އެރިކް ޓެން ހާގުގެ އެންމެ ބޮޑު ބޭނުމަކީ މެންޗެސްޓާ ޔުނައިޓެޑުން ތަށްޓަކަށް ކުރަމުންނަ އަންނަ އިންތިޒާރަށް ނިމުން ގެނައުން ކަމަށް އޭނާ ބުނެފިއެވެ.
މި ސީޒަނަށް ޔުނައިޓެޑާ ހަވާލުވި ކުރީގެ އަޔެކްސް ކޯޗު، ޓެން ހާގާއެކު އެ ކްލަބުން ދަނީ ކުރިއެރުންތަކެއް ހޯދަމުންނެވެ. ލީގުގައިވެސް ރަނގަޅު ފޯމެއް ދަމަހައްޓަމުން އަންނަ އިރު، ތަށްޓެއް ހޯދުމަށް އެޓީމަށް ލީގު ކަޕްވެސް މުހިއްމެވެ. ލީގު ކާޕް ސެމީ ފައިނަލް ފުރަތަމަ ލެގުގައި ޔުނައިޓެޑުން މިރޭ ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ނުކުންނާނެއެވެ. އެ މެޗަކީ 2017 ވަނަ އަހަރަށްފަހު ތަށްޓަކަށް ޔުނައިޓެޑުން ކުރަމުންދާ އުންމީދަށް މުހިއްމު މެޗެކެވެ.
ޔުނައިޓެޑުން އެންމެފަހުން 2017 ވަނަ އަހަރު ހޯދި ތަށްޓަކީ އެ އަހަރު ޔޫރޮޕާ ލީގުގެ ފައިނަލްގައި އަޔެކްސް ބަލިކޮށް ހޯދި ތަށްޓެކެވެ. އޭގެ ފަހުން ޔުނައިޓެޑުން ހަ މުބާރާތެއްގެ ސެމީ ފައިނަލުގައި ކުޅުނުއިރު، ދެ މުބާރާތެއްގެ ފައިނަލުން ވަނީ ބަލިވެފައެވެ. ބަލިވި ފައިނަލްތަކަކީ 2018 އެފްއޭ ކަޕް ފައިނަލާއި 2021 ޔޫރޮޕާ ލީގުގެ ފައިނަލެވެ.
މިދިޔަ 40 އަހަރު ދުވަހުގެ ތެރޭގައިވެސް ޔުނައިޓެޑުން މިހާ ދުވަސް ވަންދެން ތަށްޓަކަށް އިންތިޒާރު ކުރަން ޖެހިފައިނުވާ އިރު، ޓެން ހާގުގެ ނަޒަރުގައި ޓީމުގެ ހިތްވަރަށް ތަށްޓެއް މުހިއްމެވެ.
"އެއީ (ތަށްޓެއް ހޯދުމަކީ) އެންމެ އުފާވެރި އެއް އިހުސާސް. އަހަރެންގެ ކެރިއަރުގައި ތަށިތަކެއް ހޯދުމުގެ ނަސީބު ލިބުނު. އެއީ އަމިއްލަ ނަފުސާއި ސަޕޯޓަރުންނަށް ގެނެސްދެވޭ ވަރަށް ބޮޑު އުފާވެރިކަމެއް. ޔުނައިޓެޑްގައި ވަގުތުތަކެއް ހޭދަވެއްޖެ ތަށްޓެއް ނުލިބި، އެހެންވީމަ އެކަމަށް ނިމުން ގެނައުން އެއީ އަހަރެންގެ އެންމެ ބޮޑު އަމާޒު،" ޓެން ހާގު ބުންޏެވެ.
ޔުނައިޓެޑުން މިރޭ ލީގު ކަޕް މެޗެއްގައި ނޮޓިންހަމް ދަނޑަށް ނުކުންނާނީ 1999 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށެވެ. މެޗަށް ނުކުންނަ އިރު، ކަސެމީރޯގެ ސަސްޕެންޝަން ނިމި، އޭނާއަށް ކުޅެވޭ އިރު، އަނިޔާގެ ސަބަބުން އެންތޮނީ މާޝިއަލް އާއި ޑިއޭގޯ ޑަލޮޓް އަދި ޖޭޑަން ސަންޗޯ މެޗުން ނުފެންނާނެއެވެ.