޓީ ކައުންސިލްގެ އާއްމު ހިދުމަތްތަކަށް ބުރޫއަރާ ގޮތަށް ކަމުގައި މުއިއްޒު ވިދާޅުވިއެވެ. އެގޮތުން ޕާކުތަކާއި، އާންމު ރައްޔިތުންނަށް ހިދުމަތްދޭ އޮފީސްތަކުން ކަރަންޓުގެ ހިދުމަތް މެދުކަނޑާލިކަން ފާހަގަކުރެއްވިއެވެ.

މޭޔަރު ވިދާޅުވީ މި މައްސަލައާއި ގުޅިގެން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޗެއާމަން ޔަޒީދު އަހުމަދާވެސް މަޝްވަރާކުރެވުނު ކަމަށާއި، ސްޓެލްކޯގެ މި އަމަލު އޭނާވެސް ކުށްވެރި ކުރެއްވި ކަމަށެވެ. އާއްމު ހިދުމަތްތައް މިގޮތަށް ނުހިފެހެއްޓޭނެ ކަމުގައި ޔަޒީދުވެސް ވިދާޅުވެފައިވާކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

މާލެސިޓީގެ ބައެއް އިމާރާތްތަކުން ކަރަންޓު ކަނޑާލުމާއި ގުޅިގެން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު "ވަން" އަށް މީގެ ކުރިން ވިދާޅުވީ، އެ ކުންފުނިން ރައްޔިތުންނަށް ހިދުމަތް ދެނީ ކަރަންޓު ބިލަށް ލިބޭ ފައިސާއިން ކަމަށެވެ.

ނަމަވެސް މާލެ ސިޓީ ކައުންސިލުން މިދިޔަ ދެ އަހަރުގެ ތެރޭގައި އެއްވެސް ވަރަކަށް ކަރަންޓު ބިލުތަކަށް ފައިސާ ދައްކާފައި ނުވާ ކަމަށާއި އެކަމަށް ލުއި ގޮތްތަކެއް ހަމަޖައްސައިދޭނެ ކަމަށް ބުނެ ތަކުރާރުކޮށް ސިޓީ ފޮނުވުމުންވެސް ޖަވާބެއްވެސް ދީފައި ނުވާ ކަމަށް ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ، މާލެ ސިޓީ ކައުންސިލުން ބަލަހައްޓާ ތަންތަނުގެ ތެރެއިން ކަރަންޓު ކަނޑާނީ، އާންމުންނަށް އުދަނގޫ ނުވާ ތަންތަނުން ކަމަށެވެ. އޭގެ ތެރޭގައި މިސްކިތްތަކާއި ސަހަރާތަކާއި މާރުކޭޓް އަދި މަގުބައްތިތަކުން ކަރަންޓު ނުކަނޑާނެ ކަމަށް ވިދާޅުވިއެވެ.

ސްޓެލްކޯ މީޑިއާއިން "ވަން" އަށް ބުނީ، މިދިޔަ އާދީއްތަ ދުވަހު 8 ތަނަކުން ކަރަންޓު ކަނޑާލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ސަލްޓަން ޕާކާއި ވިލިނގިލި އަވަށު އޮފީހާއި ކާނިވާ ސަރަހައްދުގައި ހުންނަ ނާސަރީ ހިމެނޭ ކަމަށްވެސް ބުންޏެވެ.