ޚަބަރު

ކިންގްސް ކުންފުނީގެ އެކައުންޓުތައް ބޭންކުން ހިފެހެއްޓީ ގާނޫނާ ހިލާފަށް: ސިވިލް ކޯޓް

މުހައްމަދު އިޝާން

ރައްޔިތުން މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ ހިއްސާ އޮންނަ ކިންގްސް ކެޕިޓަލް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑުގެ ބޭންކު އެކައުންޓް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިފެހެއްޓީ ގާނޫނާ ހިލާފަށް ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ކިންގްސްއިން މިދިޔަ އަހަރުގެ މާޗު މަހުގެ 29 ވަނަ ދުވަހު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، ގާނޫނީގޮތުން ހަރުދަނާ ސަބަބެއް ނެތި އަދި ކޯޓު އަމުރެއްވެސް ނެތި ކިންގްސްގެ އެކައުންޓް ޑީއެކްޓިވޭޓްކޮށް، އެ އެކައުންޓުގައި ހުރި ފައިސާ ބީއެމްއެލްއިން ހިފަހައްޓާފައި ވަނީ ގާނޫނަށް ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށް އެދޭ ކަމަށެވެ. އަދި އެކައުންޓް ހިފެހެއްޓުމުގެ ސަބަބުން ކުންފުންޏަށް މާލީ ގޮތުން ގެއްލުންވެފައިވާތީ، ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ލިބިގެންވާ ކަމަށް ކަނޑައަޅައި ދިނުމަށްވެސް އެދިފައިވެއެވެ.

އެ ދައުވާއާ ގުޅިގެން ބީއެމްއެލްއިން ބުނެފައިވަނީ ދައުވާއަށް އިންކާރުކުރާ ކަމަށާއި އަދި ކިންގްސްގެ އެކައުންޓު، ބީއެމްއެލްއިން ހިފަހައްޓާފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށް ކަނޑައަޅައިދިނުމަށް އެދޭ ކަމަށެވެ.

ސިވިލް ކޯޓުން އެ މައްސަލަ ބެލުމަށްފަހު މިއަދު ކުރި ހުކުމުގައި ބުނީ، ބީއެމްއެލްއިން ކިންގްސްގެ އެކައުންޓް ޑީއެކްޓިވޭޓްކުރީ، ކިންގްސްގެ އެކައުންޓަށް ތަފާތު އެކިފަހަރު މަތިން ފައިސާ ޖަމާވަމުންދާ ސަބަބު ތަފުސީލުކޮށް ދިނުމަށް އެންގުމަށްފަހު، އެ އެންގިތާ އެއްދުވަސް ފަހުން ކަމަށެވެ. ކިންގްސް އެކައުންޓަށް ޖަމާވަމުންދިޔަ ފައިސާއަކީ މަނީ ލޯންޑަރިންގެ ފައިސާ ކަމަށް ތުހުމަތުކުރެވޭ އިރު، އެފަދަ މައްސަލައެއްގައި ބޭންކު އެކައުންޓް ހިފެހެއްޓޭނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ސިވިލް ކޯޓުގައި ހުކުމުގައިވެއެވެ.

ބޭންކާއި ކަސްޓަމަރާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، ބޭންކަށް ލިބިގެންވަނީ ޝައްކު ކުރެވޭ ފައިސާ ބަލައިނުގަތުން ކަމަށާއި ނަމަވެސް އެކްޓިވޭޓެޑް އެކައުންޓެއްގައި ހުރި ފައިސާ ކޯޓު އަމުރެއްގެ ދަށުން މެނުވީ ހިފެހެއްޓުމުގެ ބާރު ބޭންކަށް ލިބިގެންނުވާ ކަމަށް ސިވިލް ކޯޓުން ބުންޏެވެ.

ކޮންޓްރެކްޓާ ބެހޭ ގާނޫނުގެ ދަށުން އެއްބަސްވުމާ ހިލާފުވެއްޖެނަމަ، ހިލާފުވި ފަރާތަކުން ބަދަލުދޭން ޖެހޭނެކަން ބަޔާންކޮށްފައިވާ ކަމަށާއި ބީއެމްއެލްއިން ކިންގްސްގެ އެކައުންޓް އެއްބަސްވުމާ ހިލާފަށް އަދި ގާނޫނާ ހިލާފަށް ހިފަހައްޓާފައިވާތީ، ގެއްލުމުގެ ބަދަލު ހޯދުމުގެ ހައްގު ކިންގްސްއަށް ލިބިގެންވާ ކަމަށްވެސް ސިވިލް ކޯޓުން ކުރި ހުކުމުގައި ބުންޏެވެ.

މި މައްސަލަ ބެއްލެވީ ގާޒީ މަރްޔަމް ވަހީދުއެވެ.

ކިންގްސް ކުންފުނި ހިންގި ކަމަށް ތުހުމަތުކުރެވޭ ޕޮންޒީ ސްކީމުން ލިބުނު ފައިސާ އަލްހާން ލޯންޑާކޮށްފައިވާ ކަމަށް ފުލުހުން ވަނީ ތުހުމަތުކޮށްފައެވެ. ފުލުހުން ބުނެފައިވަނީ ކިންގްސްއިން އާއްމުކޮށް ހުޅުވާލައިގެން ރާއްޖޭގެ މާލީ ސެކިއުރިޓީޒްގެ ގާނޫނާއި ގަވާއިދާއި އުސޫލުތަކާ ހިލާފަށް އިންވެސްޓްމެންޓް ސްކީމެއް ތައާރަފުކޮށް، އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކައި މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި، އެ ފައިސާ ލޯންޑުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.

އެ މައްސަލައިގެ ތަހުގީގަށް ފުލުހުން ވަނީ އަލްހާންއާ ސުވާލުކޮށްފައެވެ. އަދި ވަނީ ކޯޓު އަމުރެއްގެ ދަށުން އަލްހާންގެ ފޯނު ވެސް ވަނީ ހިފަހައްޓައިފައެވެ. އަދި ކިންގްސްގެ އޮފީސްވެސް ބަލައި ފާސްކޮށްފައެވެ.