ޚަބަރު

ގޯތި ދޭ އުސޫލުގައި ހިމެނޭ މާލޭ ރަށްވެހިން މާނަކުރާ މާއްދާ ބާތިލުކުރުމުގެ މައްސަލަ ސުޕްރީމް ކޯޓަށް

އިބްރާހިމް ޒަކީ

މާލޭން ގޯތި ދޫކުރުމުގައި މާލޭ ރަށްވެހިން ކަނޑައެޅުމުގައި އަމަލުކުރުމަށް ސަރުކާރުން އެކުލަވާލި އުސޫލު ބާތިލުކުރަން ހައިކޯޓަށް ހުށަހެޅި މައްސަލަ ބެލުމުގެ އިހުތިސާސް އެ ކޯޓަށް ލިބިގެންނުވާ ކަމަށް އެ ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގެ އިސްތިއުނާފަށް ހުށަހަޅައިފިއެވެ.

މާލޭ ރައްޔިތުންނަށް ހާއްސަކޮށްގެން ސަރުކާރުން އިއުލާންކުރި ބިންވެރިޔާ ސްކީމުގެ ދަށުން 3,000 ގޯއްޗަށް ކުރިމަތިލުމަށް ހުޅުވާލި އިރު، ހައުސިން މިނިސްޓްރީން ވަނީ އެ ސްކީމުގެ ދަށުން ގޯތި ދޫކުރުމުގެ އުސޫލެއް އާންމުކޮށްފައެވެ. އެ އުސޫލުގައި ބުނެފައިވާ ގޮތުން މާލޭގެ ރައްޔިތެއް ކަމަށް ބަލާނީ އެއްވެސް އިރެއްގައި މާލެ ފިޔަވައި އެހެން އެއްވެސް ތަނެއްގެ ރަޖިސްޓަރީގައި ޖެހިފައިނުވާ ފަރާތްތަކަށެވެ.

އެ އުސޫލު ބާތިލުކުރަން ހައިކޯޓަށް މައްސަލަ ހުށަހެޅީ ގާނޫނީ ވަކީލު އަދި އެސްޖޭ ކޮންސްޓްރަކްޝަންގެ މެނޭޖިން ޑިރެކްޓަރު ޝިހާދު އިބްރާހިމް އާއި ފުވައްމުލަކު ސިޓީ/ ސިތާނާ، ހަސަން ފަލާހެވެ.

އެ މައްސަލާގައި ބުނެފައިވަނީ، ވަކިކަމެއްގައި މާލޭ ރައްޔިތުކަން ވަކިގޮތަކަށް މާނަކޮށް، ހައްގުތައް ހަނިކުރެވިގެން ނުވާނެ ކަމަށާއި މާލޭ ރައްވެއްސެއްގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ކޮންމެ މީހަކީ މާލޭ ރައްވެއްސެއް ކަމަށެވެ.

އަދި ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ 11 ވަނަ މާއްދާގެ (ހ) ގައި މާލޭ ރައްޔިތެއް ކަމުގައި ބަލާނީ އެއްވެސް އިރެއްގައި މާލެ ފިޔަވައި އެހެން އެއްވެސް ތަނެއްގެ ރަޖިސްޓްރީގައި ޖެހިފައިނުވާ ފަރާތްތައް ކަމަށް، ބަޔާންކޮށް މާލޭ ރައްޔިތެއްކަން މާނަކޮށް، އެކުލަވާލާފައިވާ މާލޭ ރައްޔިތުންނަށް ގޯތި ދޫކުރުމުގެ އުސޫލަކީ ގާނޫނުއަސާސީގެ 41 ވަނަ މާއްދާގެ (ށ) އަދި (ނ) އާއި 20 ވަނަ މާއްދާއާއި 17 ވަނަ މާއްދާ އާއި 16 ވަނަ މާއްދާ އާއި 68 ވަނަ މާއްދާ އާއި 69 ވަނަ މާއްދާއާ ހިލާފު އަދި ބިމާބެހޭ ގާނޫނާއި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 138 ވަނަ މާއްދާ އާއި ކުންފުންޏާބެހޭ ގާނޫނުގެ 98 ވަނަ މާއްދާއާ ހިލާފު ހަމަތަކެއްގެ ތެރެއިން އެކުލަވާލާފައިވާ އުސޫލެއް ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން އެ އުސޫލަކީ ގާނޫނުއަސާސީއާއި އެ ހުރިހާ ގާނޫނުތަކާ ހިލާފު އުސޫލެއް ކަމަށް ކަނޑައަޅައި އެ އުސޫލު ބާތިލުކޮށްދިނުމަށް ދުސްތޫރީ މައްސަލައިގައި އެ ދެބޭފުޅުން ހައިކޯޓުގައި އެދުނެވެ.

އެޓާނީ ޖެނެރަލް އޮފީހުގެ މައްޗަށް ހުށަހެޅި އެ މައްސަަލައާ ގުޅިގެން އެ އޮފީހުން އިޖުރާއީ ނުކުތާއެއް ފާހަގަކުރިއެވެ. އެގޮތުން އެ މައްސަލައަކީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ފުރަތަމަ މަރުހަލާގައި ހައިކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ބުނެފައިވެއެވެ.

އިޖުރާއީ ނުކުތާއަށް ރައްދު ދެއްވައި މައްސަލަ ހުށަހެޅި ފަރާތުން ހައިކޯޓުގައި ބުނެފައި ވަނީ ހައުސިން މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބަޔާންކުރާ އުސޫލަކީ ބިމާބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުގެ ބައެއް ކަމަށްވާތީ ހައިކޯޓަށް އެ މައްސަލަ ބެލޭނެ ކަމަށެވެ.

މި މައްސަލަ ބެއްލެވުމަށްފަހު 11 ޑިސެމްބަރުގައި ހުކުމް އިއްވަވަމުން މައްްސަލަ ބެއްލެވި ހައިކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މުހައްމަދު ނިޔާޒު ވިދާޅުވީ، ކޯޓުން ފުރަތަމަ ބަލަން ޖޭހެނީ ދުސްތޫރީ މައްސަލައަކީ ކޮބައިތޯއާއި ހައިކޯޓަށް އެފަދަ މައްސަލައެއް ބެލުމުގެ ބާރާއި އިހުތިސާސް ގާނޫނުއަސާސީއާއި ގާނޫނުން ލިބިފައި އޮތް ގޮތް ކަމަށެވެ.

ދެން ބަލަންޖެހެނީ ދުސްތޫރީ މައްސަލަތަކުގެ ތެރެއިން ފުރަތަމަ މަރުހަލާގެ ކޯޓެއް ފަދައިން ހައިކޯޓަށް ބެލޭނެ ދުސްތޫރީ މައްސަލަތަކަކީ ކޮބައިތޯ ކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ.

އެގޮތުން ހައިކޯޓުގެ ހައިސިއްޔަތަކީ އާއްމު ގޮތެއްގައި އިސްތިއުނާފީ ކޯޓެއްގެ ހައިސިއްޔަތު ނަމަވެސް ގާނޫނުތަކުގައި ބަޔާންކުރާ ބައެއް ކަހަލަ މައްސަލަތަކަކީ ފުރަތަމަވެސް ހައިކޯޓަށް ހުށަހެޅުމުން، ފުރަތަަމަ މަރުހަލާގެ ކޯޓެއް ފަދައިން އެ މައްސަލައެއް ބެލުމުގެ ބާރާއި އިހުތިސާސް ދީފައިވާ ކޯޓެއް ކަމަށާއި އެ ހާލަތުގައި ހައިކޯޓުގެ ހައިސިއްޔަތަކީ އިސްތިއުނާފީ ކޯޓެއްގެ ހައިސިއްޔަތެއް ނޫން ކަމަށާއި އެ ހާލަތުގައި ހައިކޯޓު ހަރަކާތްތެރި ވާނީ ފުރަތަމަ މަރުހަލާއެއްގެ ކޯޓެއްގެ ގޮތުގައި ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތަށް ބަލައި އިރު، ގާނޫނުއަސާސީގެ 144 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަނީ ދުސްތޫރީ މައްސަލަތައް ނިންމުމުގެ ބާރު ކަމަށާއި ދުސްތޫރީ މައްސަލައެއް ބެލުމުގައި ކޮންމެ ކޯޓަކަށްވެސް އެ ކޯޓުގެ އިހުތިސާސްގައި ހިމެނޭ ކަންތައްތައް ކުރުުމުގެ ބާރު އެ ކޯޓަކަށް ލިބިގެންވާ ކަމަށްވެސް ވިދާޅުވިއެވެ.

އެހެންކަމުން މި މައްސަލައިގައި ފާހަގަކުރެވުނު ސަބަބުތަކަށްޓަކައި މި މައްސަލައަކީ ހައިކޯޓުގައި ފުރަތަމަ މަރުހަލާއިން ބެލޭނެ ދުސްތޫރީ މައްސަލެއް ނޫން ކަމަށް ކަނޑައަޅައި މައްސަލަ ބެއްލެވި ހައިކޯޓުގެ ބެންޗުގައި ތިއްބެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކުރިއެވެ.

ހައިކޯޓުގެ އެ ހުކުމް ޝިހާދު އިބްރާހިމްއާއި ހަސަން ފަލާހުގެ ފަރާތުން މިހާރު ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ. ނަމަވެސް އަދި އެ މައްސަލަ އެ ކޯޓުގައި ތާވަލުކޮށްފައެއް ނުވެއެވެ.